އެގާރަ އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ގެއަށް ބަދަލުކޮށްދެއްވުމަށް ރައީސް އިބްރާހީމް މުހައްމަދު ޞާލިހު އަރިހުގައި އާދޭސް ދަންނަވާފައިވާނެ ކަމަށް ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ދެ ޕާޓީގެ އިސް ބޭފުޅުންނާ އެކު ޕީޕީއެމްގެ އޮފީހުގައި ބާއްވަމުންގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
މީގެ އިތުރުން މުޢިއްޒު ވިދާޅުވީ ރައީސް ޔާމީން ޖަލު ބަންދުގައި ހުންނަވާތީ އެމަނިކުފާނަށާއި އެމަނިކުފާނުގެ އާއިލާއަށްވެސް ވަރަށް ބޮޑު ނިކަމެތިކަމަކާއި ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ. އަދި އެމަނިކުފާނު ގެއަށް ބަދަލުކުރެއްވިއެއް ކަމަކު ރަށްރަށަށް ކެމްޕެއިން ދަތުރުތަކުގައި ނުދެވޭނެކަމަށާއި އެހެންކަމުން އެމަނިކުފާނު ގެއަށް ބަދަލު ކޮށްދެއްވުމަށް ތަކުރާރުކޮށް ރައީސް ޞާލިހު އަރިހުން އެދިވަޑައިގެންނެވި ކަމަށް މުއިއްޒު ވިދާޅުވި އެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ ރައީސް ޞާލިހު ގުޅުއްވާ އެމަނިކުފާނު ގެއަށް ބަދަލުކުރަންވީ ނޫންތޯއާއި އަދި މިހިނދުން މިހިނދަށް އެކަން ކޮށްދެއްވަން އާދޭސް ދަންނަވާފައިވާ ކަަމަށެވެ.
މުޢިއްޒު ވިދާޅުވިގޮތުގައި ރައީސް ޞާލިހުގެ ޖަވާބުގައި ވިދާޅުވީ "ތިކަމާ ވިސްނާނަމޭ" އެވެ. އަދި މިއަދުވެސް އެ އެދުމަށް އިޖާބަ ދެއްވުމަށް އެދިވަޑައިގަންނަވާކަމަށްވެސް ވިދާޅުވިއެވެ.
ޕީޕީއެމް ޕީއެންސީ ކޯލިޝަނުން މަސައްކަތް ކުރަނީ އެއް އަމާޒަކަށް ކަން ފާހަގަކުރައްވައި މުއިއްޒު ވިދާޅުވީ އެމަނިކުފާނު އިންތިހާބުވެއްޖެ ނަމަ ފުރަތަމަ ދުވަހު ރައީސް ޔާމީނަށް ހައްގު އިންސާފު ގާއިމްކޮށްދެއްވާނެ ކަމަށެވެ.