ދަ ޑިމޮކްރެޓްސްގެ ކެމްޕޭނަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަދި ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބާއި، ޕާޓީގެ ބާނީ އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ފުވައްމުލަކަށް ވަޑައިގެންފިއެވެ.

ދެ ދުވަހުގެ ދަތުރުފުޅުކަށް އެ ދެބޭފުޅުންގެ ފުވައްމުލަކަށް ކުރައްވާއިރު އެ ސިޓީގެ އެކި އަވަށްތަކުގެ ރައްޔިތުންނާއި ބައްދަލުކޮށް ކެމްޕޭނުގެ އެކި ހަރަކާތްތައް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.

ރައީސް ނަޝީދާއި އިލްޔާސް ވަނީ އައްޑޫ ސިޓީ އާއި ދ އަދި ތ. އަތޮޅަށް ވަޑައިގެން ރައްޔިތުންނާއި މީގެ ކުރިން ބައްދަލުކުރައްވާފައެވެ.

ޑިމޮކްރެޓްސްއިން އަންނަނީ އިލްޔާސްގެ ކެމްޕޭނުގެ ތެރެއިން މާލެއާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހަރަކާތްތައް ހިންގާ ޕާޓީގެ މެންބަރުން އިތުރު ކުރުމުގެ މަސައްކަތް ވެސް ކުރަމުންނެވެ. އަދި ޕާޓީގެ އެކި ސިޔާސަތުތައް އިއުލާނުކޮށް އެ ސިޔާސަތުތަކާގުޅޭ މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދެމުންދެއެވެ.

ސެޕްޓެމްބަރު 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ޑިމޮކްރެޓްސްގެ ޓިކެޓުގައި އިލްޔާސް ވާދަކުރައްވާއިރު އޭނާގެ ރަނިންމޭޓަކީ އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރެވެ.