ށ. ފޯކައިދޫއަކީ ކުށްމަދު އަމާން، ކުށާއި ކުށުގެ ބިރުވެރިކަން ކުޑަ ރަށަކަށް ހެދުމަށްޓަކައި ވިޔަފާރިވެރިން ހޭލުންތެރިކުރުވުމަށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ

މި މަހު 1 އިން 9 އަށް ފޯކައިދޫ ޕޮލިސް ސްޓޭޝަންގެ ނެއިބަރ ހުޑް އޮފިސަރުން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި ރަށުގެ ފިހާރަތަކަށް ޒިޔާރަތްކޮށް މައުލޫމާތުދީފައިވެއެވެ.

އެގޮތުން، މަކަރާއި ހީލަތުން ފައިސާ ހޯދާ މީހުން ބޭނުންކުރާ އުކުޅުތަކަށް ވިޔަފާރިވެރިން ހޭލުންތެރިކުރުވައި އެފަދަ ކަންކަމުން ރައްކާތެރިކުރުމަށް މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި ވިޔަފާރިކުރުމަށްފަހު ފައިސާ ޓްރާސްފަރ ކުރިކަމަށް ބުނެ ސައްހަ ނޫން ސްލިޕް ފޮނުވުމުގެ މައްސަލަތަކުން ރައްކާތެރިވުމަށާއި އެކައުންޓަށް ފައިސާ ޖަމާވިކަން ޔަގީންކުރުމަށް ފަހު ނޫނީ މުދާ ދޫނުކުރުމަށް އިލްތިމާސްކޮށްފައިވެއެވެ.

މީގެއިތުރުން ފިހާރަތަކުގައި ކުށުގެ އެއްވެސް އަމަލެއް ހިންގައިފިނަމަ އަމަލުކުރަންވީ ގޮތްތަކާއި ރަށުގައި މަސައްކަތްކުރާ ބިދޭސީންނަށް ދަރަންޏަށް ތަކެތި ދޫކުރާއިރު ސަމާލުކަން ދޭންވީ ކަންކަމާއި ކުޑަކުދިން އެކުދިންގެ އުމުރާ ނުގުޅޭ ވިޔަފާރިކުރާނަމަ އެކަން އެކުދިންގެ ބެލެނިވެރިންނަށާއި ކަމާބެހޭ އިދާރާތަކަށް އެންގުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައިވެއެވެ.