ފަސް ރަށެއްގައި ސްޕޯޓްސް ކޮމްޕްލެކްސްތަކެއް ތަރައްގީ ކުރަން ޝައުގުވެރިވާ މީހުންނަށް އެފުރުސަތަށް އެދި ފޯމު ހުށަހެޅުމަށް ހުޅުވާލައިފިއެވެ.
މިނިސްޓްރީ އޮފް ފިނޭންސް އިން މިދިޔަ އަންގާރަ ދުވަހުގައި ނެރު އިއުލާނެއްގައިވަނީ މި މަސައްކަތަކީ މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ އެދުމުގެ މަތިން ގެޒެޓް ކޮށްފައިވާ އިއުލާނެއްކަމަށެވެ.
މިގޮތުން މި މަސައްކަތް ކުރަން ފަސް ރަށަކަށް އެފުރުސަތު ހުޅުވާލާފައިވެއެވެ.އެއީ ގދ.ވާދޫ، ހދ.ކުޅުދުއްފުށީ، ނ.މަނަދޫ، ސ.ހިތަދޫ އަދި ށ.މިލަންދޫއެވެ. އަދި ކޮންމެ ރަށެއްގައިވެސް ބިޑްކުރުމުގެ އަދަދުގޮތުގައި ކަނޑައަޅާފައިވަނީ 52،000.00 ރުފިޔާއެވެ.
އިއުލާނުގައިވާގޮތުން ކޮންމެ ބީލަމެއްގައި -/500 ރުފިޔާގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހެއެވެ.މިގޮތުން ފައިސާ ބަލައިގަންނާނީ 09 އޮގަސްޓް 2023 އިން 17 އޮގަސްޓް 2023 އަށް، ބަންދު ނޫން ކޮންމެ ދުވަހެއްގެ 8:00 އިން 14:00 އަށް ފިނޭންސް މިނިސްޓްރީގެ އޮންލައިން ޕޭމަންޓް ޕޯޓަލް - (ބަނޑޭރި ޕޭ (https://bandeyripay.finance.gov.mv)) މެދުވެރި ކޮށެވެ. އަދި ފައިސާ ދެއްކުމަށްފަހު، ބީލަންތަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތުގެ ނަމާއި އެޑްރެސް، ގުޅޭނެ ނަންބަރާއި އީ-މެއިލް އެޑްރެސް އަދި ފައިސާ ދެއްކި ރަސީދުގެ ކޮޕީ އެ މިނިސްޓްރީގެ އީމެއިލްއަށް ފޮނުވަން ވާނެކަމަށްވެއެވެ.
މީގެއިތުރުން މި މަސައްކަތްތަކާއި ބެހޭ އެންމެހައި ލިޔެކިޔުންތައް ސޮފްޓްކޮޕީ ފޯމެޓުގައި މި މިނިސްޓްރީގެ ވެބްސައިޓްwww.finance.gov.mv އިން އިއްޔެއިން ފެށިގެން ލިބެން ހުންނާނެކަމަށްވެއެވެ.އަދި އެއްވެސް ސުވާލެއް ކުރަން ބޭނުން ނަމަ 13 އޮގަސްޓް 2023ވާ އާދިއްތަ ދުވަހުގެ 13:00ގެ ކުރިން އިީމެއިލް ކުރުމަށް އިއުލާންގައިވެއެވެ.
ބިޑުތައް ހުޅުވުން އޮންނާނީ 20 އޮގަސްޓް 2023 ވާ އާދިއްތަ ދުވަހުގެ 10:00:00ގައި މިމިނިސްޓްރީގެ ނެޝަނަލް ޓެންޑަރގެ ޖަލްސާކުރާ މާލަމުގައެވެ.