ސްޕެއިން ގައުމީ ޓީމަށް ދެމެޗް ކުޅެފައިވާ ބްރެންޓްފޯޑުގެ ކީޕަރު ޑޭވިޑް ރަޔާ، އާސެނަލްއަށް ބަދަލުވާން މާދަމާގެ ވަގުތެއްގައި މެޑިކަލް ހަދާނެކަން ކަށަވަރުވެއްޖެއެވެ.

ރަޔާ،27، އާސެނަލްއަށް ބަދަލުވަނީ 30 ޕައުންޑުގެ ޓްރާންސްފާ ފީއަކަށެވެ. ފުރަތަމަ ބްރެންޓްފޯޑުން ފުރަތަމަ ޑިމާންޑް ކުރީ 40 މިލިޔަން ޕައުންޑުގެ ޓްރާންސްފާ ފީ އަކަށެވެ. ބްރެންޓް ފޯޑަށް ރަޔާގެ ޓްރާންސްފާ ފީ ކުޑަ ކުރަން ޖެހުނީ، މިސީޒަން ނިމުމުން ފްރީ ޓްރާންސްފާއެއްގެ ދަށުން ބޭނުން ކްލަބަކަށް އޭނާއަަށް ބަދަލު ވެވޭނެތީއެވެ. ރަޔާއަށް ބްރެންޓްފޯޑުން ދެފަހަރެއްގެ މަތިން ކޮންޓްރެކްޓް އާކުރުމަށް މުސާރަ ބޮޑުކޮށް ކޮންޓްރެކްޓްވެސް ހުށަހެޅިއެވެ. އެކަމަކު ދެފަހަރުވެސް ކޮންޓްރެކްޓް އާކުރަން ރަޔާ ދެކޮޅު ހެދީއެވެ.

އާސެނަލްގެ އެއްނަންބަރު ކީޕަރުގެ މަގާމް ހޯދުމަށް ރަޔާ ވާދަކުރަން ޖެހޭނީ އާރޮން ރަމްސްޑޭލްއާއެވެ. މިދިޔަ ސީޒަނުގައި އާސެނަލްއިން ލީގް ޗެމްޕިއަންކަމަށް ވާދަކުރިއިރު ރަމްސްޑޭލް ވަނީ ފާހަގަ ކޮށްލެވޭފަދަ މޮޅު ކުޅުމެއް މިދިޔަ ސީޒަނުގައި ދައްކާފައެވެ.

މިދިޔަ ސީޒަނާ ހިލާފަށް މިސީޒަނުގައި ލީގް ޗެމްޕިއަންކަން ހޯދުމަށް މަސައްކަތް ކުރުމުގެ އިތުރުން ޗެމްޕިއަންސް ލީގު ހޯދުމަށްވެސް އެކްލަބުން މަސައްކަތް ކުރާނެއެވެ.