ރެއާލް މެޑްރިޑުގެ ގޯލު ބަހަލައްޓަމުން އަންނަ ބެލްޖިއަމްގެ ތަޖުރިބާކާރު ކީޕަރު ތިބައުޓް ކޯޓުއާގެ ކަކުލުގެ ލިގްމަންޓަށް ލިބުނު އަނިޔާގެ ސަބަބުން އޮޕަރޭޝަން ކުރަން ޖެހިފައިވާ ކަމަށް ރެއާލް މެޑްރިޑުން ބުނެފިއެވެ.
ރެއާލް މެޑްރިޑުން ބުނީ ކޯޓުއާގެ ލިގްމަންޓަށް އަނިޔާވީ މިއަދު ބޭއްވި ފަރިތަކުރުންތަކުގެ ތެރެއިން ކަމަށެވެ. އަދި ކުރިއަށް އޮތް ސީޒަނުގައި ކޯޓުއާ ފެނުމުގެ ފުރުސަތު ކުޑަކަމަށްވެސް އެކްލަބުން ބުނެއެވެ.
ރެއާލްއިން ބުނީ ކުރިއަށް އޮތް ހަފްތާ ތެރޭގައި ކޯޓުއާގެ އޮޕަރޭޝަން ކުރަން ތައްޔާރު ވަމުން އަންނަކަމަށެވެ. ކޯޓުއާއަށް އަނިޔާވުމުން، މިސީޒަނުގައި އެކްލަބުގެ އެއްނަންބަރު ކީޕަރުގެ މަގާމް ލިބޭނީ މަތީ ފަންތީގެ ތަޖުރިބާ މަދު ޔޫކްރައިނުގެ 24 އަހަރުގެ އަންދްރޭ ލުނިންއަށެވެ.
އަނިޔާގެ ސަބަބުން ކޯޓުއާއަށް މުޅި ސީޒަން ގެއްލިއްޖެނަމަ އެކަންވާނީ ރެއާލްއަށް ފޫބައްދަން އުނދަގޫ މައްސަލައަކަށެވެ. އެންމެފަހުގެ ބެލޮންޑިއޯ ސެރަމަނީގައި ދުނިޔޭގެ އެންމެ މޮޅު ކީޕަރުގެ މަގާމް ހޯދި ކޯޓުއާ ވަނީ ރެއާލްއާއެކު ޗެމްޕިއަންސް ލީގާއި ލަލީގާ، ކްލަބް ވަރލްޑް ކަޕް އަދި ޔުއެފާ ސްޕަރކަޕްވެސް ކާމިޔާބު ކޮށްފައެވެ. 2018 ވަނަ އަހަރު ރެއާލްއަށް ބަދަލުވުމުގެ ކުރިން ޗެލްސީއާއެކު ދެފަހަރެއްގެ މަތިން އޭނާ އިނގިރޭސި ޕްރިމިއަރ ލީގްވެސް ކާމިޔާބު ކުރިއެވެ.