ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ގއ. ދާންދޫގައި ފެނުގެ ޚިދުމަތް ރަސްމީގޮތުން ފަށްޓަވައިދެއްވައި ގއ. ކޮލަމާފުށީ ފެނަކަ އޮފީހާއި ވޮލީކޯޓް ރަސްމީގޮތުން ހުޅުއްވައިދެއްވައިފިއެވެ.

އެމަނިކުފާނު މި ތަންތަން ހުޅުއްވައިދެއްވައި ޚިދުމަތްތައް ފަށްޓަވައިދެއްވާފައި ވަނީ އެމަނިކުފާނު މިހާރު ގއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

ދާންދޫގައި ފެނުގެ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތްކޮށްފައި ވަނީ ޓްރިވެނި އިންޖިނިއަރިންގ އެންޑް އިންޑަސްޓްރީސް ލިމިޓެޑާއި ހަވާލުކޮށްގެންނެވެ. އެމަނިކުފާނު މިއަދު ހުޅުއްވައިދެއްވި ކޮލަމާފުށީ ފެނަކަ އޮފީހަކީ މިހާރު 50 މުވައްޒަފުންގެ ޖާގައިގެ، ޖާގަ ތަނަވަސް އަދި ރިސެޕްޝަން، ލޮބީ، މެނޭޖަރ ރޫމް، މީޓިން ރޫމާއި ރެސްޓްރޫމް ހިމެނޭ އަދި ޒަމާނީ ވަޞީލަތްތަކާއެކު ތަރައްޤީކޮށްފައިވާ އޮފީސް އިމާރާތެކެވެ. ކޮލަމާފުށީގެ ވޮލީކޯޓަކީ ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން ތަރައްޤީކޮށްފައިވާ ވޮލީކޯޓެކެވެ.

އަތޮޅުތަކުގެ ރަށްރަށުގައި އަސާސީ ޚިދުމަތްތައް ޤާއިމްކޮށް، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށްޓަކައި، ސަރުކާރުން ވަނީ، އަތޮޅުތަކުގެ ރަށްރަށުގައި ޢުމުރާނީ ތަރައްޤީގެ ވަރަށް ގިނަ މަޝްރޫޢުތައް ހިންގާފައެވެ. އަދި ފަޚުރުވެރި، އަބުރުވެރި ދިރިއުޅުމެއް އުޅެވޭނެހެން މަގުފަހިކުރުމަށް ރާއްޖޭގެ ރަށްރަށުގެ ތަރައްޤީއަށް ސަރުކާރުން ދަނީ ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންނެވެ