ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އިރުދުޣާން ސީރިޔާއާމެދު މިހާރު ގެންގުޅުއްވާ ސިޔާސަތުތައް ދެމި އޮތްހައި ދުވަހަކު އުރުދުޣާންއާ ބައްދަލު ނުކުރައްވާނެ ކަމަށް ސީރިޔާގެ ރައީސް ބައްޝާރުލް އަސަދު ވިދާޅުވެއްޖެއެވެ.

އަސަދު މިހެން ވިދާޅުވީ "ސްކައި ނިއުސް އަރަބިއާ" އަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައެވެ. މިއިންޓަވިއު އެއްކޮށް ދެއްކުމަށް ހަމަޖެހިފައި ވަނީ މިއަދުގެ ވަގުތެއްގައެވެ.

"އުރުދުޣާން މިހާރު އެހުރި ހާލަތުގައި ބައްދަލު ކުރެއްވުމެއް (އުރުދުޣާންއާ) ނޯންނާނެ" އަސަދު ވިދާޅުވިއެވެ.

އުރުދުޣާންއާ ބައްދަލު ކުރައްވަން ދެކޮޅު ހައްދަވާ ސަބަބުތައް ވަރަށް ތަފްސީލްކޮށް މިބަސްދީގަތުމުގައި އަސަދު ވިދާޅުވެފައިވާ ކަމަށް އަލްޖަޒީރާއިން ބުނެއެވެ. މީގެ ތެރެއިން ބައެއް ސަބަބުތަކަކީ ސީރިޔާގެ ބައެއް ބިންތަކުގައި އެމެރިކާގެ އަސްކަރިއްޔާ ތިބުމަށް ތުރުކީ ވާގިވެރިވުމާއި ފަލަސްތީނުގެ ހަމާސް ޖަމަޢާތަށް ތުރުކީއިން އެހީތެރިވުން ހިމެނެއެވެ.