މާލެ ސަރަހައްދުން ދޫކުރާ ގޯތިތައް މި އަންނަ މިމަހުގެ 15 ވާ އަންގާރަ ދުވަހު ހަވާލުކުރަން ފަށާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް ސާލިހު މިހެން ވިދާޅުވީ އަންނަ މަހުގެ ނުވަވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ނ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ކުޑަފަރިއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. ބޯހިޔާވަހިކަމަކީ އަދު ރައްޔިތުން އެންމެ ބޮޑަށް އެދޭ އެއް ކަންތައް ކަމަށާއި ހާއްސަކޮށް އެދަތިކަން ވަރަށްބޮޑަށް މާލޭގައި އެބަ އޮތް ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.

ބޯހިޔާވަހިކަމުގެ މި ދަތިކަން ހައްލުކުރުމަށް މި ސަރުކާރުން ހުޅުވާލި ފުރުސަތުގައި ފުލެޓަށް އެދި 19،000 މީހުން ކުރިމަތިލި ކަމަށާއި މަސައްކަތް ކުރައްވަމުން ގެންދަވަނީ އެ އެންމެނަށް ފުލެޓު ދެއްވަން ރައީސް ކަމަށް ވިދާޅުވިއެވެ.

"ފްލެޓަށް ކުރިމަތިލައިގެން ޝަރުތު ހަމަވާ ކޮންމެ މީހަކަށް ކުރިއަށް އޮތް ދައުރު ނިމުމުގެ ކުރިން ފްލެޓް ދީ ނިންމާނަން. މާލެއިން ދޫކުރަން ނިންމި ގޯތި އިދާރަކުރެއްވިއްޔާ އެންމެ ފަހު މަރުހަލާގައި މި އޮތީ. އަޅުގަނޑުމެންގެ ޕްލޭނަކީ މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން ގޯތިތައް ހަވާލުކުރުމުގެ މަސައްކަތް ފަށަން. ކޮންމެ ދުވަހަކު ކޮންމެވެސް ބަޔަކަށް, އާއިލާއަކަށް ގޯތި ލިބެމުންދާތަން ފެނިވަޑައިގަންނަވާނެ،" ރައީސް ވިދާޅުވިއެވެ.

ކުޑަފަރީގައި ދުއިސައްތަ ވަރަކަށް އާއިލާއަށް ބޯހިޔާވަހިކަން ބޭނުންވާ ކަން ފާހަގަ ކުރައްވައި ރައީސް ސާލިހު ވިދާޅުވީ އެ އާއިލާތަކަށް ބޭނުންވާ ބޯހިޔާވަހިކަން ފޯރުކޮށްދޭން އެ ރަށުގައި ރޯހައުސް އިމާރާތް، ކުރިއަށް އޮތް ދައުރުގައި ކޮށްދެއްވާނެ ކަމަށެވެ.