ސޯޝަލް މީޑިއާގައި އަސްލު މީހުންނަށް ވެގެން ފޮރެކްސް ޓްރޭޑް ކުރާ ކަމަށް ބުނާ ސްކޭމަރުން ގިނަވާތީ ސަމާލުވާން ފުލުހުން އެދިއްޖެ އެވެ.

ފުލުހުން ބުނީ ސޯޝަލް މީޑިއާގައި ފޭކް އައިޑީ ހަދައިގެން "ފޮރެކްސް އެކްސްޕާޓުން" ކަމަށް ބުނެ ސްކޭމް ކުރާ މީހުން ގިނަވަމުން އަންނަ ކަމަށެވެ.

އެގޮތުން ސްކޭމަރުންގެ މަޅީގައި ޖެހޭ މީހުންނަށް އޮޅުވާލައި އިންވެސްޓްމަންޓްގެ ނަމުގައި ފައިސާ އަތުލަމުންދާ ކަމަށާއި އެމީހުން މީސް މީޑިއާ ބޭނުންކޮށްގެން މީހުން "ވާވައްދަމުން" ދާކަމަށް ފުލުހުން ބުނެފައިވެއެވެ.

މި ސްކޭމްތަކަށް އިންވެސްޓު ކުރުމުން ބޮޑެތި ފައިދާތައް މާލީ ގޮތުން ލިބޭނެ ކަމަށް ބުނެ މީހުންނަށް އޮޅުވާލާ ކަމަށް ފުލުހުން ބުންޏެވެ.

އެގޮތުން, މި މީހުންނަކީ ފޮރެކްސް ޓްރޭޑް ކުރުމުގައި ވަރަށް ތަޖުރިބާހުރި ކުޅަދާނަ ބައެއް ކަމަށް ބުނާ ކަމަށާއި އިންވެސްޓްމެންޓުތައް މެނޭޖުކޮށް ގެއްލުން ނުވާނެ ގޮތަށް ފައިސާ ބަލަހައްޓާނެ ކަމުގެ ޔަގީންކަން އެ މީހުން ދޭ ކަމަށް ފުލުހުން ބުންޏެވެ.

އަސްލު ބައެއް ކަމުގައި ދެއްކުމަށް ފޭކް ސްކްރީންޝޮޓުތަކާއި ބޭންކް ސްލިޕުތައް ބޭނުން ކުރާ ކަމަށާއި އެއަށްފަހު ސްކޭމްވާ މީހާގެ އިތުބާރު ހޯދާ ކަމަށް ފުލުހުން ބުންްޏެވެ. އެއަށްފަހު އެމީހުންގެ އެކައުންޓުތަކަށް ފައިސާ ޖަމާކުރަން އެދޭ ކަމަށާއި އެކަމުގެ ސަބަބުން އެތައް ބައެއްގެ އަތުން ފައިސާ ގެއްލިފައިވާކަން ފުލުހުން ހާމަކޮށްފައިވެ އެވެ.

މިފަދަ ސްކޭމް ހިންގާ މީހުން ޕްރޮފައިލަށް އަސްލު މިހުންގެ ފޮޓޯ ބޭނުން ކޮށްގެން ފޮރެކްސް ޓްރޭޑް އެކައުންޓް މެނޭޖަރުންގެ ގޮތުގައި ބުނެ އާމުންގެ އިންވެސްޓްމަންޓް މެނޭޖްކޮށް ބޮޑު ފައިދާއެއް ލިބޭނެ ކަމަށް އެމީހުން ބުނެއެވެ. އެ މީހުންގެ ޝިކާރައަށްވާ މީހުންނަށް އޮޅުވާލުމުގެ ގޮތުން ކާމިޔާބީ ވަހަކަތައް ހިއްސާކޮށް ފޭކް ތަސްވީރު ދައްކާ އެ މީހުންގެ އޮޅުވާލައިގެން ފައިސާ ހޯދަ އެވެ. އަދި ޓެލެގްރާމް، ވަޓްސްއަޕް އާއި ޓިކްޓޮކުގައި ވެސް ކޮންމެވެސް ވަރަކަށް މިމީހުން އުޅެއެވެ.

އަދި އެކައުންޓުގެ ވެރިންގެ އިތުބާރު ހޯދައި ފައިސާ އިންވެސްޓްމަންޓް ކުރަން، އެ މީހުންގެ އެކައުންޓަށް ފައިސާ ޖަމާ ކުރުވަ އެވެ. ނަތީޖާއަކަށް ވަނީ މީހުން ބުރަ މަސައްކަތުން ހޯދާ ފައިސާގެ ބޮޑު ބައެއް ގެއްލިގެން ދިއުމެވެ.

މިފަދަ ފަރާތެއް ކަމަށްވާ މީހުން ދަނީ "ހުދާ ހީފަމް" ފަދަ ނަންތައް ބޭޭނުންކޮށްގެން މިފަދަ ސްކޭމަރުން މީހުންގެ އަތުން އިންވެސްޓްކުރުމަށް ކަމުގައި ބުނެ އޮޅުވާލައިގެން ގިނަ އަދަދެއްގެ ފައިސާ ދަނީ ހޯދަމުންނެވެ.

ފުލުހުން ބުނީ މިފަދަ ހިޔާނާތްތަކާ ދެކޮޅަށް މަސައްކަތްކޮށް، އެ ހިޔާނާތްތައް ހިންގާ މީހުން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ފޮރެކްސް ޓްރޭޑް ކުރާ ކަމަށް ބުނެ އޮޅުވާލައިގެން ހިންގާ ސްކޭމާސްތަކަށް ސަމާލު ވެގެން ސަމާލުވުން މުހިންމު ކަމަށެވެ.