އިންތިހާބުގެ މޫސުމް ފެށިއްޖެއެވެ. އެކި ފަރާތްތަކުގެ ތަފާތު ވައުދުތަކާއި އަހުދުތައް ޖެހެމުންދާ ވައިގައި ހަރުލައިފިއެވެ. ނުކުތް ކޮންމެ ދިމާއަކުން ވެސް އިވެނީ ތައުރީފާއި ސަނާގެ އެކިކަހަލަ ރާގުތަކަށް އެއްހަމަކޮށްފައި ކިޔާ ތަފާތު އެކި ލަވަތަކުގެ އަޑުތަކާއި ހިޔާލު ފާޅުކުރުންތަކުގެ އަޑެވެ. އިއްޔެއާ ހަމައަށް ނިކަމެތިންގެ ޖިފުޓީތަކުގެ ކުރިމައްޗަށް އަރަން ފަސްޖެހެމުން އައި "ބޭކަލުންތަކާއި ބޭކަނބަލުން" ތައް އަދު "ވޯޓަށް" އެެދި ސަލާންޖަހަން ފަސްބައި ފަތުރައިގެން އަތްދިއްކުރަނީއެވެ.

ކޮންމެ ދުވަހަކު އެތައް ހަރަދުތަކެއް ކޮށްގެން އާ ޖަލްސާއެއް ބާއްވައި އާ ވައުދުތަކުން ހިތްތައް ފުރުވަމުން ދާއިރު ހަމައަނެއްކޮޅުން ކޮންމެރެއަކު އެހެން ބައްދަލު ކުރެއްވުމެއްގައި ކޮންމެވެސް އެހެންކަމަކަށް ދޭ އުންމީދުތަކުގެ ބަަސްތައް މެދުކެނޑުމެއްނެތި އިވެން މިވަނީ ފަށާފައެވެ. އިންތިހާބުގެ ވަގުތު ކުޑަތަން ވަމުން އަންނައިރު ވައުދުތަކުން ހިތްތައް ލަންބުވަން އެއްބަޔަކު ކެނޑިނޭޅި ފޮނިބަސްތަކުން ޔަގީންކަންދޭއިރު އަނެއްބަޔަކު އެންމެ ފަސޭހައިން ފަރުދުންގެ ހިތްޖެހޭނެ އެހެން ކަމަކަށް އަހުދުކަށަވަރުކުރަނީއެވެ. އެކިޕީޯޑިއަމްތަކުން އެކިކަހަލަ ވައުދުތަކުގެ އަޑު އިވެމުންދާއިރު ރައްޔިތުން ހިތްރުހޭނެހެން ރުހުން ލިބޭނެހެން ބުނާ ކޮންމެ ވާހަކައެއް ތެދަކަށް ނުވާނެތާއެވެ.

ސުވާލަކީ އެއް އެއް ބޭފުޅަކަށްވުރެ ބާރުލާފައި އަނެއްބޭފުޅަކު އެ ވެވަޑައިގަންނަވާ ބޮޑެތި، އުސް ވައުދުތައް ފުއްދޭނެގޮތެއް މަގެއް އޮތްތޯ ވިސްނާލަނީ ކިތައް މީހުންބާވައެވެ. ދިވެހިރާއްޖޭގެ އިގުތިސާދީ ހާލަތު ހުރިނެތް ގޮތް އެނގޭ، ވިސްނޭ ކިތައް ފަރާތްތައް އުޅޭބާވައެވެ. ރާއްޖޭގެ އިގްތިސާދުގައި އެވިދާޅުވަމުންދާ ކަންތަކުގެ ތެރެއިން އުފުލޭވަރުގެ ބުރަދަން ހުރީ ކޮން ވައުދެއްގައިތޯއެވެ. އެއްވެސް ފަރާތަކުން މިއިން ކަމަކާ މެދު ވިސްނާލިބާވައެވެ.

އާބާދީގައި ދެތިން ހާސް ކިރިޔާ ހަމަވާ ރަށްރަށުގައި އެއާޕޯޓް ތައް އެޅުމުގެ ކުލަތަސްވީރުތަކެވެ. ފުލެޓުތަކާއި ބިންތައް ދީ އެދޭ ކޮންމެމީހަކަށް ބޯހިޔާވަހިކަން ދޭނެ ކަމުގެ ޔަގީންކަމެވެ. މިހާރު ކުލި ދައްކަން ޖެހިފައިވާ ފަރާތްތަކުގެ ކުލި މާފުކޮށްދޭނެ ވާހަކައެވެ. ބޮޑެތި ލޯނުތައް ނަގައިގެން ހަދާފައިވާ ފްލެޓްތަކުގެ ކުލި މުޅިން މާފް ކޮށް "ހިލޭ" ކޮށްދޭނެ ވާހަކައެވެ. ގައުމުގެ ކޮންމެ ފަރުދަކީ ވަޒީފާ އޮތް މީހަކަށް ހަދާނެ ވާހަކައެވެ. ޓެކްސް ލުއިކޮށްދޭނެ ނުވަތަ ޓެކްސް މަނާކޮށްދޭނެ ކަމުގެ އުފާވެރިހަބަރެވެ. ދަތުރުފަތުރު ހިލޭވެގެންދާނެ ވާހަކަވެސް އިވިއްޖެއެވެ.

ގައުމުގެ ކޮންމެ ކުއްޖަކީ ވަޒީފާއަށް ގާބިލު ތައުލީމު ހުރި ދަރިއަކަށް ހަދާނެކަމުގެ ޔަގީންކަންދީފިއެވެ. ބަލާލަން މަންޒަރު ރީތިކަމަށްވިޔަސް އެކަން ކުރެވޭނީ ކޮންގޮތަކުން ކިހިނެއްތޯ ވިސްނާލީ ކިތައް މީހުންބާވައެވެ. ގައުމުގެ އިގްތިސާދުގެ ދެފައިގައި މިހުރިހާ ޒިންމާއެއް އުފުލާލައިގެން ކޮޅަށް ހުރެވޭނެ ބާރު ހުރިތޯ ވިސްނާލިބާވައެވެ. ރާއްޖޭގެ އިގްތިސާދުގައި ހަކަތަ ހުރިމިންވަރާއި މިޕްރޮޖެކްޓްތައް ހިންގާނެ ހަކަތަ ހުރިތޯ ބަލައިލުމަކީ މުހިންމުކަމެއްކަމުގައި ދެކެނީކ ކިތައް މީހުންބާވައެވެ.

ދުލުން ބަހެއް ބުނެލުމަކީ ކިތަންމެހާވެސް ފަސޭހަކަމެކެވެ. އެކަމަކު ބުނާ ހުރިހާ ބަހަކީ ތެދުކުރަން ޖެހޭ ބަހެއްކަމުގައި ވިސްނާ މީހަކު ނެތްކަހަލައެވެ.

މި އަހަރުގެ ނިޔަލަށް ރާއްޖޭގެ އިގްތިސާދީ މުހިންމު ތަފާސް ހިސާބުތަކަށް ބަލާލާއިރު، ޖުމްލަ އާމްދަނީ އަކީ 32.09 ބިލިއަން ރުފިޔާއެވެ. ޖުމްލަ ހަރަދަކީ 40.46 ބިލިއަން ރުފިޔާއެވެ. އަދި ޖުމްލަ ދަރަންޏަކީ 113 ބިލިއަން ރުފިޔާއެވެ. އުފެއްދުންތެރިކަމަށް ބަލާލާއިރު އުފެއްދުންތެރިކަމުގެ ނިސްބަތުން ބޮލަކަށް ޖެހޭ އާމްދަނީއަކީ 123،829 ރުފިޔާއެވެ.

ގައުމުގެ ކުރިމަގަށް ހުރި އިގްތިސާދީ ހުރަސްތަކަށް ބަލާލާއިރު: އާމްދަނީއަށް ނުބަލާ، އެއާމްދަނީގެ މައްޗަށް ހަރަދުތައް ބައްޓަންކޮށް، ގައުމުގެ ދައުލަތުން ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތައް ލިބެނީ ހިލޭ ކަމަށް ދުށުމަކީ ވަރަށްބޮޑު ޗެލެންޖެކެވެ،

ރާއްޖޭގައި ގައުމަށް ލިބޭ އާމްދަނީއަށް ބިނާކޮށް ހަރަދުތައް ކުރުމެއް ރާއްޖޭގަ ނެޔެވެ. ދިވެހި ރައްޔިތުންވެސް، ސަރުކާރުންވސް އަދި ސިޔާސީ ފަރާތްތަކުންވެސް ކުރެވޭ ހަރަދުތައް ހުންނަންވާނީ އާމްދަނީއާ އަޅާކިޔައި އެއާއެއްވަރަށް ކަން ގަބޫލެއް ނުކުރެއެވެ. އެހެންނަމަވެސް ވިސްނޭ ހަމަބުއްދިއަކުން ވިސްނާލަބަލާށެވެ.

ގައުމު ދަރާފައި އޮންނަ ވަގުތެއްގައި އިގުތިސާދަށް ކިރިޔާވެސް ކުޑަގުޑުމެއް އަޔަސް އޭގެ ނުބައި އަސަރު އެންމެންނަށް ކުރާނެ އެވެ. ދާދިފަހުން އަވަށްޓެރި ސްރީ ލަންކާއަށް ދިމާވި ގޮތްހަނދާން ހުރި ފަރާތެއްނަމަ ނިކަން ބުނެބަލާށެވެ. މިއިވޭ ވައުދުތަކުގެ ބަރުދަން އުފުލާނެ ހަކަތަ ރާއްޖޭގެ އިގުތިސާދުގައި އެބަހުރިހެއްޔެވެ. އެއްވެސް ނުފޫޒެއް ނެތި އަމިއްލަ ގައުމުގެ، އަދުއްވަކަށް ނުވެ ހިކުމަތްތެެރި ކަމާއެކު އިވޭ އެފަދަ ވާހަކަތަކާމެދު ވިސްނުންތެރި ނަޒަރިއްޔާތަކުން ބަލައި ގޮތް ނިންމާށެވެ. ބޭންކްތަކުން ނަގާފައިވާ ބޮޑެތި ލޯނުތަކުން އަޅާފައިހުރި ފްލެޓުތަކަށް ކުލި ނުނަގަންޏާ އެލޯނުތައް ދައްކާނީ ކިހިނެއްތޯ، ކޮންމެ ރަށެއްގައި އެއާޕޯޓު އެޅީމަ ހަމައެކަނިނިމުނީތޯ ސުވާލު އުފެދެންވާނެއެވެ.

ހިލޭ ދޭން ބުނާ ކޮންމެ ކަމެއް ހިލޭ ނުވާނެއެވެ. ހިލޭ މިއީ ބުނަން ދުލަށް ފަސޭހަ ނަމެވެ. އެކަމަަކު ގައުމު ދަރަނިން ސަލާމަތްނުވެގެން އުޅެނިކޮށް އަނެއްކާވެސް އިތުރު ދަރަނިތަކަކަށް ދިއުމުގެ ކުރިން ތިމާ ގަބޫލު ކުރާނީ ކޮންފަރާތެއްގެ ވާހަަކަތޯ އަމިއްލައަށް ނިންމާށެެވެ. ރާއްޖޭގެ ދަރަނީގެ ހާލަތާއި އުފެއްދުންތެރިކަމުގެ ނިސްބަތަށް ބަލާ ކުރިއަށް އޮތް ޖީލުތަކުގެ ބޮލުގައި އެތައް ބިލިއަން ރުފިޔާއެއްގެ ދަރަނި އެޅުވިދާނެ ކަންތަކުން ގައުމު ސަލާމަތް ކުރާށެވެ. އިގްތިސޯދު ހަލާކުވުމަށް ދޫކޮށްނުލާށެވެ. ގައުމާ އެކަށީގެންވާ ކަންތައްތައް ގަބޫލުކޮށް އެ ކަންކަމަށް އާނ ބަސް ބުނާށެވެ. ދިވެއްސަކަށް ވީތީ ތިމާގެ ގައުމު ރައްކާތެރިކުރުމަކީ ތިމާގެ ފަރުދީ ޒިންމާއެއްކަން ހަނދާނުގައި ބަހައްޓާށެވެ.