ހުޅުމާލޭ ޖަލުގައި ހުރި ގައިދީއެއްގެ މެއަށް ތަދުވާތީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެނިކޮށް މިއަދު މަރުވެއްޖެ އެވެ.

މަރުވެފައި ވަނީ ބ. ތުޅާދޫ/ ބޯދި، އުމުރުން 55 އަހަރުގެ އިސްމާއީލް އަބޫބަކުރެވެ.

އިސްމާއީލްގެ މެޔަށް ތަދެއް އަރައިގެން ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފަށާފައި ވަނީ މިއަދު މެންދުރުފަހުއެވެ. އޭނާގެ ހާލަތު އިތުރަށް ގޯސްވެ، އެމަޖެންސީއަށް ބަދަލުކޮށް ފަރުވާ ދެމުން ދަނިކޮށް އޭނާ މަރުވެފައި ވަނީ ގާތްގަނޑަކަށް 3:25 ގައި އޭނާގެ ހިތްހުއްޓިގެން ކަމަށް ޑޮކްޓަރާ ހަވާލާދީ ކަރެކްޝަންސް އިން ވަނީ ބުނެފައެވެ.

ކަރެކްޝަންސް އިން ބުނި ގޮތުގައި އިސްމާއީލް އަބޫބަކުރަކީ ޖިންސީ ނިޔަތެއް އޮވެގެން ކުޑަކުއްޖެއްގެ ހަށިގަނޑުގައި އަތްލުމުގެ ކުށުގައި ދިހަ އަހަރު ދުވަހުގެ ހުކުމެއް ތަންފީޒު ކުރަމުން ދިޔަ ގައިދީއެއް ކަމަށާއި އޭނާއަކީ އެއްވެސް ބޮޑު ބައްޔަކަށް ފަރުވާ ހޯދަމުން ދިޔަ މީހެއް ނޫން ކަމަށެވެ.

"ގައިދީގެ މެޔަށް ތަދެއްއަރައިގެން، މިއަދު މެންދުރުފަހު ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭންފަށާފައި. ހާލަތު އިތުރަށް ގޯސްވެ، އެމެޖެންސީއަށް ބަދަލުކޮށް، ފަރުވާ ދެމުންދިޔަ ކަމަށް ކަރެކްޝަންސް އިން ބުންޏެވެ.

އިސްމާއީލް މަރުވުމާ ގުޅިގެން ކަރެކްޝަންސް އިން ވަގުތުން އެކަން އޭނާގެ އާއިލާއަށާއި އިންސްޕެކްޓާ އޮފް ކަރެކްޝަނަލް ސާވިސް، މޯލްޑިވްސް ޕޮލިސް ސާވިސް، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އަދި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން އަށް އަންގާފައި ވާނެ ކަމަށްވެސް ކަރެކްޝަންސް އިން ވަނީ ބުނެފައެވެ.