ޕީއެސްޖީން ވިއްކާލުމަށް މަސައްކަތް ކުރަމުން އަންނަ ބްރެޒިލްގެ ފުޓްބޯޅަ ތަރި މިސީޒަނުގައި ފެނުމުގެ ފުރުސަތު އެންމެ ބޮޑީ ސައުދި އަރަބިއްޔާގެ އަލް ހިލާލްއިން ކަމަށް ފުޓްބޯޅައިގެ ޚަބަރުތައް ގެނެސްދިނުމަށް މަޝްހޫރު ނޫސްވެރިޔާ ފެބްރީޒިއޯ ރޮމާނޯ ބުނެފިއެވެ.

ނޭމާގެ ޓްރާންސްފާ ކަންތަކާ ގުޅޭ ގޮތުން ފެބްރީޒިއޯ އޭނާގެ ސޯޝިއަލް މިިޑިޔާ އެކަންޓްތަކުގައި ބުނެފައި ވަނީ ހިލާލް އިން ހުށަހަޅާފައިވާ "ބޮޑު އަގު" ޕީއެސްޖީއިން ބަލައިގަނެފައިވާ ކަމަށާއި ޕީއެސްޖީ އާއި ނޭމާ އަދި ހިލާލްއިން މިހާރު ގުނަމުން ދަނީ އެންމެފަހުގެ މަޝްވަރާގެ ވަގުތުތައް ކަމަށެވެ.

ފެބްރީޒިއޯ ބުނެފައި ވަނީ މާދަމާގެ ވަގުތެއްގައި ނޭމާގެ ޓްރާންސްފާ ކަންކަން ނިމުމުގެ މަރުހަލާ ފެށޭނެ ކަމަށް ގަބޫލް ކުރެވޭ ކަމަށެވެ.

ލޯން އެއްބަސްވުމެއްގެ ދަށުން ނޭމާ ގެނައުމަށް އޭނާގެ ކުރީގެ ކްލަބް ބާސެލޯނާއިންވެސް ޝައުގުވެރިވިއެވެ. އެކަމަކު ބާސެލޯނާއިން ހުށަހަޅާ އަގު ކުޑަކަމުން ޕީއެސްޖީން އެއަގަށް ބާސެލޯނާއަށް ނޭމާ ދޫކޮށްލަން ބޭނުން ނުވީއެވެ.

ދުނިޔޭގެ އެންމެ މޮޅު އަދި އެންމެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ނޭމާ މިފަހަރު ސައުދީ ލީގަށް ބަދަލުވެއްޖެނަމަ އެލީގުގެ ފޯރި ވަރަށް ބޮޑުތަނުން ގަދަވެގެންދާނެ ކަމަށް ތަޖުރިބާކާރުން ދެކެއެވެ.

ސައުދީ ލީގުގައި މިވަގުތު ކުޅެމުން އަންނަ މަޝްހޫރު ތަރިންނަށް ބަލާއިރު، ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ސާޑިއޯ މާނޭ ކުޅެމުން އަންނަނީ އަލް ނަސްރަށެވެ. ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމުގައި ހުރި ކަރީމް ބެންޒީމާ ކުޅެމުން ދަނީ އަލް އިއްތިފާގަށެވެ. ފިރްމީނޯ އާއި ރިޔާދު މަހްރޭޒް ކުޅެމުން ދަނީ ޗެމްޕިއަން އަލް އަހްލީއަށެވެ.