ދިވެހި ލީގުގައި މިއަދު ބުރު ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅެން ނިކުމެ ސްޕަރ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ގެ އުމުރުން 13 އަހަރުގެ އާކިފް ބިން މުހައްމަދު ދިވެހި ފުޓްބޯޅައިގެ ރެކޯޑް ފޮތުން ޖާގަ ހޯދައިފިއެވެ.

ދިވެހި ފުޓްބޯޅައިގެ ރެކޯޑް ފޮތުން އާކިފް ޖާގަ ހޯދީ ރާއްޖޭގެ ފުޓްބޯޅައިގެ ތާރިހުގައި ލީގް މެޗެއްގައި ކުޅުނު އެންމެ ހަގު ކުޅުންތެރިޔާ ގޮތުގައެވެ.

އާކިފަކީ ސަސްގެ އެކަޑަމީން ތަމްރީން ވަމުން އަންނަ ކުޅުންތެރިއެކެވެ. ސަސް އެކަޑަމީގެ ހެޑް ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ ފަރީދު މުހައްމަދު (ފަރިއްޓެ) ބުނީ އާކިފަކީ ރާއްޖޭގެ ފުޓްބޯޅައިގައި މުސްތަގުބަލު އޮތް ކުޅުންތެރިއެއް ކަމަށެވެ.

ލީގުގައި ކުޅުނު އެންމެ ޒުވާން ކުޅުންތެރިޔާގެ ޝަރަފް އާކިފް ހޯދިއިރު، މިހަފްތާގައި ކްލަބް ވެލެންސިޔާގެ ޔޫސުފް އަޔާން ވަނީ ދިވެހި ލީގުގައި ގްރީން ސްޓްރީޓްސް ކޮޅަށް ލަނޑު ޖަހި، ދިވެހި ލީގުގެ ތާރިހުގައި އެންމެ ޒުވާން އުމުރުގައި ލަނޑު ޖެހި ކުޅުންތެރިޔާގެ ޝަރަފް ހޯދާފައެވެ. ކުރިން މިޝަރަފް އޮތީ ރާއްޖޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާޤް (ދަގަނޑޭ) އަތުގައެވެ. ދަގަނޑޭ ރެކޯޑް ހެދީ އޭނާގެ އުމުރުން 16 އަހަރުގައެވެ.

މިފަހަރު ލީގުގައި ފުރާވަރު އުމުރުފުރާގެ ގިނަ ކުޅުންތެރިންތަކެއް ކުޅެމުން އަންނަކަން ފާހަގަ ކޮށްލެވެއެވެ.