އެއްވެސް ޕާޓީއަކުން ކެމްޕޭނަށް ހުރަސްއަޅަން ފުރުސަތު ދެވިގެންނުވާނެ ކަމަށް ޔޫތު މިނިސްޓަރު އަޙްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ. އެފަދަ ކަމެއް ވާނަމަ ޕާޓީތަކުން އެކަންކަން ހުއްޓުވަންޖެހޭ ކަމަށްވެސް މަހުލޫފް ވަނީ ވިދާޅުވެފައެވެ.

މަހްލޫފް މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓުވީޓެއްގައެވެ. 2018 ވަނަ އަހަރުގެ ރިޔާސީ އިންތިިޚާބާ ކުރިމަތިލިއިރު ހުރިހާ ސިޔާސީ ލީޑަރުން ތިއްބެވީ ޖަލަށްލާފައި ކަން ފާހަގަ ކުރައްވައި މަހުލޫފް ވިދާޅުވީ އެ ދުވަހުވެސް ކެމްޕޭންއަށް ހުރަސް އަޅަން ތަންތަނުގައި ހުޅުޖަހާ ނަހަދާ ކަމަށެވެ.

އަދި އެންމެ މީހަކު ނުކުމެ ބޮޑު މާސިންގާ ސައުންޑު ސިސްޓަމަކުން ބާރަށް ލަވަޖަހާ ކެމްޕޭން ޖަލްސާގައި ކިޔާ އެއްޗެއް ނޭގޭވަރަށް އަޑުގަދައެއް ނުކުރާ ކަން ހާމަކުރައްވައި މަހުލޫފް ވިދާޅުވީ ކެންޑިޑޭޓެއްގެ ނޭފަތު ކުރިއާއި ހިސާބަށް އައިސް މުޒާހަރާއެއް ނުކުރާ ކަމަށެވެ.

އިޖުތިމާއީ މިންގަޑާއި ހިލާފު ހަޑިހުތުރު ބަހުން ކުޑަކުދިންނަށް ފެންނަގޮތަށް ދަމާފައި ހުންނަ ބެނާތަށް ނަގަންޖެހޭނެ ކަމަށާއި އެކަނިމާ އެކަނި ސައުންޑް ސިސްޓަމަކުން އަޑުގަދަކޮށްގެން އުނދަގުލެއް ނުކުރެވޭނެ ކަމަށް ވެސް މަހްލޫފް ވިދާޅުވިއެވެ.

"މަޑަވެލި އެމްޑީޕީގެ ހިތްވަރުގަދަ ކެމްޕޭން ޓީމުން ކުރި ބުރަ މަސައްކަތް ރޯކޮށް އަޅިއަށް ހަދާލުމަކީ ކޮންމެ ބަޔަކު ކުރިނަމަވެސް ވަރަށް ފިނޑި އަމަލެއް."

"މިކަމުން ޔަގީންވަނީ ރައީސް ޞާލިޙް އިންތިޚާބު ކާމިޔާބު ކުރައްވައިފިކަން،" ކާމިޔާބު ކުރާނީ އެއްބުރުންކަން ފާހަގަކުރައްވަމުން މަހްލޫފް ވިދާޅުވިއެވެ.

ރޭ ފަތިހު މަޑަވެލީގައި ރައީސް ސާލިހު ޖަލްސާ ބޭއްވުމަށް ތައްޔާރުކުރެވުނު ތަނުގައި ވަނީ ބަޔަކު ރޯކޮށްލާފައެވެ. މިއީ ކޮންބަޔަކު ކުރިކަމެއްކަން އަދި ނޭނގޭކަމަށާއި އެއްވެސް ބަޔަކު މިމައްސަލައިގައި ހައްޔަރުކޮށްފައި ނުވާކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.