ރިޔާސީ އިންތިހާބަށް އަމިއްލަ ގޮތުން ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާ ހަސަން ޒަމީލް މުޅިން ތަފާތު ގޮތަކަށް ކެމްޕެއިން ކުރައްވަން ގަސްދު ކުރައްވައިފިއެވެ. ޒަމީލު ވިދާޅުވެފައި ވަނީ އިންތިހާބަށް ކެމްޕޭން ކުރުމަކީ ބޮޑު ހަރަދެއް ހިނގާ ކަމަކަށް ވާތީ، ރިޔާސީ އިންތިހާބުގެ ކެމްޕޭން ކުރިޔަށް ގެންދަވާނީ ސޯޝަލް މީޑިއާގައި ކަމުގައެވެ.

ކުރިޔަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވިއްޖެނަމަ ތަންފީޒު ކުރައްވާނެ ބައެއް ސިޔާސަތުތައް އާންމު ކުރެއްވުމުގެ ގޮތުން ޒަމީލުގެ ކެމްޕޭން ވައިބަރ ކޮނިއުބިޓީގައި އާންމު ކުރެއްވި ވީޑިއޯއެއްގައި ވާހަކަ ދައްކަވަމުން ވިދާޅުވީ ސޯޝަލް މީޑިއާގެ އިތުރުން ކެމްޕެއިން ކުރުމަށް ޕީއެސްއެމް އިންވެސް އޭނާއަށް ފުރުސަތު ލިބިވަޑައިގަންނަވާނެ ކަމުގައެވެ.

ޒަމީލުގެ ވައިބަރ ކޮމިއުނިޓީ ގުރޫޕުގައި އާންމު ކުރެއްވި ވީޑިއޯ މެސެޖުގައި ވިދާޅުވީ ރާއްޖޭގެ އިޖުތިމާއީ މާހައުލު އޮތް ގޮތުން ދަރިން ބެލުމަށް ގޭގައި މޫސާރަ ދީފައި މީހުން ބައިތިއްބަންޖެހޭ ކަމަށާއި އޭގެ ސަބަބުން އާއިލާތަކަށް ބޮޑެތި މައްސަލަތަކާ ކުރިމަތިލާން ޖެހިފައިވާކަމަށެވެ. އެގޮތުން ޒަމީލު ވިދާޅުވީ އޭނާގެ ވެރިކަމެއްގައި ދަރިން ބެލުމަށް މީހަކަށް މުސާރަ ދިނުމަށްޓަކާ ކޮންމެ އާއިލާއަކަށްވެސް 20 ހާސް ރުފިޔާ ހަމަޖައްސަވާނެ ކަމުގައެވެ.

ޒަމީލު އިތުރަށް ވިދާޅުވީ ރާއްޖެއަށް ކުރިމަތިވެފައިވާ އާބާދީގެ މައްސަލަ ހައްލުކުރުމަށް އާބާދީ އިތުރުކުރަން ޖެހޭ ކަމުގައެވެ.

ޒަމީލް ރިޔާސީ އިންތިހާބަށް ކުރިމަތި ލައްވާފައިވާއިރު އޭނާގެ ރަނިންމޭޓަކަށް ހަމަޖެއްސެވީ އޭނާގެ އަނބިކަބަލުންނެވެ. ކެމްޕޭން އޭޖެންޓަކަށް ހަމަޖައްސަވާފައިވަނީ ދަރިފުޅެވެ. ޒަމީލް ވިދާޅުވީ އަނބިކަބަލުން ރަނިންމޭޓަކަށް ހަމަޖައްސަވަން ޖެހުނީ އެމަގާމަށް އިތުބާރު ކުރެވޭ އެހެން މީހަކު ނެތިގެން ކަމުގައެވެ.

މުޅިން ތަފާތު ގޮތަކަށް، ސޯޝަލްމީޑިޔާ މެދުވެރިކޮށް ރާއްޖޭގައި ރިޔާސީ އިންތިހާބަކަށް ކެމްޕެއިން ކުރެވިގެންދާ މިއީ ފުރަތަމަ ފަހަރެވެ.