ކުރިއަށް އޮތް އިންތިހާބު ކާމިޔާބުކޮށް، އެންމެ އިސްކަމެއް ދެއްވައިގެން ކުރައްވާނެ ކަމަކީ ގާނޫނީ ހަމަތަކުގެ މަތިން ޔާމީން މިނިވަން ކުރުން ކަމުގައި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު އެހެން ވިދާޅުވީ މިރޭ ޕީޕީއެމް-ޕީއެންސީގެ ލީޑަޝިޕް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

މި ބައްދަލުވުމުގައި އެމަނިކުފާނު އިތުރަށް ވިދާޅުވީ އެ ކޯލިޝަނުން ނުކުމެ ތިއްބެވީ އެއް އަޒުމެއްގައި، ބަދަހިކޮށް ކަމަަށާއި ލީޑަޝިޕްގެ ތރޭގައި އެއްވެސް ހިޔާލު ތަފާތުވުމެއް ނެތް ކަމުގައެވެ.

މިކަމުގައި އަޅުގަނޑުމެންގެ ސަފު މި އޮތީ ބަދަހިކޮށް. އަޅުގަނޑުމެންގެ ލީޑަޝިޕްގެ ހުރިހާ އެންމެން މި ތިބީ އެކުގައި. ރައީސް އަބްދުއްރަހީމާއި ދެ ޕާޓީގެ ލީޑަޝިޕްގެ ހުރިހާ އެންމެން އެކުގައި މި ތިބީ. އަޅުގަނޑުމެންގެ ތެރޭގައި މިކަމުގައި ނެތް، ހިޔާލުތަފާތުވުމެއް،"
މުއިއްޒު ވިދާޅުވި އެވެ

އަދި މިތިއްބެވީ އިހުލާސްތެރި ކަމާ އެކީގައި އެއް ޓީމެއްގައި، އެއް ރޫހެއްގައި ނުކުމެ، މި މަސައްކަތް ކުރުމަށްކަމަށްވެސް މުޢިއްޒު ވިދާޅުވިއެވެ.

ޕީޕީއެމް-ޕީއެންސީ ކޯލިޝަންގެ ކޮންމެ ނިންމުމަކީ ޔާމީންގެ ލަފާފުޅާ އެއްގޮތަށް ނިންމާ ނިންމުމެއް ކަމުގެ ޔަގީންކަން އެ ކޯލިޝަނުން ވަނީ ދެއްވައިފަ އެވެ. އަދި ރިޔާސީ ކެމްޕޭންގެ ކަންކަން ވެސް ކުރިއަށްދާނީ ޔާމީން އަންގަވާ ގޮތުގެ މަތިން ކަމަށާއި ދުއާއަކީ އިންތިހާބު ބޭއްވުމުގެ ކުރިން އެމަނިކުފާނު މިނިވަންވެ ވަޑައިގެން ކެމްޕޭނުގައި ބައިވެރިވެވޭނެ ގޮތް މެދުވެރިވުން ކަމަށް ވެސް ވިދާޅުވި އެވެ.