އަދަބު އަހުލާގު ނުދަންނަ މީހުން ޕޯޑިއަމްތަކަށް ނޭރުވުމަށް ދީނީ އިލްމުވެރިޔާ ޝެއިހު އަލީ ޒައިދު ގޮވާލައްވައިފިއެވެ.

ޝެއިހު ޢަލީ ޒައިދު މިހެން ވިދާޅުވީ އެކްސް.ކޮމްގައި ކުރެއްވި ޓުވީޓެއްގައެެވެ. ޓުވީޓުގައި އަދަބު އަހުލާގު ނުދަންނަ މީހުން ޕޯޑިއަމްތަކަށް ނޭރުވުމަށް ގޮވާލައްވަމުން ޝޭހު ޒައިދު ވިދާޅުވީ އެހެން ގޮވާލައްވަން ޖެހިވަޑައިގެންނެވީ ސިޔާސީ ޕޯޑިއަމުގައި ހުއްޓި ބޭއަދަބީ ވާހަކަތަކެއްގެ ގޮތުގައި ބެލެވޭ އެއްޗެއް އެ ކޮންޓެކްސްޓްގައި އަންހެނަކު ކީ އަޑުއަހާފައިވާ ކަމަށެވެ.

އެއީ ވަރަށް ދަށުދަރަޖައިގެ ކަންކަން ކަމަށާއި ސިޔާސީ ބައްދަލުވުން ތަކުގައިވެސް އާއިލީގޮތުން ގާތް ގިނަ ބަޔަކު ބައިވެރިވާ ކަމަށް ޒައިދު ވިދާޅުވިއެވެ.

ޝޭހު ޒައިދުގެ އިތުރުން އަދިވެސް އެހެން ގިނަ ފަރާތްތަކުން ދަނީ ސޯޝަލްމީޑިޔާގައި މިކަމާމެދު އެކިއެކި ވާހަކަ ދައްކައި އެ އަންހެންބޭފުޅާގެ ވާހަކަފުޅު ޝެއާކުރަމުންނެވެ. އެމްޑީޕީން ގދ.ގައްދޫގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އެމްޑީއޭގެ ނައިބުރައީސް ޢައިޝަތު ރަފިއްޔާ ބޭއަދަބީ ބަސްތަކެއް ބޭނުންކުރުމާއި ގުޅިގެން ގިނަ ފަރާތްތަކަކުން ދަނީ ފާޑުކިޔަމުން ނުރުހުން ފާޅުކުރަމުންނެވެ.

"ފިރިހެނުން ކިޔާ އަޑު އިވޭ ޕޯޑިއަމްތަކުގައި ބައެއް ފަހަރު، އެކަމަކު އަންހެނަކު މިހާ ފާޅުގައި މިފަދަ ބަސްތަކެއް ކިޔަނިކޮށް އަޑެއް ނާހަން، އަޅުގަނޑުމެނަކީވެސް ވަރަށް ސިޔާސީ ކަންތަކުގައި ފޯރިނަގާ ބައެއް، އެކަމަކު މިވަރުގެ ކަމެއް ނުދެކެން،" ސިޔާސީ ހަރަކާތްތަކުގައި ވަރަށް އާންމުކޮށް އުޅުއްވާ ދެތިން އަންހެނަކު ބުންޏެވެ.

"މީ އަޅާނުލާ ދޫކޮށްލަން ޖެހޭ ކަންތައްތަކެއް ނޫން، މާސިޔާސީ ވެގެން ނޫޅޭ މީހުންނަށްވެސް މިކަހަލަ މީހުންގެ ސަބަބުން ހުތުރު، އަދި ސިޔާސީ ކަންކަމުގައި އުޅޭ އަންހެނުނަށްވެސް ހުތުރު،" މިފަދަ ކިތަންމެ ވާހަކައެއް ސޯޝަލްމީޑިޔާގައި މީހުންވަނީ ހިއްސާކޮށްފައެވެ.