ލޭ ބޯ ފަނި (13)

0

އަކްބަރާއި އޭނާގެ އަނހެން ދަރިފުޅު އެކީގައި ތިބިތަން ފެނުނީމާ މަންމައަށް ލިބުނީ ކުއްލި ސިހުމެކެވެ. ފުރަތަމަވެސް ކުރި ސުވާލަކީ މިއީއެވެ. “ސަލްމާ ކޮބާ؟”

މަންމަ ކުއްލިއަކަށް އައީމާ ފީރޯޒާ ވަރަށް ބޮޑަށް ހާސް ވެއްޖެއެވެ. އެހެންވީމާ ބުނާނެ އެއްޗެއް ނޭނގުނެވެ. މަންމަގެ ސުވާލަށް ޖަވާބު ދިނީ އަކްބަރެވެ. “ދައްތަ ދެންމެ ބާޒާރަށް އެ ދިޔައީ. އިރުކޮޅަކުން އަންނާނެ.”

Advertisements

މަންމަ އަކްބަރާ ދިމާއަށް ކަޅި އަޅައިލިއެވެ. “އަހަރެން ސުވާލު ކުރީ ކަލެއަކާ ނޫން. ކަލޭ ދޭ!”

މަންމަ، ފީރޯޒާގެ އަތުގައި ހިފައިގެން ދަމަމުން ކަހަލަ ގޮތަކަށް ގޮސް ގެއަށް ވަދެއްޖެއެވެ. ދޮރު ލައްޕައި ތަޅު ލުމަށް ފަހު އޭނާ ގޮވައިގެން ގޮސް ވަނީ ގޭގެ ބޮޑު ކޮޓަރިއަށެވެ. ފީރޯޒާ މަސައްކަތް ކުރަމުން ދަނީ އޭނާގެ ޙިއްސުތައް ހަމަޔަކަށް އެޅުވޭތޯއެވެ. ތެޅެމުންދާ އޭނާގެ ހިތް ރަމަތަ ކުރެވޭތޯއެވެ. އަދި މަންމަ ކޮށްފާނެ ސުވާލަކަށް ދޭނޭ ރަނގަޅު ޖަވާބަކާ މެދުވެސް އޭނާ ގެންދިޔައީ ވިސްނަމުންނެވެ. މަންމަ ބޮޑު ކޮޓަރީގެ އެތަން މިތަނަށް ނަޒަރު ހިންގައިލިއެވެ. ޖާސޫސީ ނަޒަރަކުން ބަލަމުން ގެންދިޔައީ އޭނާ ބޭރަށް ދިޔަ އިރު އެތަން އޮތް ޙާލަތާއި މިހާރު އޮތް ގޮތާ ދެމެދު ތަފާތެއް ހުރިތޯއެވެ. އެއަށްފަހު ފީރޯޒާ އާ ދިމާއަށް ބަލައިލާފައި އަހައިލިއެވެ. “އޭނާ އައީ ކޮން އިރަކު؟”

“މީގެ ދިހަ ވަރަކަށް މިނިޓު ކުރިން.”

“ކަލޭމެން ދެ މީހުން އެކަނި ބައިތިއްބާފައި ސަލްމާ ބޭރަށް ދިޔައީތަ؟”

“ފަހަރި ދިޔައީ މާ ދުރަކަށް ނޫން. މިހާރު އަންނާނެ.”

“ކަލޭ ތި ދައްކަނީ ހަމަ ތެދު ވާހަކަތަ؟”

“މަންމާ! މަންމަ ހަމަ އެއްވެސް ކަމަކާ ނުލައި އަހަންނަށް ޝައްކުކުރަނީ. މަންމަ އަހަންނަށް އިތުބާރު ނުކުރަނީތަ؟”

“އަހަރެން މިއީ ކަލޭގެ މަންމަ. ކަލޭ ގަރުބަ ގަތީ އަހަރެންގެ ބަނޑުގައި. ނުވަ މަސް ދުވަހު އޮތީ އަހަރެންގެ ބަނޑުގައި. ބަނޑުން ނުކުމެ، އަހަރެން މޫނުމަތީގައި ކޮޅުފައިން ޖަހަނީތަ؟”

“އަހަރެން ކީއްކުރީތަ، މަންމާ؟”

މަންމަ އަނެއްކާވެސް އޭނާގެ އަތުގައި ހިފައި ދަމާފައި ކޮޓަރިއާ ދިމާއަށް ގެންދާން ފަށައިފިއެވެ. “ކަލޭ ކުރި ކަންތައް ކިޔައިދޭނަން، ހިނގާ!”

މަންމަގެ ޢުމުރުން މިހާރު ފަންސާހުން މައްޗަށް ހިނގައްޖެއެވެ. ޚާލިޞް ގިތެލާއި، ކިރު ބޭނުން ކުރަމުން އައުމުގެ ސަބަބުން މިހާރުވެސް އަތްފައިގެ ބާރު ނުލާހިކު ގަދައެވެ. ޒުވާން ދަރިފުޅު ދަމައިކޫއްތާފައި ގެންގޮސް ކޮޓަރިއަށް ވަދެއްޖެއެވެ. ކޮޓަރިތެރެއަށް ބަލައިލީމާ އެތަނަށް މީގެ ކުޑަ އިރުކޮޅެއް ކުރީން ކުޑަވަރެއްގެ ޠޫފާނެއް އައިސްފައި އޮތްކަން ވަރަށް ސާފުކޮށް އެނގެއެވެ. ސިކަންދަރު ރަސްގެފާނު ދާދި ދެންމެއަކު ލަޝްކަރާއިގެން އެކޮޓަރި ތެރެއިން ލާފައި ފަތަޙައިގެ ދަތުރުފުޅެއް ކުރެއްވީ ކަހަލަ އެވެ.

ތާރީޚުން އެނގޭ ގޮތުގައި ސިކަންދަރު ރަސްގެފާނު ވަޑައިގަތީ ޖެހެލަމް ކޯރާ ހަމައަށެވެ. ދުނިޔެ އެކަށް ފަތަޙަ ކުރެއްވުމުގެ އުއްމީދުގައި އެކި ޤައުމުތައް ކިޔަމަން ކުރައްވަމުން، ބަލި ކުރައްވަމުން ވަޑައިގަތީއެވެ. ދުނިޔޭގެ އެއްވެސް ފައުޖަކަށް އެ ރަސްގެފާނުގެ ލަޝްކަރު ހުއްޓުވައެއް ނުލެވުނެވެ. އެހެންނަމަވެސް ޖެހެލަމް ކޯރު ހުރަސްކޮށް އެ ލަޝްކަރަކަށް ނުދެވުނެވެ. ޖެހެލ؛ަމްގެ އަހުލުވެރިންގެ ކުރިމަތީގައި ފައުޖަކަށް އެއްވެސް ބާރެއް ނުދެއްކުނެވެ. އަންހެން ދަރީންގެ ޢިއްފަތްތެރިކަމާއި ރަށުގެ އަބުރު ރައްކާތެރި ކުރުމަށްޓަކައި ޖެހެލަމްގެ ރައްޔިތުން ނުކުތީ ފިސާރި ކެރިގެންނެވެ. މިއީ ތާރީޚުން އެނގޭ ގޮތެވެ.

އެހެންނަމަވެސް ޖެހެލަމްގެ މިއަދުގެ ޙާލަތު އޮތީ އެހެންނެއް ނޫނެވެ. އަންހެން ދަރިންގެ ޢިއްފަތްތެރިކަން ރައްކާތެރި ކުރުމަށްޓަކައި ކުރެވޭނޭ ނުވަތަ ކުރާ މާބޮޑު ކަމެއް މިހާރަކު ނެތެވެ.

މަންމަގެ ހޫނު އެތިފަހަރެއް ފީރޯޒާގެ މޫނުމައްޗަށް އަރައިފިއެވެ. އޭރާ އަރިއަޅާލައިގެން ގޮސް ޖެހުނީ އެއް ކައިރީގައި ހުރި މޭޒެއްގައެވެ. މަންމަ އޭނާގެ އިސްތަށިގަނޑުގައި ހިފައި އުފުލައިލިއެވެ. އަދި ލޯގަނޑުން އޭނާގެ މޫނު ދައްކައިފައި ބުންޏެވެ. “ނިކަން ބަލާބަލަ! ކަލޭގެ މޫނުމަތީން ފެންނާން ހުރި ލަދު ޙަޔާތް ކުޑަ ކަމުގެ އަސަރު ފެނުމާ އެކީ އަހަންނަށް އެނގިއްޖެ، އަހަރެމެންގެ އަބުރު ވެއްޔާ މޮޑެލައިފިކަން.”

މަންމަ ވަކި ގޮތެއް ނުބަލައި އޭނާގެ ގައިގައި ތަޅަމުން ގެންދިޔައެވެ. “ދީވާނާ ވެގެން ގޮސް ކަލޭގެ ބައްޕަގެ ހުދު ތުނބުޅީގެ މަތީންވެސް ހަނދާން ނެތުނީތަ؟ ކަލޭގެ ޣީރަތްތެރި ބޭބެއަށް އެނގިއްޖެއްޔާ ކަލޭގެ ދުވަސް ދުއްވައިލާނެ. އަމިއްލަ ފުރާނަވެސް ދުއްވައިލާނެ.”

އެ ބުނާ ޣީރަތްތެރި އެނބުރި ޖެހެލަމް އަށް އަތުވެއްޖެއެވެ. ގެޔާ ކުޑަ ތަންކޮޅެއް ދުރުގައި އަކްބަރް ޢަލީ އޭނާގެ އިންތިޒާރުގައި ހުއްޓެވެ. އަތުގެ އިޝާރާތުޔން ކާރު ހުއްޓުވާފައި، ކައިރިއަށް އައިސް ސަލްމާއާ މުޚާޠަބްކޮށް ބުންޏެވެ. “ދައްތާ! އަހަރެން އައީ ދައްތަޔާ ބައްދަލު ކޮށްލަން ވެގެން. ގޭގައި އުޅެނީ ފީރޯޒާ އެކަނި. އަހަރެން އޭނާޔާ ވާހަކަ ދައްކަމުން ދޮރާށިން ބޭރަށް ނުކުތް ތަނާ، ޖަވާދުބޭބެގެ މަންމަ އަތުވެއްޖެ. ރުޅި އައިސްފައި އަހަރެން ކުރތެން އަހައިފި ސަލްމާ ކޮބައިހޭ. އަހަރެން ބުނިން ބާޒާރަށޭ ދިޔައީ. އެހެން ބުނުމާ އެކީ ރުޅި އައިސްގެން ފީރޯޒާގެ އަތުގައި ހިފައި ދަމަމުން ގޮސް ގޭތެރެއަށް ވަދެއްޖެ.”

ސަލްމާ ޖަވާދާ ދިމާއަށް ބަލައިލިއެވެ. “އަހަރެންގެ ކޮއްކު ފެނުމާއެކީ ޖަވާދުގެ މަންމަ ރުޅި އައިސް ފުފެނީ ކީއްވެގެންތަ؟”

ޖަވާދު ބުންޏެވެ. “ގެއަށް ހިނގާ! މަންމައަށް އޮޅުނީ ކަމަށް ވާނީ.”

“ގެއަށް ގޮސް އަހަރެމެން މި އައީ މަންގްލާއިންނޭ ނުބުނާތި! އަހަރަމެން ދިޔައީ ބާޒާރަށޭ އަކްބަރް އޮތީ ބުނެފައެއްނު؟ އެހެންވީމާ އަހަރެމެންވެސް ބުނަން ވާނީ އެހެން. އެހެން ނޫނީ މަންމައަށް ހައްތަހާ ބޮޑަށް އޮޅޭނީ.”

“އަހަރެން ސަލްމާ ގޮވައިގެން ގަދަކަމުން މަންގްލާއަށް ދިޔައީއޭ އަހަރެން މަންމަ ގާތު ބުނެފާނަން.”

“އެހެން ބުނެފިއްޔާ މަންމަގެ ރުޅި ހައްތަހާ ގަދަ ވާނީ. ފީރޯޒާ އެކަނިމާއެކަނި ގޭގައި ބައިންދާފައި މަންގްލާއަށް ދިޔައީތީ ޖަވާދު ދެކެ ރުޅި އަންނާނެ. މާ ކަންތައް ބޮޑު ކުރާނެ ކަމެއް ނެތް. ކުޑަ ކުޑަ ދޮގެއް ހަދާލައިގެން މަންމަ ހަމަ ޖައްސައިލާ!”

ޖަވާދު ބުންޏެވެ. “އަހަރެން މިއަދު މަސައްކަތަކު ނުދަމޭ ބުނަންވީތަ؟”

ސަލްމާ ބުނެލިއެވެ. “އާނ! އަހަރެމެން ހެނދުނުއްސުރެ ތިބީ ފީރޯޒާ ގާތު، ގޭގައި.”

“ކޮންމެ ދުވަހަކުވެސް މެންދުރު ބައްޕަ ގެއަށް ދުރުވާނެ. މިއަދު އަހަރެމެން ގޭގައި ނެތްކަން ބައްޕައަށް އެނގިލައްވާނެ.”

އަކްބަރަށް ބޭއިޚްތިޔާރުބައި ބުނެލެވުނެވެ. “ފީރޯޒާ ބައްޕައަށް ނަންގަތީ ދައްތަމެން ދިޔައީ ބާޒާރަށޭ”

ސަލްމާ ބުންޏެވެ. “އެންމެ ރަނގަޅު! އަހަރެމެން ބުނާނީ ފުރަތަމަ ބާޒާރަށް ދިޔައީ މެންދުރުއޭ. އޭގެ ފަހުން އަނެއްކާވެސް މިއައީ ބާޒާރަށް ގޮސްފައޭ. އެ ނޫން ހުރިހާ ވަގުތަކު ތިބީ ފީރޯޒާ ގާތުގައޭ.”

ޖަވާދު ބުންޏެވެ. “މަންމަގެ ރުޅި ގަދަވާ ގޮތް ހަދަން ބޭނުން ނޫންނަމަ، އަހަރެން ތިޔަ ކަހަލަ ވިޔާނުދާ ދޮގެއް ނުހަދާނަން.”

“އައްދޭ! އަހަރެން ކުރިމަތީގާ ގޮތް ދައްކަން ނޫޅޭ. ޖަވާދަކީ ތިޔަ ބުނާ ވަރުގެ ފުރިހަމަ މުއުމިނެއް ނޫން. ދޮގާއި ރިޝްވަތުގެ ފައިސާ ބޭންކަށް ޖަމާ ކުރާ މީހެއް. އެކަމަކު އަހަރެންގެ ކުރިމަތީގައި ދޮގު ނުހަދާ ކަމަށް ހެދެނީ.”

(ނުނިމޭ)

Advertisements