އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް ތާއީދު ހޯއްދެވުމަށް ގދ. ގައްދޫގައި ބޭއްވި ޖަލްސާގައި އެމްޑީއޭގެ ޑެޕިއުޓީ ލީޑަރު ޑރ. އައިޝަތު ރަފިއްޔާ ދެއްކެވި ވާހަކަފުޅާއި ގުޅިގެން ގޯސް މާނައެއް ނެންގެވޭނަމަ އެކަމަށް މައާފަށް އެދޭކަމަށް އެކަމަނާ ވިދާޅުވެއްޖެއެވެ.
ރަފިއްޔާ އަވަގުރާނަ ގޮވީ ގދ. ގައްދޫގައި ބޭއްވި ކެމްޕެއިން ޖަލްސާގައި، ރައީސް އިބްރާހިމް މުހައްމަދު ސާލިހް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. ރަފިއްޔާ މިޖަލްސާގައި ވަރަށްވެސް ޖޯޝުގައި ޕޯޑިއަމަށްއަރައި ވާހަކަދެއްކެވީ ރައީސް މުހައްމަދު ނަޝީދަށް ފާޑުވިދާޅުވެފައެވެ.
ސޯޝަލް މީޑިއާގައި މައްސަލައަކަށް ވެގެން އުޅެނީ ރަފިއްޔާގެ ވާހަކަފުޅުގައި ފެންފޯއް ރުކާ ގުޅޭގޮތުން ދެއްކެވި ވާހަކަފުޅެކެވެ. އެގޮތުން ފެން ފޯއް ރުކުގައި އަޅާ ފޯއް ބިންމައްޗަށް ވެރޭކަމަށާއި، އަދި އޭގެ މައްޗަށް މީހުންނަށް ފައިން އެރޭނެކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ. ނަމަވެސް މައްސަލަ ބޮޑުވީ ރަފިއްޔާ އެ ވާހަކަ ދެއްކެވިގޮތުންކަމަށް ބައެއް މީހުން ބުނެފައިވެއެވެ. އެގޮތުން ރައީސްކަން ކުރެއްވި ބޭފުޅަކު މާލޭގައި ފެންފޯ ރުއް އިންދެވި ކަމަށާ ނަމަވެސް ފެން ފޯއް ރުއް އިންދުމުން ދެން ޖެހޭނީ އެވެނި ގޮތެކޭ ވިދާޅުވެ ވަރަށް ހުތުރު ބަހެއް އޭނާ ބޭނުން ކޮށްފައިވެއެވެ. ރަފިއްޔާ، ހުތުރު ބަހެއް ބޭނުންކުރައްވާ އަވަގުރާނަ ގޮވީ ރައީސް ނަޝީދަށް ފާޑު ވިދާޅުވާން އުޅުއްވުމުގެ ތެރޭގައެވެ.
ރަފިއްޔާ އެހެން ވިދާޅުވުމުން ވެސް ޖަލްސާގައި ތިއްބެވި ބައެއް މީހުން އަތްޖަހާ ހީނ ހެދިއެވެ. އަދި "އެހެން ނޫންތޯ" އޭ ވިދާޅުވެ ރަފިއްޔާ ބޭނުން ކުރި ހުތުރު ބަސް ދިފާއު ކުރި ފަރާތްތައްވެސް ވެއެވެ.
ރަފިއްޔާގެ ވާހަކަތަކާއި ގުޅިގެން ބައެއް މީޑިއާތަކުން ވަނީ ރަފިއްޔާ އަވަގުރާނަ ގޮވިކަމަށް ތުހުމަތުކޮށްފައެެވެ. ނަމަވެސް ރަފިއްޔާ އެ ތުހުމަތުތައް ދޮގުކުރައްވައެވެ.
ފާޑުކިޔުންތައް ބޮޑުވުމުން ރަފިއްޔާ ވަނީ އެކްސް.ކޮމްގައި ޓުވީޓެއް ކުރައްވައި، ވަނީ އޭނާ ދެއްކި ވާހަކައިގައި ބޭނުންކޮށްފައިވާ އިބާރާތް ބޭނުންކޮށްފައި ވަނީ އެއްވެސް ހާލެއްގައި އަވަގުރާނަ ގޮވުމާއި ބޭއަދަބީ އިބާރާތެއް ބޭނުންކުރުމުގެ ނިޔަތުގައި ނޫން ކަމަށާ އެ އިބާރާތް ބޭނުންކޮށްފައި ވާނީ ދިވެހި މުހާވަރާއެއް ބޭނުންކޮށް ސަމާސާ މިސާލެއް ވާހަކައިގައި ގެނައުމުގެ ނިޔަތުގައި ކަމަށެވެ.
ސިޔާސީ ވެރީންނަށް ތައުރީފު ކުރުމުގައި ނިހާޔަތަށް ޖޯރާއި ޖޯޝުގައި ޕޯޑިއަމްތަކުގައި އަޑު އުފުއްލަވާ ރަފިއްޔާ ވަނީ އެންމެހާ ދިވެހިންގެ އަރިހުން މައާފަށް އެދިވަޑައިގެންފައެވެ.