ސަރުކާރުން ކުރިއަށް ގެންދިޔަ ގެދޮރުވެރިޔާ ޕްރޮގްރާމްގެ ދަށުން ގޯތި ލިބުނު ފަރާތްތަކަށް، ގޯތި ލިބުނު ކަމުގެ ލިޔުން މިމަހު ހަވާލުކުރާނެކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.

މިދިޔަ ޖޫންމަހު ސަރުކާރުން އިއުލާން ކޮށްފައިވަނީ "ބިންވެރިޔާ ސްކީމް"ގެ ދަށުން ގޯއްޗަށް އެދި ހުށައެޅި ފަރާތްތަކުގެ ތެރެއިން ގޯތި ލިބޭ މީހުން ހިމެނޭ ލިސްޓު އިއުލާން ކުރިދުވަހުވެސް ގޯތިލިބޭ ފަރާތްތަކަށް ގޯތިލިބޭ ކަމުގެ ލިޔުން ހަވާލުކޮށް ހުރިހާ ކަމެއް ނިންމާނެކަމަށް ހާމަކޮށްފައި އޮތްނަމަވެސް ރައްޔިތުންގެ ހިތްތަކުގައި މިމަހު އެކަން ކުރާނެ ކަމާމެދު އުފެދެމުން އައި ހާސްކަންބޮޑު ސުވާލަށް ޖަވާބެއް މިވަނީ ލިބިފައެވެ.

ހައުސިންގ މިނިސްޓަރ މުހައްމަދު އަސްލަމް ވިދާޅުވީ މިމަހު ތެރޭގައި ގޯތި ލިބުނު ފަރާތްތަކަށް ލިޔުން ހަވާލުކުރާނެކަމަށެވެ. ހައުސިންގ މިނިސްޓަރ އަސްލަމް މިހެން ވިދާޅުވީ ރައީސް ސާލިހު ހުވަދުއަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މީޑިއާއަކަށް މައުލޫމާތު ދެއްވަމުންނެވެ.

މާލެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކުރުމަށްޓަކައި، މާލެ ސަރަޙައްދުން ބަންޑާރަ ގޯތި ދޫކުރުމަށް ހިންގާ "ބިންވެރިޔާ" ސްކީމަކީ، މިހާތަނަށް ރާއްޖޭގައި ހިންގާ ބަންޑާރަ ގޯތި ދޫކުރުމުގެ އެންމެ ބޮޑު ޕްރޮގްރާމެވެ. މިޕްރޮގްރާމްގެ ދަށުން ބަންޑާރަ ގޯއްޗަށް އެދި 23088 މީހުންގެ ފަރާތުން، 15164 އެޕްލިކޭޝަން ހުށައަޅާފައިވެއެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ބިންވެރިޔާގެ ސްކީމްގެ ދަށުން ދޫކުރާ 5000 ގޯތި, 10314 މީހަކަށް ލިބޭނެއެވެ.

ޝަރުތު ހަމަވި 19858 މީހުންގެ ތެރެއިން 10314 މީހަކަށް މިފަހަރު ގޯތި ލިބިފައިވާއިރު، ގޯތި ނުލިބުނަސް، ޝަރުތު ހަމަވާ 9544 މީހަކު މި ލިސްޓުގައި ހިމެނެއެވެ. ލިސްޓުން އެ ފަރާތްތައް އެނގޭނެކަމަށާއި އަދި އެ ފަރާތްތަކަށް ކުރިއަށް އޮތްތަނުގައި އިއުލާންކުރާ ސްކީމްތަކުން ގޯތި ލިބުމުގެ ފުރުސަތު ބޮޑުވާނޭކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެެވެ.

ފްލެޓާއި ގޯތި ލިބޭ މީހުން ކަނޑައަޅާފައިވަނީ އެކަމަށްޓަކައި ކަނޑައެޅި ހާއްސަ ކޮމިޓީން ހާމަކޮށްފައިވާ ގޮތުގައި ބޯހިޔާވަހިކަމަށް އެދި ފޯމް ހުށައެޅުމުގެ ވަގުތު ހަމަވިއިރު ހުށަހެޅި 35861 ފޯމްގެ ތެރޭގައި ބިންވެރިޔާ ސްކީމަށް ހުށަހަޅާފައިވަނީ 15164 ފޯމެވެ. އޭގެ ތެރޭގައި އެކަކަށް ވުރެ ގިނަ މީހުން ހިމެނޭހެން ޖޮއިންޓްކޮށް ހުށަހަޅާފައިވާ ފޯމްތައް ހިމެނޭއިރު ބައެއް ފޯމުތައް ނުވަ މީހުންގެ ނަމުގައި ހުށަހަޅާފައިވާ ފޯމް ވެސް ހިމެނެއެވެ.

ކޮމިޓީން ބުނެފައިވަނީ 19858 މީހުން ގޯއްޗަށް ޝަރުތު ހަމަވާ ކަމަށާއި 10314 މީހަކަށް ގޯތި ލިބޭނެކަމަށެވެ.

ގޯތީގެ އެންމެ ކުޑަ ސައިޒަކީ 1250 އަކަފޫޓުކަމަށާއި، އިތުރަށް ބައިވެރިވާ ކޮންމެ މީހަކަށް 400 އަކަފޫޓު ގޯތީގެ ބޮޑުމިނަށް އިތުރުކުރާނެއެވެ. އަދި ހަތް މީހުންނަށްވުރެ ގިނަ މީހުން ބައިވެރިވާނަމަ 4000 އަކަފޫޓުގެ ގޯއްޗެއް ލިބޭނެކަމަށްވެސް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

ގޯތި ދިނުމުގައި ވަކިވަކިން އެކަކުގެ ނަމަށް ހުށަހެޅުނު ފޯމުތަކަށްވުރެ އިސްކަން ދީފައިވަނީ ޖޮއިންޓްކޮށް ހުށަހެޅުނު ފޯމުތަކަށް ކަމަށްވެސް ލިސްޓު އިއުލާން ކުރި ރަސްމިއްޔާތުގައި އަސްލަމް ވަނީ ވިދާޅުވެފައެވެ. އޭގެ ބޭނުމަކީވީހާވެސް ގިނަ ފަރާތްތަކަށް ގޯތި ލިބޭނެ މަގުތަނަވަސް ކޮށްދިނުން ކަމަށްވެސް އަސްލަމްވަނީ ވިދާޅުވެފައެވެ.