މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ދެ މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ އެ ދެ މީހުންގެ ތެރެއިން އެކަކު ހައްޔަރު ހައްޔަރުކޮށްފައިވަނީ އައްޑޫ ސިޓީ ހުޅުދޫން ކަމަށެވެ. އަދި އޭނާ ހައްޔަރުކޮށްފައިވަނީ އެރަށުގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސައް ލިބުނު މައުލޫމާތަކާއި ގުޅިގެން ހިންގި އޮޕެރޭޝަނުގައިކަމަށެވެ.

އެގޮތުން ހުޅުމީދޫ ޕޮލިސް ސްޓޭޝަނުގެ ފުލުހުން، ހިންގި އެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 31 އަހަރުގެ ފިރިހެނެކެވެ. އޮގަސްޓް 8 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި ، އޭނާ ދިރިއުޅޭ ގެ ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ޖޫސްޕެޓީ ކޮތަޅެއް ފެނިފައިވެއެވެ.

މީގެ އިތުރުން، ފުލުހުން ބުނީ އޮގަސްޓް 7 ވަނަ ދުވަހު ގަލޮޅު ޕޮލިހުގެ ފުލުހުން މާލެތެރެ ޕެޓްރޯލު ކުރަމުންދިޔައިރު 20 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވައިކަމަށެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ އޭނާގެ އަމަލުތައްހުރިގޮތުން ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 56 ސެލޯފިންކޮޅާއި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި ދެ ދަޅު ފެނުމާ ގުޅިގެންނެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތު ދީފައިވެއެވެ.

ދެ މައްސަލަވެސް ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.