ފުޓްބޯޅަ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯގެ ދެލެނޑުން އަލް ހިލާލް 1-2 އިން ބަލިކޮށް އަރަބް ކްލަބް ޗެމްޕިއަންސް ކަޕުގެ ޗެމްޕިއަންކަން އަލް ނަސްރުން މިރޭ ހޯދައިފިއެވެ.
ދެޓީމުގެ ފަރާތުންވެސް ވަރަށް ވާދަވެރި ބަލާހިތްވާފަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑް ނެގީ އަލް ހިލާލްއިންނެވެ. މިލަނޑު މެޗުގެ 51 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ބްރެޒިލްގެ ފޯވާޑް މައިކަލްއެވެ.
ޔޫރަޕުގެ ވަރުގަދަ ލީގުތަކުން ތަޖުރިބާކާރު ކުޅުންތެރިން ގެނެސް ވަރުގަދަ ކޮށްފައިވާ އަލް ނަސްރަށް ރޮނާލްޑޯ ނަތީޖާ ހަމަހަމަ ކޮށްދިނީ 71 ވަނަ މިނެޓުގައެވެ. އޭގެ ތިން މިނެޓް ކުރިން ނަސްރުގެ ޑިފެންޑަރު އަބްދުﷲ އަލް އަމްރީއަށް ރަތްކާޑް ދައްކާ ދަނޑުން ވަނީ ފޮނުވާލާފައެވެ.
ރޮނާލްޑޯގެ ލަނޑަށްފަހު ނަސްރަށް ރަނގަޅަށް ހަމަޖެހި ނުލެވި އުޅެނިކޮށް 78 ވަނަ މިނެޓުގައި އެޓީމުގެ ނަވާފް އަލްބޫޝަލްއަށް ރަތްކާޑް ދެއްކުމުން 9 ކުޅުންތެރިންނާއެކު ކުޅެން ޖެހުމުން، ތަޖުރިބާކާރު ކުޅުންތެރިން ކަމުގައިވާ މަލްކޮމް އާއި ކޫލިބަލީ އަދި ރުބެން ނެވެސް ކުޅުމުންދިޔަ އަލް ހިލާލް އަތުން ނަސްރަށް މޮޅުވިދާނެ ކަމާމެދު ސުވާލު އުފެދުނެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެންދިޔައީ ނުވަ ކުޅުންތެރިންނާއެކު ކުޅެމުންދިޔަ ނަސްރުގެ ގޯލު ފޫއަޅުވާލުމުގައި އަލް ހިލާލްއަށް ކާމިޔާބެއް ނުހޯދި 1-1 އިން އެއްވަރުވެގެންނެވެ. ނަސްރު ކޮޅަށް މެޗުގެ އޮއިވަރު ރޮނާލްޑޯ އަނބުރާލީ ނަތީޖާ ނެރުމަށް ކުޅުނު 15 މިނެޓުގެ ދެހާފުގެ ތެރެއިން ފުރަތަމަ ހާފުގައި ލަނޑު ޖަގައިގެންނެވެ. ރޮނާލްޑޯ މިލަނޑު ޖެހީ ނަސްރު ކުޅުންތެރިން އުފެއްދި ހަމަލާއެއް ހިލާލްގެ ގޯލުގެ މަތީ ދަނޑީގައި ޖެހިފައި ކުޅުމުގެ ތެރެއަށް ނިކުތްވަގުތު ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ. ބޮލުން ރޮނާލްޑޯ ގޯލަށް ބޯޅަ ފޮނުވާލުމުގެ ކުރިން ހިލާލްގެ ޑިފެންޑަރަކު ބޯޅަ ދިފާއުކުރަންވެސް މަސައްކަތް ކުރިއެވެ. އެކަމަކު ރޮނާލްޑޯގެ އަވަސް ހަރަކާތުގެ ސަބަބުން ހިލާލްގެ ޑިފެންޑަރަށް އެކަން ކާމިޔާބު ނުވީއެވެ.
މިއީ މިދިޔަ ސީޒަނުގައި ދުނިޔޭގެ އެންމެ މުސާރަ ބޮޑު ކުޅުންތެރިޔާގެ ގޮތުގައި ނަސްރަށް ބަދަލުވެ، އެކްލަބާއެކު ރޮނާލްޑޯ ހޯދި ފުރަތަމަ ތައްޓެވެ. ނަސްރުން ވަނީ މިސީޒަނަށް ކްލަބް ވަރުގަދަ ކުރުމުގެ ގޮތުން ލިވަޕޫލްގެ ކުރީގެ ތަރި ސާޑިއޯ މާނޭވެސް އެކްލަބަށް ގެނެސްފައެވެ.