ސްވިމިން ޓްރެކް ސަރަހައްދުގެ މޫދުގައި ނަޖިހުގެ އަސަރު އިތުރުވެފައިވާ ކަމަށް ޓެސްޓްތަކުން ދެއްކުމުން އެ ސަރަހައްދަށް މޫދަށް އެރުން މަނާކޮށްފިކަމަށް ސްވިމިން އެސޯސިއޭޝަނުން ހާމަކޮށްފިއެވެ.

އެ އެސޯސިއޭޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި ޓްރެކް ސަރަހައްދަން މޫދަށް އެރުން މަނާ ކުރީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެ ގޮތަށް ލަފާދިނުމުންކަމަށްވެއެވެ.

އެ އެސޯސިއޭޝަނުގެ ބަޔާނުގައި ބުނި ގޮތުގައި، އެ ސަރަހައްދަށް މޫދަށް އެރުމުގެ ހުއްދަ އަލުން ދޭނީ ގަވައިދުން ލޮނުގަނޑު ޓެސްޓްކޮށް، ރައްކާތެރިކަމުގެ ޔަގީންކަން ލިބުމުންނެވެ

"މޫސުމީ ބަދަލުތަކާ އެކު މާލޭ ސްވިމިން ޓްރެކްގެ ލޮނުގަނޑު ގައި ނަޖިހުގެ އަސަރު އިތުރުވެފައިވާ ކަމަށް ، ސްވިމިން ޓްރެކް ސަރަހައްދުން ލޮނު ނަގައި، އެންމެ ފަހުން ހެދި ޓެސްޓްތަކުގެ ނަތީޖާއިން ދައްކާތީ މިވަގުތު އެ ސަރަހަައްދަށް މޫދަށް އެރި އުޅުމަކީ ރައްކާތެރި ނޫންކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން އަންގަވާފައި ވާތީ މިވަގުތުން ފެށިގެން ސްވިމިން ޓްރެކަށް މޫދަށް އެރި އުޅުން މަނާކުރެވިފައިވާ ވާހަކަ ދަންނަވަމެވެ،" ސްވިމިން އެސޯސިއޭޝަނުގެ ބަޔާނުގައި ބުންޏެވެ.

ފަތަން ދަސްކުރުމާއި ފެތުމުގެ މުބާރާތްތަކަށް ޕްރެކްޓިސް ކުރުން ފަދަ އެތައް ހަރަކާތަކާއި އެކު އެެއީ ވަރަށް ކާރޫ ބާރޫ ބޮޑު ސަރަހައްދެކެވެ.