ބެއިޖިންގ: ޗައިނާއާ ދެކޮޅަށް އެމެރިކާއިން އަމަލުކުރާ އަމަލުތަކުން ދައްކުވައިދެނީ ދުނިޔޭގައި ނުތަނަވަސްކަން އުފެދޭ އެންމެ ބޮޑު ސަބަބަކީ އެމެރިކާ ކަމުގައި ޗައިނާގެ ފޮރިން މިނިސްޓަރު ވަންގް ޔީ ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ސުލްހައަށް އޮތް އެންމެ ބޮޑު ނުތަނަވަސްކަމަކީ އެމެރިކާކަމަށް ފާޅުގައި ވިދާޅުވެ ވަންގް ޔީ އެމެރިކާއަށް ބަހުގެ ހަމަލާއެއް ދެއްވީ ސިންގަޕޫރުގެ ބޮޑުވަޒީރު ލީ ސިއެން ލޫންގްއާ ބައްދަލުކުރައްވައި ބޭއްވި މަޝްވަރާ ކުރެއްވުމުގެ ތެރެއިންނެވެ.

ވަންގް ޔީއާ ހަވާލާ ދެއްވައި ޗައިނާގެ ފޮރިން މިނިސްޓްރީގެ ވެބްސައިޓުގައި ބުނެފައި ވަނީ އެމެރިކާއިން އިންސާފުވެރިކަމުގެ ނަޒަރުން ގައުމަކާމެދު ބަލަނީ އެގައުމަކުން ޗައިނާއާ ދެކޮޅުވެ، އެމެރިކާގެ ހިމާޔަތަށް އެދުމުން ކަމަށެވެ. އެމެރިކާގެ މިއަމަލުތަކާ ހުރެ އެގައުމުގެ އިތުބާރު ގައުމުތަކުގެ މެދުގައި ދަނީ ގެއްލުމުން ކަމަށެވެ.

ވަންގް ޔީ ސިންގަޕޫރާއި މެލޭޝިއާ އަދި ކެމްބޯޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރަކީ އޮގަސްޓް މަހުގެ 10 އިން 13 އަށް ޗައިނާގެ ފޮރިން މިނިސްޓްރީން ކުރިން ކަނޑައަޅާފައިވާ ޝެޑިއުލާ އެއްގޮތަށް އިރުމަތީ އޭޝިއާގެ ގައުމުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެކެވެ.

މިދަތުރުފުޅުގެ ބޭނުންފުޅަކީ ޗައިނާއިން ކުރިއަށްދާ ވަން ބެލްޓް، ވަން ރޯޑް އިނިޝިއޭޓިވްގެ މަޝްރޫއުތަކުގައި އިރުމަތީ އޭޝިޔާގެ ގައުމުތައް ބައިވެރި ކުރެއްވުމަށް ހިތްވަރު ދެއްވުމެވެ. ސިންގަޕޫރާއި ކެމްބޯޑިޔާ އަދި މެލޭޝިޔާއިން ވަނީ ވަން ބެލްޓް އަދި ވަންރޯޑް އިނީޝިއޭޓިވްގައި ބައިވެރިވުމަށް ނިންމާފައެވެ.

އެމެރިކާ އާއި ޗައިނާއާ ދެމެދު މިދުވަސްވަރު ނުތަނަވަސްކަން އުފެދިފައި ވަނީ ޗައިނާއިން އެގައުމުގެ ބައެއް ކަމުގައި ވަކާލާތު ކުރަމުން އަންނަ ތައިވާނު މިނިވަން ކުރުމަށް އެމެރިކާއިން މަސައްކަތް ކުރަމުން ދިޔުމާއި ޗައިނާ ކަނޑުގެ މައްސަލާގައި ޗައިނާ އާއި ފިލިޕީންސްއާ ދެމެދު އުފެދިފައިވާ މައްސަލަތަކުގެ ތެރެއަށް އެމެރިކާ ވަންނަމުން ދާތީއެވެ.