މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ. މުޙައްމަދު މުޢިއްޒުއަށް ތާއީދު ކުރައްވާ ކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ އައްޝައިހް ޑރ. އަލީ ޒާހިރު ބިން ސަޢީީދް ޤާސިމް ވިދާޅުވެއްޖެއެވެ.

ޝައިހް ޒާހިރު މިއަދު ހެނދުނު ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވަނީ ޑރ. މުޢިއްޒު އާ ބައްދަލުކޮށް ވެރިކަމުގެ ތަސައްވުރު ސާފު ކޮށްފިން ކަމަށެވެ. އަދި އެމަނިކުފާނާ މެދު އިތުބާރު އެބައޮތްކަމަށާއި އެމަނިކުފާނަކީ ހެޔޮވެރިކަމެއް ކޮށްދެވޭނެ ޢިލްމާއި ގާބިލުކަމާއި މަޑުމައިތިރި ރިވެތި ސިފަތައް އެބަހުރި ބޭފުޅެއް ކަމަށްވެސް ޝައިހް ވިދާޅުވިއެވެ.

މީގެ އިތުރުން ޝައިހް ޒާހިރު ވަނީ ޑރ. މުޢިއްޒުއަށް ތާއިދު ކުރައްވާ ކަމަށާއި އެ މަނިކުފާނަށް ކާމިޔާބަށް އެދިވަޑައިގަންފައެވެ.

ޑރ މުޢިއްޒުގެ ރަނިންމޭޓަކީ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ޙުސައިން މުޙައްމަދު ލަތީފެވެ. އެ ދެ ބޭފުޅުންގެ ކެންޑިޑެސީ ފޯމު އިއްޔެ ވަނީ އިލެކްޝަންސް ކޮމިޝަން(އީސީ)އަށް ހުށަހަޅައިފައެވެ.

އަދި އެކޮމިޝަނުން ވަނީ އެ ބޭފުޅުންގެ ކެންޑިޑެސީ ފޯމު ބަލައިގަންފައެެވެ

ޑރ. މުއިއްޒު ޕީއެންސީގެ ރިޔާސީ ޓިކެޓު ކަށަވަރު ކުރެއްވީ ޕީޕީއެމްގައި ހުންނަވާފައި ޕީއެންސީއަށް ސޮއި ކުރައްވައި ކައުންސިލްގައި ނެގި ވޯޓުގެ މެޖޯރިޓީ ހޯއްދަވައިގެންނެވެ. އެވޯޓުގައި މުއިއްޒުއަށް 25 ވޯޓު ލިބިލެއްވިއިރު ވާދަކުރެއްވި އަނެއް ކެނޑިޑޭޓު އާދަމް ޝަރީފު އުމަރަށް ލިބިލެއްވީ 23 ވޯޓެވެ.