ހުއްދަ (2)

1

ތަރުޖަމާ: ޢަބްދުﷲ ނަޢީމު އިބްރާހީމް

(19 ޖުލައި 2013 ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
“ރޫޕް- އަހަރެންގެ މައްޗަށް، އަހަރެންގެ ލޯބީގެ މައްޗަށް އިތުބާރު އެބަ އޮތެއްނު ދޯ-؟ އަހަރެން ލޯބި ވަނީ ހަމައެކަނި ރޫޕް ދެކެ ކަމަށް ޤަބޫލު ކުރަމެއްނު-؟ މީގެ ކުރީގެ ހުރިހައި ގުޅުމަކާއި، ރަޙްމަތްތެރިކަމެއް ރޫޕަށްޓަކައި ދޫކޮށްލި ކަމަށް ޤަބޫލު ކުރަމެއްނު-؟ ޤަބޫލު ކުރަމެއްނު ދޯ-؟”

Advertisements

“ރަޙްމަތްތެރިންތަ-؟ ނޫނީ ލޯބިވެރިންތަ-؟” ރޫބީ އޭނާ ގިލިގިލި ކޮށްޓަން ފެށިއެވެ.

އާނ… އާނ… ލޯބިވެރިން- ޤަބޫލު ކުރަން- އެކަމަކު އެއީ ޖާހިލު ދުވަސްވަރެއްނު-؟ ރޫޕް- އެކަމަކު މިހާރު އަހަރެން މިއީ ހަމައެކަނި ކަމަނާގެ މިލްކެއް- ކަމަނާއަކީ އަހަރެންގެ މިލްކެއް-”

“އާނ- ތިޔައީ ތެދެއް- ތިޔައީ ހަމަ އެނގެންއޮތް ކަމެއް- ޝައްކު ކުރެވެނީތަ-؟ ބުނެފިއްޔާ އަހަރެން އަޑުގައި ނެތް ތަނަށް ގޮވައިވެސްފާނަން- އަހަރެން ރިޒާ އަޙްމަދު ދެކެ ލޯބިވޭ- އަޑުއަހާ… ގަސްތަކާ… ދޫނިތަކާ… ކާޅުތަކާ…”

ރޫބީ ތެދުވެ ހުރެގެން ބާރަށް ގޮވަނީއެވެ.

“ތިޔައީ ހަމަ ފައްކާ މޮޔައެއް- މިތާނ އިށީނދޭ- ރޫޕްގެ ތިޔަ ކަހަލަ ކަންތައްތަކާ ހެދި އަހަރެން މޮޔަ ވަނީ-” ރިޒާވެސް އޭނާގެ މަޖަލުގައި ބައިވެރި ވެއްޖެއެވެ.

“އެންމެ ރަނގަޅު- ކުޑަ އިރުކޮޅަކަށް ސީރިއަސް ވަމާ ހިނގާ- އަހަރެން ދައްކަން ވެފައި އޮތް ވަރަށް މުހިއްމު ވާހަކައެއް އެބަ އޮތް-”

“އަވަހަށް ބުނޭ-”

“ދެ މީހުން މިތިބީ ބޮޑު ވެފައެއްނު-؟ ދެ މީހުންނަކީ ވިސްނުންތެރި، ބުއްދިވެރި ދެ މީހުން- ރަނގަޅު ގޮތާއި، ނުބައި ގޮތް ވަކި ކުރަން ދެ މީހުންނަށްވެސް އެނގޭ- އަމިއްލަ ކަންތައްތައް ބޭނުން ގޮތަކަށް ނިންމުމުގެ އިޚްތިޔާރުވެސް ދެ މީހުންނަށް އެބަ އޮތް- ބޯދާ ޚިޔާލު ތަކަކަށް ތާއީދެއް ނުކުރަމެއްނު ދޯ-؟ج ރިޒާ ވާހަކަ ދެއްކިއެވެ.

“އާނ-” ރޫބީ އަށް އެއްވެސް އެއްޗެއް ނުވިސްނުނު ނަމަވެސް އެއްބަސްވުމުގެ ގޮތުން ބޯ ޖަހައިލިއެވެ.

“އެހެންވީމާ…”

“އެހެންވީމާ ކީކޭ…؟”

“އެނގިގެންބަލަ- އަހަރެން ބޭނުން ވަނީ ރޫޕް ޙާސިލު ކުރަން-” ރިޒާ މީގެ ކުރިން ދުވަހަކުވެސް މި ކަހަލަ ގޮތަކަށް ވާހަކައެއް ނުދައްކަ އެވެ. އޭނާގެ ލޮލުން ފެންނަނީ އެހެން ކަހަލަ އައު ޖަޒުބާތެކެވެ. ރާގެ މަސްތު ކަހަލަ މަސްތެކެވެ.

“އަހަރެން ބޭނުން ވަނީ ދެ މީހުންގެ ދެމެދުގައި އެއްވެސް ކަހަލަ ދުރުކަމެއް ނޯންނަ ގޮތް ވާން-”

ރޫބީ ރިޒާ އާ ކައިރި ވެލިއެވެ. އަތް ތެމެން ފަށައިފި އެވެ. ކުއްލިއަކަށް ވިދައިލައިފިއެވެ. އެޔާއެކު ގުގުރައިލައިފި އެވެ. ރޫބީ ލަތްކަކާއެކު ރިޒާއާ ދުރަށް ޖެހިލިއެވެ.

“ނޫނޭ… ނޫނޭ… އެހެންނެއް ނުވާނެ-”

“ކިހިނެއްވީ-؟ އެހެން ނުވާންވީ ކީއްވެގެން-؟ އެއީ މުހިއްމު ކަމެއް ކަމަށް ނުދެކެނީތަ-؟ ބުނެބަލަ-؟ ލޮޓަސް މާ ނެތިއްޔާ ފެންގަނޑުގެ ރީތިކަމެއް ފެނޭތަ-؟”

“އެންމެ ރަނގަޅު- ދެން ތިޔަ ވާހަކަ ހުއްޓައިލާ- ތިޔަ މައްސަލަ އާ މެދު ފަހުން ވިސްނާނީ- ހަމަޖެހިލާ- ބުއްދީގެ ބޭނުން ކުރޭ- ދުނިޔޭގައި އޮތް ކޮންމެ މައްސަލައަކަށް ޙައްލެއްވެސް ވަނީ ލައްވާފައި- ތިޔަ މައްސަލައިގެ އެކި ކޮޅުކޮޅަށް ވިސްނާނީ-”

“ވިޔާނުދާ ވާހަކަ ނުދައްކާ ރޫޕް- ކޮންމެ ކޮންމެ ކަމަކީ މުދައްރިސަކަށް ވެގެން ވާހަކަ ދައްކާ ކަހަލަ ކަމަކަށް ނުހަދާ-”

ވެލީގެ ގަނޑުވަރެއްހެން ރޫޅިގެން ދާން އުޅެނިކޮށް ރޫބީ އަތް ދަބަހުން ބުރުހެއް ނަގައިގެން ބޯ އޮމާން ކުރަން ފަށައިފިއެވެ. އެއީ އޭނާގެ ހިތަށް ވަންނަ ބިރުވެރިކަން ފިލުވާލަން މަސައްކަތް ކުރާ ގޮތެވެ.

“ރިޒާ- ޓީންއޭޖްގެ ކުދިން ދައްކާ ކަހަލަ ވާހަކަ ނުދައްކާ- ރިޒާ އަކީ ޒުވާން ފިރިހެނެއްކަން އަހަރެންނަށް އެނގޭ- އަދި ރިޒާގެ ބޭނުން ތަކެއް ހުންނާނެކަންވެސް އެނގޭ- އެ ބޭނުންތައް ފުއްދައި ދިނުމަކީ އަހަރެންނަކަށް ކުރެވޭނެ ކަމެއް ނޫން- އަހަރެންގެ ކުރިން ރިޒާ އާ އެހެން އަންހެން ކުދިންނާ ގުޅުން އޮތް ކަމާއި، އެ ކުދިން ދޫކޮށްލީ އަހަރެންގެ ސަބަބުން ކަންވެސް އެނގޭ- އެކަމަކު އެއީ އަހަރެން މަޖުބޫރު ކޮށްގެން ކުރި ކަމެއް ނޫނެއްނު ދޯ-؟ މަޢާފް ކުރޭ- ތިޔައީ ރިޒާގެ އަމިއްލަ މައްސަލައެއް- އަހަރެންގެ މައްސަލައެއް ނޫން- މިހާރު ތިޔަ އުޅެ ގޮތަކީ ރިޒާ އަމިއްލައަށް ޚިޔާރު ކުރި ގޮތެއް- ތިޔަ ގޮތަށް އަހަރެން ތާއީދު ކުރަން- އެކަމަކު އަހަރެންކަށް ވެދެވޭނޭ އެހީއެއް ނެތް- ތިޔަ ގުޅުމަކީ އަހަރެން އެއްބަސްވާ ގުޅުމެއް ނޫން- އެއީ އަހަރެންނަކަށް ބޭނުން ކަމެއް ނޫން- “ރޫބީ ދިގު ތަޤްރީރެއް ކުރިކުރީނުން ރިޒާ ބަލި ކޮށްލައިފިއެވެ.

އެހެން ނަމަވެސް ރިޒާވެސް ޖަވާބުގައި ވާހަކަ ދެއްކި އެވެ. “ސާފުކޮށް ނުބުނަން ތިޔަ އުޅެނީ ކީއްވެގެން-؟ މިހާރުވެސް ރޫޕްގެ އެތެރޭގައި އޮތީ ހަމަ އެއްކަލަ ފިނޑި، ބޯދާ ޚިޔާލުގެ، އިރުމަތީގެ އަންހެން ކުއްޖެއް- އަބަދު އިންނަނީ ބިރުން ސިހިސިހި- ސަގާފީ އާދަކާދަ އާއި، ދީނީ ހިހިލާއިން އަދިވެސް ސަލާމަތެއް ނުވެވޭ- ކިތަންމެ ލަވައެއް ކިޔަސް، ކިތަންމެ މިނިވަނޭ ކިޔަސް، އަދިވެސް ތިޔަ އުޅެނީ ބައެއްގެ ދަށުގައި އަނިޔާ ލިބޭ ބައެއްގެ ގޮތުގައި- އެހެން ވަނީ ތިމަންމެންގެ ސަލާމަތްކަން އޮތީ އެ ގޮތުގައޭ މިހާރުވެސް ހިތަށް އަރާތީ- އަމިއްލަ ޖަޒުބާތު އޮއްބާލުމާއި، އަމިއްލަ ހިތަށް މަކަރު ހެދުމާއި، އިންސާނީ އިޙްސާސްތައް ފޮރުވުމާއި، އެދުންތަކަށް ފައިން އަރައި ޗިސްކުރުމަކީ ކޮން ކަހަލަ އިންސާފެއް-؟ ތިޔަ އުޅެނީ އަމިއްލަ ނަފްސަށްވެސް އޮޅުވާލައިގެން- ޚުދު ތިމާގެ އަމިއްލަ ބޭނުންތައްވެސް ހުރީ ހަމަ މި ކަހަލަ ގޮތަކަށް- އެކަމަކު އެއްބަސް ވާކަށް ބޭނުމެއް ނުވޭ-”

މަޞްނޫޢީ ރުޅިވެރިކަމަކާއެކު އަތް ދޫކުރުވަން ރިޒާ އުޅުނެވެ. އެކަމަކު ރޫބީ ހިފަހައްޓާފައި ހުރީ އެއަށް ވުރެ ބާރަށެވެ. އެހެންވީމާ ދޫކުރުވޭ ގޮތެއް ނުވިއެވެ.

“ދެކޮޅު ހަދާ ސަބަބަކީ ކޮބާ-؟” ކޮންމެވެސް ޖަވާބެއް ހޯދަން ރިޒާ ބޭނުން ވެއެވެ.

“ސަބަބު-؟” ރޫބީ ކުޑަކޮށް ހާސް ވެއްޖެ އެވެ. “ކޮންމެ ސަބަބަކަށް ވިޔަސް ހެޔޮ- އަހަރެން ދެކޭ ގޮތުގައި ޙަޤީޤީ ލޯތްބަކީ އެކަކު އަނެއްކެއްގެ އިޙްސާސްތައް ޙިއްސާ ކުރުމާއި، ވިސްނުމުގެ ގުޅުމާއި، މުވާޞަލާތު- ކައިރިވުމަކީ ކުޅިވަރެއް ނޫން- އެއީ ދެ ފަރާތެއްގެ ދެމެދުގައި ވެވޭ ވަރަށް ވަރުގަދަ އެއްބަސްވުމެއް- އެއީ ހަމައެކަނި ފޫހިފިލުވައިލުމެއް ނޫން- އެއީ ދެ ހިތެއްގެ ދެމެދުގައި އޮންނަ ހަނިހަނި މަގެއް- އެ މަގުގެ އަހަންމިއްޔަތަކާ މެދަކު އަހަރެން ދެކޮޅެއް ނުހަދަން- އެކަމަކު ކާވެންޏެއް ނުކޮށް…”

ރޫބީގެ ވާހަކައިގެ އެންމެ ފަހު ބައި އޭނާގެ ދުލުކުރީގައި އޮވެ މަރު ވެގެން ދިޔައީއެވެ.

“ކާވެނި… ކާވެނީގެ ވާހަކަ ކުއްލިއަކަށް ތިޔަ ފެށީ ކީއްވެގެން-؟ އަހަރެމެން ކާވެނީގެ ވާހަކަ ނުދައްކަމެއްނު-؟ ކާވެންޏަކީ ދެ އިންސާނެއްގެ ދެމެދުގައި އުފެދޭ ގުޅުމެއް ނޫން- އެ ދެ އިންސާނެއްގެ ތަފާތު ހުވަފެންތައް ފުށުއެރުން-” ރިޒާވެސް ވާހަކަ ދައްކަމުން ދިޔައީ ހުޅުވިފައިވާ ހިތަކާއިގެންނެވެ.

“އަހަންނަށް ތިޔަކަން އެނގޭ- ވިސްނޭ- ކާވެނި ކަހަލަ ވިޔާނުދާ ގުޅުންތަކާ ޚުދު އަހަރެންވެސް ދެކޮޅު ހަދަން- އެއީ އަންހެންމީހާ އަޅަކަށް، އަދި ފިރިހެންމީހާ ސާހިބަކަށް ހަދާ ގުޅުމެއް- އަހަރެން ބޭނުން ވަނީ އަހަރެންގެ މައިންބަފައިންނަށާއި، މުޅި އަންހެންވަންތަކަމަށް ޚިދުމަތްތަކެއް ކުރަން- އަހަރެން ބޭނުން ވަނީ އަމިއްލަ ފައި މައްޗަށް ތެދުވަން- އަހަރެންނަކީވެސް އަގެއް ހުރި މީހެއްކަން ސާބިތުކޮށްދޭން- ކާވެނީގެ ކަންތައްތަކުގެ ތެރެއަށް ވަންނާކަށް އަހަރެން އެއްގޮތަކަށްވެސް ބޭނުމެއް ނުވޭ- އެންޑް އޮފް ރޫބީ ޚާން ގެންނާކަށް ބޭނުމެއް ނުވޭ-”

ރޫބީ އަނެއްކާވެސް ތަޤްރީރު ކުރަން ފެށިއެވެ.

“އެންމެ ރަނގަޅު އަހަރެން މިބުނާ ގޮތަށް ހަދަމާ ހިނގާ-” އޭނާ ވަރަށް ލޯބިން ރިޒާގެ މޫނުމައްޗަށް ވެއްޓިފައިވާ އިސްތަށިތައް ރަނގަޅު ކޮށްދެމުން ބުނެލިއެވެ. “އަހަރެމެން ދެ މީހުންނަކީ ވަރަށް ގާތް ދެ ރަޙްމަތްތެރިން- އަހަރެން ރިޒާ ދެކެ ނިހާޔަތަށް ލޯބިވަން- އެހެންވީމާ ރިޒާގެ ކަންތައްތަކާ ވިސްނާއި، ހިތް ހަމަ ޖައްސައި ދިނުމަކީ އަހަރެންގެ ވާޖިބެއް- އެހެންވީމާ މިއަދު ވަކި ކަހަލަ އެއްބަސްވުމަކަށް އަންނަމާ ހިނގާ- ދެ މީހުން އެކަކު އަނެކަކު ދެކެ މިހާރުވެސް މިވާ ވަރަށް ލޯބި ވާނީ- އަހަރެން ދެކެ ހަމަ ތިޔަ ވާ ވަރަށް ލޯބިވޭ- އެކަމަކު ތިޔަ ބުނާ އަނެއް ބޭނުން ފުއްދަން އެހެން ކުއްޖަކު… އެކަމަކު އެއީ ޝަރުެއްގެ މަތިން… އެ ގުޅުމުގައި އެއްވެސް ކަހަލަ ޖަޒުބާތެއްގެ އަސަރު ހުރެގެން ނުވާނެ-” ރޫބީ އޭނާގެ ނިންމުން އިއްވައިލި އެވެ.

“އައްދޭ- ތިޔައީ ކޮން ކަހަލަ ވާހަކައެއް-؟” ރިޒާ ކުޑަ ކުއްޖެއްހެން ބޮޑާ ހާކާ ކަހަލަ ރާގަކަށް ބުނެލިއެވެ. “ތިޔަ ކަމެއް އަހަންނަކަށް ނުވާނެ- އެހެން ހަދާނީ ކިހިނެއް-؟ ލޯބި ވަކި މީހަކު ދެކެ ވެފައި، އެހެން މީހަކާ އެކީ…”

“ރިޒާ ތިޔައީ ހަމަ ފައްކާ މޮޔައެއް- އަހަރެންގެ މި މޮޅު ޚިޔާލާ ތިޔަ ހަދަނީ ދެކޮޅު- މި ކަހަލަ ފުރުޞަތެއްގެ ބޭނުން ހިފަން ވާނެ- އަހަރެން ކަހަލަ އަންޑަރސްޓޭންޑިންގ އަންހެން ކުއްޖަކު ފެންނާނީ ކޮން ތަނަކުން-؟”

ރިޒާ އޭނާގެ އެދުންތަކަށް ރޫބީ ބޯ ލަނބާތޯ ލައްކަ ދުވަހު މަސައްކަތް ކުރިއެވެ. އެހެން ނަމަވެސް ރޫބީގެ ޚިޔާލު ބަދަލު ކުރެވޭ ގޮތެއް ނުވިއެވެ. އެއީ ދެކުދިންގެ ފައިނަލް އިމްތިޙާން ކައިރި ވެގެން އައި ދުވަސްވަރެވެ. ރިޒާ އޭނާގެ ލޯބީގައި ކޮޅު ފައިން ޖަހާފައި ގޮސް އެހެން މީހަކާ އެކު އެއްވެސް ގުޅުމެއް ނުހިންގާނޭ ކަމުގެ ފުރިހަމަ ޔަޤީންކަން ރޫބީގެ ހިތުގައި ވަރަށް ބޮޑަށް އޮވެއެވެ. އޭނާގެ ލޯބީގެ ކަނޑަށް ރިޒާ ަރަޤު ވެގެން ދާނޭ ކަމުގެ ޔަޤީންކަން ހިތުގައި އޮވެއެވެ. ކިތަންމެ ފުނަކަށް ގެނބިގެން ދިޔަޔަސް އަތްފައި ތަޅުވައި، ސަލާމަތް ވާން އެއްވެސް މަސައްކަތެއް ނުކުރާނޭކަން އެނގެ އެވެ. އެހެން އެއްވެސް މީހެއްގެ ކައިރިއަކަށް ރިޒާއެއް ނުދާނެއެވެ. ޚުދު ތިމާގެ އަމިއްލަ ނަފްސަށް އޮންނަ އިތުބާރަށް ވުރެ ބޮޑު އިތުބާރެއް ރިޒާގެ މައްޗަށް އޮވެއެވެ. އޭނާ ބޭނުން ވަނީ ލޯބީގެ އަރާމާއި، އުފާ ލިބިގަންނާށެވެ. އެހެން ނަމަވެސް ޖިސްމާނީ ގުޅުމެއް ހިންގާކަށް ބޭނުމެއް ނުވެއެވެ. ރޭގަނޑު ނިދާ ވަގުތު ރިޒާ ކައިރީގައި ނެތަސް އޭނާ ނިދަނީ ނުލާހިކު އުފަލުން އޮވެއެވެ. އެއީ ހުވަފެނުގައި ރިޒާ އާ ބައްދަލު ކުރެވޭތީއެވެ. އޭނާ ހެނދުނު ތެދުވެ ރިޒާއަށް ހުވަފެން ކިޔައި ދެއެވެ. ރިޒާވެސް އޭނާއަށް ފެނުނު ހުވަފެން ރޫބީއަށް ކިޔައި ދެއެވެ. ރޫބީ ބުނެއެވެ. “ދެ މީހުންގެ ހުވަފެން އެއްކޮށްގެން އެއް ހުވަފެނަކަށް ހަދަމާ ހިނގާ- އެއަށް ފަހު އެ ހުވަފެން ބޭރު ފެންނަ ފުޅިއަކަށް ލައި، ރަނގަޅަށް ބަންދު ކޮށްފައި ބޭރުގައި ހޭންޑްލް ވިތް ކެއަރ ޖަހާފައި ވަރަށް ރީތިކޮށް ހަރުގަނޑުގައި ބަހައްޓާނީ- ކޮންމެ ދުވަހަކު އެއް ފަހަރު އެ ހުވަފެނަށް ބަލާނީ-”

“އެހެން ބަހައްޓާފައި ހުއްޓާ އެ ފުޅި ވެއްޓި ތެޅިއްޖެއްޔާ އަހަރެމެންގެ ހުވަފެން ވިއްސިވިހާލި ވެގެން ހިނގައިދާނެ- އެކި ކުލަ އަރާ ސައިބޯނި ބޮކި ތަކަކަށް ވެގެން ހިނގައިދާނެ-” ރިޒާ ބުނެލިއެވެ.

“އެހެން ވެއްޖެއްޔާ އަނެއްކާވެސް އައު ހުވަފެންތަކެއް ދެކޭނީ-” ރޫބީ ފުރިހަމަ ޔަޤީންކަމަކާ އެކު ބުނެލިއެވެ.

ރިޒާ އެއް ދުވަހަކު އޭނާގެ ރައްޓެއްސެއް ކަމަށްވާ ޝަކީލް ގެ އޮފީހަށް ހިނގައްޖެއެވެ. އޮފީހަށް ވަންތަނުން އޭނާއަށް ފެނުނީ ކުރީއްސުރެ އޭނާ ދަންނަ ރައްޓެއްސެއް ކަމަށްވާ ޒުބައިދާ ފައިލުތަކެއް ހިފައިގެން ގޮސް ކޮޓަރިއަކަށް ވަންނަ ތަނެވެ. އޭނާ ފެނުނީމާ ރިޒާ ޙައިރާން ވިއެވެ. ޒުބައިދާ މި އޮފީގުގައި ސެކްރެޓަރީއެއްގެ ވަޒީފާ އަދާ ކުރަން ފެށީއޭ އޭނާގެ ހިތަށް އެރިއެވެ. ތަންކޮޅެއް ކުރީގެ ދުވަސްވަރެއްގައި ޒުބައިދާ އާއި އޭނާޔާ ދެމެދު ވަރަށް ފުން ގުޅުމެއް އޮތެވެ. މިހާރު އަޑު އިވޭ ގޮތުގައި ޒުބައިދާ މީހަކާވެސް އިނދެފިއެވެ. އަދި ރަށް ދޫކޮށް ގޮސް އެހެން ރަށެއްގައި ދިރިއުޅެން ފެށި ވާހަކަވެސް އޮތީ އިވިފައެވެ.

(ނުނިމޭ)

Advertisements

1 COMMENT

Comments are closed.