ވެރިކަމުގެ ދެވަނަ ދައުރެއް ލިބިވަޑައިގެންފިނަމަ، އެ ދަރުގައި ސިޔާސީ ބޭނުމަށް ކުރައްވާނެ އިތުރު ކަމެއް ނެތް ކަމަށާއި، އަންނަ ދައުރު ނިމޭއިރު، ރާއްޖެ ފެންނާނީ "އެހެން ގޮތަކަށް" ކަމަށާއި ރާއްޖެ އޮންނާނީ ތަރައްގީވެފައި ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑެޓް އަދި ރައީސް އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ. އޭރުން ރައްޔިތުން ދިރި އުޅޭނީ އަމާންކަމާއެކު ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

އަންނަ މަހުގެ ނުވަ ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ނ. އަތޮޅަށް މިއަދު ފެއްޓެވި ދަތުރުފުޅުގެ ފުރަތަމަ މަންޒިލެއްގެ ގޮތުގައި ނ. މާޅެންދުއަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ، ސިޔާސީ މަގުސަދެއްގައި ދެން ކުރައްވާނެ ކަމެއް ނެތް ކަމަށާއި، އަންނަ ދައުރުގައި ވެރިކަން ލިބި، ދައުރު ނިމޭއިރު ރާއްޖެއަކީ އުފާވެރި ތަނެއްގެ ގޮތުގައި އޮންނާނެ ކަމަށެވެ.

މި ރަށުގެ ބަނދަރު ސަރަހައްދުގައި ބޭއްވި ބައްދަލުވުމުގައި ރައީސް ސާލިހު ވިދާޅުވީ އެ މަނިކުފާނުގެ ވެރިކަމުގެ އެއް ދައުރު ނިމިއްޖެ ކަމަށާއި ސިޔާސީ ކަންކަމުގައި އަރާވަޑައިގަންނަވާނެ އިތުރު ހަރުފަތެއް ނެތް ކަމަށެވެ.

ކެމްޕޭނު ދަތުރުތަކުގައި ރަށްރަށަށް ވެވަޑައިގަންނަވަމުންދާ ވައުދުތަކުގެ ތެރެއިން މާޅެންދޫރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުތައް:

  • ވޮލީ ކޯޓު އެޅުން ބަނދަރުގެ މަސައްކަތް؛
  • ރައްޔިތުން ބޭނުންވާ ގޮތަށް، އިތުރު ބަނދަރެއް ހެދުން
  • މަގު ހެދުން ފެން ހިންދާ ނިޒާމު ގާއިމްކުރުން
  • ސިއްހީ މަރުކަޒުން 24 ގަޑިއިރު ހިދުމަތް ދޭން ފަށައި
  • ސިއްހީ މަރުކަޒުގައި ލެބޯޓްރީގެ ހިދުމަތް ގާއިމްކުރުން

ނ. އަތޮޅަށް ނިސްބަތްވެވަޑައިގަންނަވާ އެ މަނިކުފާނުގެ ކޯލިޝަން ޕާޓްނަރު، އެމްޑީއޭގެ ރައީސް އަހުމަދު ސިޔާމް މުހައްމަދަށް ތައުރީފުކުރައްވަމުން ރައީސް ވިދާޅުވީ ސިޔާމަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި އެންމެ ފުންނާބު އުސް އެއް ބޭފުޅާ ކަމަށާއި، ފަތުރުވެރިކަމުގެ ދާއިރާއަށް އޭނާ ތަފާތު ކަންކަން ތައާރަފުކުރައްވަމުން ގެންދަވާ ކަމަށެވެ.

އަންނަ ދައުރަށް އެކުލަވާލާ އިގްތިސާދީ ޕްލޭނުގައި ސިޔާމުގެ ހިއްސާ ވަރަށް ބޮޑު ވެގެން ދާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"ކުރިއަށް މި އޮތް ދައުރުގައި އިގްތިސާދީ ސިޔާސަތު ބައްޓަންވެގެން ދާއިރު، ޓޫރިޒަމް ދާއިރާ އަށް އުއްމީދު ކުރާ ވަރަށް ވުރެ ބޮޑު ބަދަލުތައް ފެންނާނެ،" ރައީސް ވިދާޅުވި އެވެ.

އަންނަ ދައުރުގައި އެމްޑީޕީ އާއި ގުޅިފައިވާ ޕާޓީތަކުގެ ސަރުކާރެއްގައި ގެންގުޅޭނެ ސިޔާސަތުތައް އާންމު ކުރަން ފަށާފައި ވާއިރު މާދަމާ ރޭ އިތުރު ސިޔާސަތެއް އާންމު ކުރައްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.