އެމްޑަބްލިއުއެސްސީ އިން ނ. ކުޑަފަރީގެ ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ އަމަލީ މަސައްކަތް އިފްތިތާހުކޮށްފި އެވެ.

މިމަޝްރޫއުގެ މަސައްކަތް އިފްތިތާހުކޮށްދެއްވާފައިވަނީ، ކުޑަފަރީގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި އެ ކުންފުނީގެ ޗެއާމަން އަހުމަދު މައުސޫމު އާއި، މެނޭޖިންގް ޑައިރެކްޓަރު ހަސަން ޝާހު، ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސާ، ކުޑަފަރި ކައުންސިލްގެ ރައީސް ހަސަން މުހައްމަދުއާއި ކައުންސިލްގެ ނައިބު ރައީސް ޖަޒްލާން އާދަމް އެވެ.

އެމްޑަބްލިއުއެސްސީން ބުނީ، މި މަޝްރޫއުގައި ހިމެނޭ ފެނުގެ ނިޒާމް ގާއިމްކުރުމުގެ މަސައްކަތުގެ ދަށުން ކުޑަފަރީގައި 9.5 ކިލޯ މީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯރކް ގާއިމްކުރުމާއި އާރއޯ ފެސިލިޓީ ބިލްޑިންގ އިމާރާތްކުރުމާއި، ފެން އުފެއްދުމަށްޓަކައި 2 އާރއޯ ޕްލާންޓް ބެހެއްޓުމާއި، ފެން ރައްކާކުރުމަށްޓަކައި 250 ކިއުބިކް މީޓަރުގެ 3 ތާންގި ބެހެއްޓުން ހިމެނޭކަމަށެވެ.

މީގެ އިތުރުން، މި މަޝްރޫޢުގެ ދަށުން އެރަށުގެ ގޭގޭގައި ފެންމީޓަރު ބަހައްޓައި، ފެނުގެ ކަނެކްޝަން ގުޅައިދީ، މި ގެތަކަށް ރައްކާތެރި ބޯފެން ފޯރުކޮށްދެވިގެންދާނެކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

މި މަޝްރޫއުގައި ހިމެނޭ ނަރުދަމާ ނިޒާމުގެ މަސައްކަތުގެ ދަށުން ކުޑަފަރީގައި 8.1 ކިލޯ މީޓަރުގެ ދިގު ނަރުދަމާގެ މައި ނެޓްވޯރކް ގާއިމްކުރުމާއި، 650 މީޓަރގެ ޕަންޕިން ލައިން އެޅުމާއި 2 ޕަންޕިން ސްޓޭޝަނާއި އަދި 1 ސީ އައުޓް ފޯލް ގާއިމްކުރުން ހިމެނޭ ކަމަށާއި، އަދި ގޭގޭގައި ޖަންކްޝަން ބަހައްޓައި، ނަރުދަމާ ކަނެކްޝަން ގުޅައިދީ މިގެތަކަށް ނަރުދަމާގެ ހިދުމަތް ފޯރުކޮށްދެވިގެން ދާނެކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

މީގެ އިތުރުން މި މަޝްރޫއުގެ ދަށުން ފެނާއި ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނަރޭޓަރު ސެޓާއި ވެހިކަލް އަދި ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސަމާނު ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާކަމަށްވެސް އެމްޑަބްލިއުއެސްސީން ވަނީ ބުނެފައެވެ.

އެ މަޝްރޫޢުގެ ތެރެއިން ނަރުދަމާ ނިޒާމް ގާއިމްކުރުމަށް ބޭނުންވާ ހޮޅިއާއި އެހެނިހެން ތަކެތި ކުޑަފަރީއަށް ގެންގޮސް، ހޮޅި ވަޅުލުމުގެ މަސައްކަތް މިހާރު ކުރަމުން ދާ ކަމަށް ވެސް އެމްޑަބްލިއުއެސްސީން ބުނެއެވެ. އަދި މިމަޝްރޫއުގެ ފެނުގެ ނިޒާމްގައި ހިމެނޭ ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިންގެ 20 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.

ކުޑަފަރީގެ ފެނާއި ނަރުދަމާގެ މަޝްރޫއަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ. މި މަޝްރޫއުގެ މުއްދަތަކީ 22 މަސް ދުވަހެވެ. މިމަޝްރޫއަށް ޖުމްލަ 38,245,917.74 ދިވެހި ރުފިޔާ އެވެ.