ފްރާންސްގެ ނީސްއަށް ކުޅެމުންދިޔަ އިނގިރޭސި މިޑްފީލްޑަރު ރޮސް ބާކްލޭ ހިލޭ އެއްބަސްވުމެއްގެ ދަށުން ލުޓޮން ޓައުން އެފްސީއަށް ބަދަލުވެއްޖެއެވެ.

އިނގިރޭސި ގައުމީ ޓީމަށް 33 މެޗް ކުޅެދީ 6 ލަނޑު ކާމިޔާބު ކޮށްދީފައިވާ ބާކްލޭ ބުނީ ލުޓޮން އެފްސީއަށް ބަދަލުވެވުމުން ވަރަށް އުފާވެއްޖެ ކަމަށެވެ. "ލުޓޮން އެފްސީއިން ޕްރިމިއަރ ލީގުން ޖާގަ ހޯދުމަށް ކުރި ދަތުރު ޝައުގުވެރިއެއް ނޫންތަ. މިދިޔަ ދުވަސްތަކުގައި އަހަރެން އެންމެ ބޭނުންވާ މިންވަރަށް ކުޅުމުގެ ފުރުސަތެއް ނުލިބޭ. ލުޓޮންއަށް އަހަރެންގެ ވަރަށް ގިނަ ހަކަތަ ދެވިދާނެ" ބާކްލޭ ބުންޏެވެ.

ލުޓޮން އެފްސީއަށް ބާކްލޭ ސޮއި ކުރީ ކިހާވަރެއްގެ މުސާރަކަށް ކަމާއި ކިތައް އަހަރަށް ކަމެއް އެކްލަބުން އަދި މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

ޕްރިމިއަރ ލީގުގެ ކުޅުން ކުރިއަށް އޮތް ހޮނިހިރު ދުވަހު ފަށާއިރު، ހޮނިހިރު ދުވަހު ލުޓޮން އެފްސީ ވާދަކުރާނީ ޗެލްސީއާއެވެ. ޗެލްސީއަކީ 2018 އިން 2022 އަށް ބާކްލޭ ކުޅުނު ކްލަބުކަން ފާހަގަ ކޮށްލެވެއެވެ.