މި ސެޕްޓެމްބަރުމަހުގެ 9 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ނަންތައް މިއަދު ތަރުތީބުކޮށްފިއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ކެންޑިޑޭޓު ނަންބަރު ތަރުތީބު ކުރުން އޮތީ އިލެކްޝަންސް ކޮމިޝަން (އީސީ) ގެ އިންތިހާބީ މަރުކަޒު ދަރުބާރުގޭގައެވެ.

ކެންޑިޑޭޓުންގެ ކެންޑިޑޭޓު ނަންބަރު ތަރުތީބުކޮށްފައި ވަނީ ދަރުބާރުގޭގައި އޮތް ބައްދަލުވުމުގައި ގުރު ނަގައިގެންނެވެ.

ކެންޑިޑޭޓުންގެ ކެންޑިޑޭޓު ނަންބަރުތައް ތަރުތީބުވި ގޮތް:

  1. އަމިއްލަ ގޮތުން ވާދަކުރެއްވި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު

  2. އަމިއްލަ ގޮތުން ވާދަކުރެއްވި ޑިފެންސް މިނިސްޓްރީގެ ކުރީގެ ނައިބު ހަސަން ޒަމީލް

  3. ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް

  4. މާލޭގެ މޭޔަރު އަދި ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު

  5. ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް

  6. އަމިއްލަ ގޮތުން ވާދަކުރެއްވި އެމްއާރުއެމްގެ ރައީސް ފާރިސް މައުމޫން

  7. ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓު އިލްޔާސް ލަބީބް

  8. އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓު ކާނަލް މުހައްމަދު ނާޒިމް

މި ފަހަރުގެ އިންތިހާބަށް ނަން ހުށައެޅުއްވި ކެންޑިޑޭޓުންގެ ތެރެއިން ގާސިމް އިބްރާހިމް މީ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ތިން ވަނަ ފަހަރެވެ. އަދި ރައީސް ސާލިހް ދެވަނަ ދައުރެއް ހޯއްދަވަން ނުކުންނެވިއިރު މިއީ އުމަރު ނަސީރު ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ދެ ވަނަ ފަހަރެވެ. މީގެކުރިން 2008 ވަނަ އަހަރާއި 2013 ވަަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ގާސިމް ވާދަކުރެއްވި އިރު އުމަރު ވަނީ އާ ގާނޫނު އަސާސީން 2008 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައިވެސް ވާދަކުރައްވާފައެވެ.

ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ބާއްވާއިރު، ދެވަނަ ބުރެއް ބާއްވާނަމަ ބާއްވާނީ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހުއެެވެ.