ސަރުކާރުން، ބަޖެޓް ސަޕޯޓުގެ ބޭނުމަށް އަމިއްލަ ފަރާތެއްގެ އަތުން 50 މިލިއަން ޔޫރޯ 842.8 މިލިއަން ރުފިޔާގެ ލޯނެއް ނަގައިފިއެވެ. މިލޯނު ނަގާފައިވަނީ ޔޫރޯ އިންނެވެ. މިމައުލޫމާތު ހާމަވެފައިވާ ފިނޭންސްމިނިސްޓަރީން އަޕްޑޭޓް ކޮށްފައިވާ ބޭރުގެ ދަރަނީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މިލޯނު ނަގާފައި ވަނީ އަމިއްލަ ފަރާތެއްގެ އަތުން މިދިޔަ ޖޫން 18ގައެވެ.
ލޯން ނަގާފައި ވަނީ ކޮން ފަރާތަކުން ކަމެއް އެނގޭކަށް އާންމުކޮށްފައިވާ މައުލޫމާތު ތަކުގައި ނެތެވެ. ހަމައެހެންމެ ލޯން ދައްކަންޖެހޭ މުއްދަތާއި އިންޓަރެސްޓް ރޭޓްވެސް ހާމަވާކަށް ނެތެވެ. ހަމައެކަނި އެނގެން އޮތް މިންވަރަކީ ފިނޭންސް މިނިސްޓްރީން ހަމައެކަނި ބުނެފައި ވަނީ އެއީ ބަޖެޓް ސަޕޯޓަށް ނެގި ލޯނެއް ކަމެވެ.
ސަރުކާރުން ވަނީ އެ ލޯނުގެ އިތުރުން މިދިޔަ ޖޫން މަހު އިންޓަނޭޝަނަލް ޑިވެލޮޕްމެންޓް އެސޯސިއޭޝަން މެދުވެރިކޮށް ދެ ޕްރޮޖެކްޓަކަށް 34 މިލިއަން ޑޮލަރު (520 މިލިއަން ރުފިޔާ)ގެ ލޯނެއް ނަގާފައެވެ. މި އަހަރުގެ މިހާތަނަށް 1.3 ބިލިއަން ރުފިޔާގެ ލޯނު ވަނީ ނަގައިފައެވެ.
ބަޖެޓުގައި ޖީޑީޕީ ކުރިއަރާނެ ކަމަށް ލަފާކޮށްފައި އޮތީ 8.3 ޕަސެންޓް ނަމަވެސް މިހާރު އެ މިންގަނޑު 9.4 ޕަސެންޓަށް ބަދަލު ކުރުމުން އިތުރު އާމްދަނީ ލިބޭނެ ކަމަށް ބެލެވެއެވެ. މި އަހަރުގެ ބަޖެޓުގައި ގްރާންޓް ނުވަތަ ހިލޭ އެހީގެ ގޮތުގައި 2.4 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ.
ދައުލަތުން މިއަހަރަށް ކަނޑައެޅި 42.8 ބިލިއަންގެ ބަޖެޓުގައި އާމްދަނީއާއި އެހީގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާ ކޮށްފައި އޮތީ 32.1 ބިލިއަން ރުފިޔާއެވެ. ހަރަދަށް 40.7 ބިލިއަން ރުފިޔާ ދާނެ ކަމަށް އަންދާޒާ ކޮށްފައި ވާ އިރު 8.6 ބިލިއަން ޑެފިސިޓް ވާނެ ކަމަށް ވެސް ބުނެފައި ވެއެވެ.