ފަގީރުންނާ މުއްސަނދިންގެ ތަފާތު ކުޑަ ކުރުން ނޫންކަމެއް ވިސްނުންފުޅުގައި ނެތް ކަމަށް އެމްއެންޕީގެ ރިޔާސީ ކެނޑިޑޭޓް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ކެމްޕޭން ދަތުރެއް ނިންމަވައި މާލެ ވަޑައިގެންނެވުމަށްފަހު ނޫސްވެރިންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި މޯލްޑީވްސް ނެޝަނަލް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒމް ވިދާޅުވީ، ކޮންމެ ވައުދަކީވެސް ފުއްދޭނެ ވައުދެއް ކަމަށާއި ދިވެހިރާއްޖޭގެ އިގްތިސާދު ވަރުގަދަ ކުރާނެ ގޮތްތަކެއް ރާވާފައި ވާ ކަމަށެވެ. އޭގެ ތެރެއިން ދެކަމެއް ނާޒިމް ވަނީ ހިއްސާ ކޮށްދެއްވާފައެވެ.

އެއީ އެޑިއުކޭޝަން އިތުރު އިންޑަސްޓްރީއެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ރިނޮވޭޝަން އެންޑް ޓެކްނޮލޮޖީ އިތުރު އިންޑަސްޓްރީއެއްގެ ގޮތަށް ތަރައްގީ ކުރުމެވެ. އަދި ދިވެހިރާއްޖޭގަ ހަރަދުތައް މަދުކޮށް އެ ފައިސާ ސޭވްކޮށް، ރައްޔިތުންނަށް ހިދުމަތް ކުރެވޭނެ ގޮތެއް ބައްލަވައިލައްވާނެކަމަށް ނާޒިމް ވިދާޅުވިއެވެ. މީގެ އިތުރުން ނާޒިމް ވިދާޅުވީ ރައްޔިތަކަށް ފައިސާ ދޭތީ ކަންބޮޑުވާން ނުޖެހޭ ކަމަށާއި، ބޭނުމީ ރައްޔިތުންގެ ފައިސާ އަލުން އަނބުރާ ރައްޔިތުންނަށް ދޭންކަމަށެވެ.

ހަމައެހެންމެ ވެފައޮތް ވައުދުތަކަކީ ވަރަށް ރަނގަޅަށް ފުއްދާނެ ވައުދުތަކަކެއް ކަމަށާއި ރާއްޖޭގައި އޮތް ދަރަނި އަލުން ރީ ސްޓްރަކްޗަރ ކޮށްގެން މެނޭޖްކުރެވޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށްވެސް ނާޒިމް ވަނީ ވިދާޅުވެފައެވެ.

ރާއްޖެއަކީ އިގްތިސޯދީގޮތުން ބާރުގަދަ ގައުމަކަށް ހަދައި، ދިވެހި ރައްޔިތުންނަކީ ފުދުންތެރިކަމާ އެކީގަ އުޖާލާ ޒަމާނުގައި ތިބި ބަޔަކަށް ހަދާނެ ކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ. ރާއްޖޭގެ ރިޒާވް އިިތުރަށް ހަރުދަނާ ކުރާނެކަން ފާހަގަ ކުރައްވައި ނާޒިމް ވިދާޅުވީ ރައީސް ވަށައިގެން ތިއްބަވާ ބައެވިޔަފާރި ވެރިންނަށް ބޮޑެތި އަދަދުތަކުން ސުވެރަން ގެރެންޓީ ދެވޭނަމަ، ދިވެހި ރައްޔިތުންނަށް ސުވަރަން ގެރެންޓީ ނުދެވެންވީ އެއްވެސް ސަބަބެއް ފެނިވަޑައި ނުގަންނަވާ ކަމަށެވެ.

ރިޔާސި އިންތިހާބުގެ ކެމްޕެއިންގައި ކާނަލް ނާޒިމާއި ކެމްޕެއިންޓީމުން އަތޮޅުތެރޭގެ ރަށްރަށަށް ދަތުރުތައް ކުރަމުން ދެންދާއިރު، ވެރިކަމަށް ހޮވި ވަޑައިގެންފިނަމަ ކޮށްދެއްވާނެ ގިނަ ކަންކަމެއްގެ ވައުދުތައް ނާޒިމް ދަނީ ވެވަޑައިގަންނަވަމުންނެވެ.