ރިޔާސީ އިންތިޚާބަށް ފްރަންޓްލައިން ފުލުހުން އަހުލުވެރިކުރުވުމުގެ ޕްރޮގްރާމް ފެށިގެން ކުރިއަށް ގެންދާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ ވިދިވެހި ފުލުހުންގެ ޚިދުމަތާއި އިލެކްޝަންސް ކޮމިޝަންސް ގުޅިގެން ކުރިއަށްގެންދާ މި ޕްރޮގްރާމުގައި، ރިޔާސީ އިންތިޚާބާ ބެހޭ ގާނޫނާއި އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނު އަދި އިލެކްޝަންސްގެ ގާނޫނަށް އަލަށް އިތުރުކުރެވުނު އިސްލާހުތަކަށް އަހުލުވެރިކުރުވުމަށް މައުލޫމާތު ހިއްސާކުރާނެކަމަށެވެ.

އޭގެ އިތުރުން، ކުރިން ހިންގާފައިވާ އިންތިޚާބުތަކުގެ މައުލޫމާތާއި ވޯޓުލުމާއި، ވޯޓު ގުނުމުގެ ހުރިހާ މަރުހަލާއެއްގައި އަމާންކަމާއެކު ހަރަކާތްތެރިވެފައިވާ ގޮތުގެ ތަޖުރިބާތަކާއި މައުލޫމާއި އަދި ކުރީގެ އިންތިޚާބުތަކުގައި ދިމާވެފައިވާ ގޮންޖެހުންތަކާއި ވޯޓުލުމުގެ ހައްގު އޮންނަ ކޮންމެ ރައްޔިތަކަށް އެ ހައްގުގެ ބޭނުން އެންމެ ފުރިހަމައަށް ކަށަވަރުކޮށްދިނުމާ ގުޅޭގޮތުން މައުލޫމާތު ހިއްސާކުރާނެ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

މީގެ އިތުރުން، ރިޔާސީ އިންތިޚާބަށް ފުލުހުން ފުރިހަމައަށް ތައްޔާރުވުމަށްޓަކައި ކަމާ ގުޅުންހުރި އެހެނިހެން މުއައްސަސާތަކާއެކު ތަފާތު އެހެން ޕްރޮގްރާމްތައްވެސް ކުރިއަށް ގެންދެއެވެ.

މިދިޔަ 23 ވަނަދުވަހުން ފެށިގެން ދަރުބާރުގޭގައި ކުރިއަށް ގެންދާ މި ޕްރޮގްރާމުގައި، މާލެ، ހުޅުމާލެ، ވިލިމާލެ އަދި ތިލަފުށީގައި މަސައްކަތްކުރާ ފްރަންޓްލައިން ފުލުހުންގެ ތެރެއިން އިލެކްޝަންސްގައި ހަރަކާތްތެރިވާ ހުރިހާ ފުލުހުން ބައިވެރިވެއެވެ.

މި ޕްރޮގްރާމްގައި ކްލާސްތައް ކުރިއަށް ގެންގޮސްދެއްވަނީ އިލެކްޝަންސް ކޮމިޝަނުގެ ކަމާގުޅޭ މުދައްރިބުންނެވެ.