ބައިނަލްއަގުވާމީ ބަނދަރުތަކުން އައްޑޫ ސިޓީއަށް މުދާ އެތެރެކުރުމަށް މަގުފަހިކޮށްދިނުމަށް ގައުމީ ޝިޕިން ކުންފުނި, މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) އިން ގެންނަ ބޯޓު, އެމްއެސްއެސް އޯޕަލް ގަތުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.
އެ ބޯޓު ގަތުމުގެ އެއްބަސްވުމުގައި ސޮއިކުރީ މީރުމާ އިވެންޓް ހޯލުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ. މިއީ 2020 ވަނަ އަހަރު އެމްއެސްއެސް އުފެއްދި ފަހުން އެ ކުންފުނިން ގެންނަ ފަސްވަނަ ބޯޓެވެ.
މިއީ ބައިނަލްއަގްވާމީ ބާޒާރުން އައްޑޫއަށް ގެނެވޭ މުދާ މާލޭގައި ޓްރާންސިޓް ކުރުމަށްފަހުއައްޑޫ އަށް ގެންދިއުމާއި އަދި މާލެއިން ގަންނަ މުދާ ކޮންޓެއިނަރައިޒްޑް ކޮށްގެން އައްޑޫއަށް ގެންދިއުމަށް ބޭނުންކުރާނެ އުޅަނދެކެވެ.
އެސްޓީއޯއިން ބުނީ, މި ބޯޓު ދަތުރުކުރާނީ މާލެ, ހިތަދޫ, ކޫއްޑޫ, މާލެއަށް ކަމަށާއި މި ބޯޓާއެކު ބައިނަލްއަގުވާމީ ބާޒާރުން އައްޑޫއަށް ގެނެވޭ މުދާ މާލޭގައި ޓްރާންސިޓް ކުރުމަށްފަހު އައްޑޫއަށް ގެންގޮސް އަދި މާލެއިން ގެންނަ މުދާ ކޮންޓެއިނަރައިޒްޑް ކޮށްގެން އައްޑޫއަށް ގެންދެވޭނެ ކަމަށެވެ.
2020 ވަނަ އަހަރު އުފެއްދި އެމްއެސްއެސް އިން އެމްއެސްއެސް އޯޕަލް ގެނައުމާއެކު ވެގެންދާނީ އެ ކުންފުނިން ގެންނަ ފަސްވަނަ ބޯޓަށެވެ. އެމްއެސްއެސް އޯޕަލް ރާއްޖެގެނެވި އިދާރީ އެންމެހައި ކަންކަން ނިމުމާއެކު ދުނިޔޭގެ ކޮންމެ ތަނަކުންވެސް އައްޑޫއާ ހަމައަށް މުދާ ގެނައުމަށް ބުކް ކުރުމަށް ހުޅުވާލެވޭނެއެވެ. ކޮންމެ ދިހަ ދުވަހަކުން އައްޑޫ ސިޓީއަށް ދަތުރުކުރާ މި ބޯޓް ދަތުރުކުރާ ރޫޓަކީ މާލެ، ހިތަދޫ، ކޫއްޑޫ މާލެއެވެ.
ވިހި ރީފާ ކޮންޓެއިނަރު ނުވަތަ ފިނި ކޮންޓެއިނަރާ އެކު 105 ކޮންޓެއިނަރު އުފުލޭ މި ބޯޓު ކޮންމެ ދިހަ ދުވަހަކުން އައްޑޫ ސިޓީއަށް ދަތުރުކުރާއިރު, މިއީ ކްރޭން ހަރުކޮށްފައި ހުންނަ ބޯޓެކެވެ. އެހެންވެ އައްޑޫ ސިޓީގެ ބަނދަރުގައި މި ވަގުތު ކްރޭން ނެތިގެން ދިމާވާ އެއްވެސް ދަތިކަމެއް މި އޮޕަރޭޝަންގައި ދިމާވެގެން ނުދާނެ ކަމަށްވެސް އެސްޓީއޯއިން ބުނެއެވެ.
އެމްއެސްއެސް އޯޕަލް އޮޕަރޭޓް ކުރަންފެށުމުން މުދާ އުފުލުމުގައި ހުރި ދަތިތައް ހައްލުވެގެންދާނެއެވެ. މި އޮޕަރޭޝަންގެ ސަބަބުން ގަވާއިދުން މުދާ އުފުލަދޭނެ އިތުބާރުކުރެވޭ ފަރާތެއް އުފެދި ބާޒާރުގައި އުފދުލުމުގެ ހިދުމަތުގެ އަގު އުފުލިގެން ދިއުން ހިފެހެއްޓިގެންދާނެއެވެ. އަދި މޫސުން ގޯސް ދުވަސްވަރު، ދެކުނުގެ ރަށްތަކަށް ކާޑުގެ ބާވާތްތައް ފޯރުކޮށް ދިނުމުގައި ދިމާވާ ދަތިތައް ފިލައި ކާޑުގެ ލިބުމުގެ ޔަގީންކަން އިތުރުވެގެންދާނެއެވެ.