ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް، ޑރ.މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ ރަނިންމޭޓް، ހުސައިން މުހައްމަދު ލަތީފު(ސެމްބެ) މިއަދު ދޮރުން ދޮރަށް، (ޑޯޓުޑޯ ކެމްޕެއިން) އަށް ނުކުމެވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.

އިދިކޮޅު ކޯލިޝަނުން ބުނީ ”ޑޯ ޓު ޑޯ“ ހަރަކާތް ފަށާނީ މިއަދު ހަވީރު ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ކަމަށެވެ.

މި ހަރަކާތް ފެށުމަށް ހަމަޖެހިފައި ވަނީ 16:15ގައި ހިޔާ( އަތިރިމަތި ފަޅި) ބަސް ހުއްޓި ސަރަހައްދުން ކަމަށް ޕީޕީއެމް-ޕީއެންސީން ވަނީ ހާމަކޮށްފައެވެ.

މި ފަހަރުގެ ރިޔާސީ އިންތިހާބުގައި 8 ކެންޑިޑޭޓުން ވާދަ ކުރައްވައެވެ. އިންތިހާބުގައި ވާދަ ކުރައްވާ ކެންޑިޑޭޓުންގެ ނަންތައް އިއްޔެ ވަނީ ތަރުތީބު ކޮށްފައެވެ. މުއިއްޒުއަށް ލިބިވަޑައިގަތީ ކެންޑިޑޭޓް ނަންބަރު 4އެވެ.

ވ.އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާއި ގުޅިގެން އުފުލި ދެ ދައުވާ ސާބިތުވާ ކަމަށް ކަނޑައެޅުމުން އިދިކޮޅު ލީޑަރު، ރައީސް ޔާމީން ގެންދަވަނީ 11 ‏އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އެމަނިކުފާނުގެ ކެންޑިޑެސީ ބަލައިނުގަތުމަށް އިލެކްޝަންސް ކޮމިޝަން(އީސީ)އިން ނިންމި ނިންމުމަށް ސުޕްރީމް ކޯޓުން ކުރި ތާއީދާ ގުޅިގެން ޕީއެންސީން މިވަނީ ޑރ މުއިއްޒު ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި އިންތިހާބަށް ކުރިމަތިލައްވާފައެވެ.

މިއީ ޔާމީނަށް ވާދަނުކުރެއްވޭ ހާލަތެއްގައި އިންތިހާބުގައި ވާދަކުރެއްވުމަށް އެހެން ކެންޑިޑޭޓެއް ޕީއެންސީން ނެރުމަށް ދެޕާޓީން، ޔާމީންގެ ލަފާފުޅަކާއެކު ނިންމިނިންމުމަކަށް އަޅުއްވާފައިވާ އަމަލީ ފިޔަވަޅެވެ. ނަމަވެސް ދިމާވި ހާލަތާއެކު ރައީސްޔާމިނަށް މިއަހަރުގެ އިންތިހާބުގައި ވާދަނުކުރެއްވޭކަމުގެ ޔަގީންކަން ސުޕްރީމް ކޯޓުން ދިނުމުން ރައީސް ޔާމީނާއި ޕީޕީއެމް އަދި ޕީއެންސީގެ މެދުގައި ދިޔައީ ހަމަނުޖެހުންތަކެއް ފެށިގެންނެވެ،

އެހެންނަމަވެސް މިހާރު ކޯލިޝަން ދެފަރާތުން ވެސް ވަނީ އެއްބަސްވުމަކަށް އައިސްފައެވެ. އަދި މިހާރު އިދިކޮޅުކޯލިޝަނުން ބުނަމުންދަނީ ރައީީސް ޔާމީންގެ ފުރިހަމަ ތާއީދު މުއިއްޒުއާއި ސެމްބެއަށްް އެބައޮތް ކަމަށާއި އިންތިހާބު އެއްބުރުން ކާމިޔާބުވާނެ ކަމަށެވެ.