ރިސޯޓް މާހައުލަކީ މުވައްޒަފުން މަސައްކަތް ކުރުމަށް ރައްކާތެރި ތަނެއްކަން ކަށަވަރުކުރަން ޖެހޭ ކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ނައިބް ރައީސް އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

އިންޑިއާ ރައްޔިތަކު ރިސޯޓެއްގެ އިންޓާންއަކަށް މަސައްކަތް ކުރަމުންދިޔަ އުމުރުން 19 އަހަރުގެ ދިވެހި އަންހެން ކުއްޖަކު ރޭޕްކުރި ކަމަށް ބުނާ މައްސަލައެއް ފެންމަތިވީ މިމަހުގެ ތިންވަނަ ދުވަހުގަ އެވެ.

މިކަމާ ގުޅިގެން އާދަމް ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިފަދަ ކަންކަމުގެ ސަބަބުން އަންހެން ކުދިން ރިސޯޓު ވަޒީފާތަކަށް ފޮނުވަން ޖެހިލުންވާނެ ކަމަށެވެ.

"ރިސޯޓު މާހައުލަކީ މަސައްކަތް ކުރުމަށް ރައްކާތެރި، ހާއްސަކޮށް ޖިންސުންލަތީފުންނަށް ހިމާޔަތާއި ރައްކާތެރިކަން ކަށަވަރު ވެފައިވާ ތަނަކަށް ހަދަން ޖެހޭ." އާދަމް ޝަރީފް ވިދާޅުވިއެވެ.

ފުލުހުން ބުނީ ރިސޯޓެއްގައި ދިވެހި އަންހެނަކު ރޭޕްކުރި ކަމަށް ބުނެ މީޑިއާއެއްގައި ކުރި ރިޕޯޓަކާ ގުޅިގެން މައުލޫމާތު އޮޅުންފިލުވިއިރު، ރޭޕް ކުރުމުގެ އަމަލެއް ހިނގާފައިވާ ކަމުގެ އެއްވެސް ހެތްކެއް ނެތް ކަމަށެވެ.

ނަމަވެސް، އެރިސޯޓުގައި އިންޓަރންޝިޕް ހަދަމުންދިޔަ ދިވެހި އަންހެނެއްގެ ގައިގައި ނުގަބޫލުގައި އެރިސޯޓުގައި މަސައްކަތްކުރާ ބިދޭސީ ފިރިހެނަކު އަތްލަން މަސައްކަތްކޮށްފައިވާކަމަށް އެ އަންހެންމީހާގެ ފަރާތުން މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ބުނެއެވެ. އެގޮތުން މި މައްސަލަ ފެމިލީ އެންޑް ޗައިލް ޕްރޮޓެކްޝަންގެ ފަރާތުން ދަނީ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ.

"މީޑިއާގައި މި މައްސަލައާ ގުޅޭގޮތުން ރިޕޯޓްކުރުމުގެ ކުރިން އެއްވެސް ފަރާތަކުން މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައެއް ނުވޭ. އަދި މިމައްސަލައާގުޅޭ މައުލޫމާތު މޯލްޑިވްސް ޕޮލިސް ސާރވިސްއަށް ލިބުނުއިރު ތުހުމަތުކުރެވޭ ފިރިހެންމީހާ ވަނީ ރާއްޖެއިން ފުރާފައި" ފުލުހުން ބުނެއެވެ.

ފުލުހުން ވަނީ ޖިންސީކުށުގެ ޚަބަރުތައް މީޑިއާތަކުން ގެނެސްދިނުމުގައި އަނިޔާލިބޭ ފަރާތް އިތުރަށް ވިކްޓިމައިޒް ނުވާނެގޮތަށް ޚަބަރުތައް ގެނެސް ދިނުމަށް އިލްތިމާސްކޮށްފައެވެ.