އިންޓަޕޯލްގެ ސެކްރެޓަރީ ޖެނެރަލް، ޔޯރގަން ސްޓޮކް ދިވެހިރާއްޖެއަށް ރަސްމީ ޒިޔާރަތެއް ކުރައްވައިފިއެވެ.

ފުލުހުން ބުނީ އޮގަސްޓް 9 ވަނަ ދުވަހު ޔޯރގަން ސްޓޮކް ދިވެހިރާއްޖެއަށް ކުރެއްވި މި ޒިޔާރަތުގައި، ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދުއާއި އިންޓަޕޯލްގެ ނެޝަނަލް ސެންޓްރަލް ބިއުރޯ މާލެ އަދި ދިވެހި ފުލުހުންގެ ޚިދުމަތުގެ އެގްޒެކެޓިވް މެނޭޖްމަންޓާ ބައްދަލުކުރެއްވިކަމަށެވެ.

މި ބައްދަލުކުރެއްވުމުގައި، އިންޓަޕޯލާ ގުޅިގެން ކުރާ މަސައްކަތް އިތުރަށް ފުޅާކޮށް ރާއްޖެއާއި އިންޓަޕޯލާ ދެމެދު އޮންނަ ގުޅުން ވަރުގަދަކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.

އޭގެ އިތުރުން އޮގަސްޓް 10 ވަނަ ދުވަހު، އިންޓަޕޯލަށް 100 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން އިންޓަޕޯލްގެ ބެނާ ކަނޑުއަޑީގައި ދަމައިލުމަށް ބޭއްވި ހަރަކާތުގައި ބައިވެރިވެލެއްވިއެވެ.

ރާއްޖޭގެ ގާނޫނު ތަންފީޒުކުރާ އިދާރާތައް ތަމްސީލުކުރާ ގިނަ އަދަދެއްގެ މަންދޫބުން މި ހަރަކާތުގައި ބައިވެރިވިއެވެ.