ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް، ހުވަދު އަތޮޅު އުތުރުބުރީ ކަނޑުހުޅުދޫގެ ފެނާއި ނަރުދަމާގެ މަޝްރޫޢުގެ ނިމުން ފާހަގަކޮށްދެއްވައި، ފެނަކަ އޮފީސް ޢިމާރާތާއި ވޮލީކޯޓު ހުޅުއްވައިދެއްވައިފިއެވެ.

މިރަސްމިއްޔާތުތައް ބޭއްވީ، ހުވަދުއަތޮޅަށް މިހާރު އެމަނިކުފާނު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ހަވީރުއެވެ.

ކަނޑުހުޅުދޫގެ ފެނާއި ނަރުދަމާގެ ނިޒާމް ޤާއިމްކޮށްފައިވަނީ، ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްގެންނެވެ. އެމަޝްރޫޢުގެ މަސައްކަތްކޮށްފައި ވަނީ ސްޓެޓިކް ކޮމްޕެނީ ޕްރައިވެޓްލިމިޓެޑާއި ޙަވާލުކޮށްގެނެވެ.

އެމަނިކުފާނު މިއަދު ހުޅުއްވައިދެއްވި ކަނޑުހުޅުދޫ، ފެނަކަ އައު އޮފީސް ޢިމާރާތަކީ، 30 މުވައްޒަފުންނަށް އެއްފަހަރާ މަސައްކަތްކުރެވޭނެ ޖާގަ ތަނަވަސް ޒަމާނީ އޮފީސް ޢިމާރާތެކެވެ. ކަނޑުހުޅުދޫގެ އިންޖީނުގެ މީހުން އުޅޭ ސަރަހައްދާއި ދުރުގައި ބިނާކޮށްފައި ވާއިރު، ފެނަކަ އައު އޮފީސް ޢިމާރާތްކޮށްފައި ވަނީ ރަށުގެ މީހުން ދިރިއުޅޭ ސަރަހައްދުގައެވެ. ފެނަކަ އޮފީސް ޢިމާރާތް ހުޅުއްވައިދެއްވުމުގެ އިތުރުން، ރައީސް ވަނީ، ކަނޑުހުޅުދޫ ވޮލީ ކޯޓުވެސް މިއަދު ހުޅުއްވައިދެއްވާފައެވެ.

ޒުވާނުންނަށް ކުޅިވަރު ކުޅެވޭނެ މަގުތައް ފަހިކޮށްދިނުމުގެ ގޮތުން ޒަމާނީ ފެންވަރުގެ ފުޓުބޯޅަ ދަނޑުތަކާއި، ފުޓްސަލް ދަނޑުތައް، އަދި ކުޅިވަރު ކޯޓުތައް އަޅައި، ކުޅިވަރުގެ ތެރެއިން ރައްޔިތުންނަށް ދުޅަހެޔޮ އުފާވެރި ދިރިއުޅުމަކަށް މަގުފަހިކޮށްދިނުމަށް ސަރުކާރުން ވަނީ ގިނަ މަޝްރޫޢުތަކެއް އަތޮޅުތަކުގައި ހިންގާފައެވެ.