މާލޭ ސަރަހައްދުން ގޯތި ލިބުނު މީހުންގެ، ފުރަތަމަބުރުގެ ގުރުނެގުން މާދަމާ ހެނދުނު 11:00 ގައި ފަށާނެކަމަށާއި އޭގެތެރެއިން ހުޅުމާލެއިން ގޯތިލިބޭ މީހުންގެ ގޯތީގެ އިން ވަކިކުރުން ހަވީރު އޮންނާނެކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.

މިރޭ ގަލޮޑު ދަނޑުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕްލޭނިން މިނިސްޓްރީގެ ޑިރެކްޓަރު މުހައްމަދު އާރިފް ވިދާޅުވީ، ގޯތި ލިބުނު މީހުންގެ ފުރަތަމަ ބެޗުގެ ގުރު ނެގުން މާދަމާ ހެނދުނު 11:00 ގައި ގަލޮޅު ދަނޑުގައި އޮންނާނެ ކަމަށެވެ. އަދި މިރޭ 10 އެއް ޖެހުމަށްފަހު ޕޯޓަލް އިން ގުރުއަތު ލާން ދާންވީ ވަގުތު ފެންނާނެ ކަމަށްވެސް އާރިފް ވިދާޅުވިއެވެ.

އާރިފް ވިދާޅުވީ މާދަމާ އާއި އޭގެ އަނެއްދުވަހު ގަލޮޅު ދަނޑުގައި ގުރުއަތުލުން ކުރިއަށް ގެންދަން ހަމަޖައްސާފައިވާކަމަށާއި އޭގެ ފަހުން ހެންވޭރު ދަނޑުގައި ގުރުއަތުލުން ގެންދާނެކަމަށެވެ. ދެވަނަ ބުރު އޮންނާނީ އެހެންކަމުން 17 ވަނަ ދުވަހު ހެންވޭރު ދަނޑުގައެވެ.

"މިރޭ 10:00 ގެ ފަހުން ޕޯޓަލުން ފެނިލައްވާނެ އެ ބޭފުޅަކު ގުރުއަތުލާން ވަޑައިގަންނަވަންވީ ވަގުތު. ދެން އަޅުގަނޑުމެން ޕްލޭންކޮށްފައި މިއޮތީ މާދަމާއާއި އޭގެ އަނެއް ދުވަހު ގަލޮޅު ދަނޑުގައި ގުރުއަތުލުން ކުރިއަށްގެންގޮސްފައި އޭގެ ފަހުން 17ގެ ފަހުން ހެންވޭރު ދަނޑުގައި ގުރުއަތުލުން ގެންދަން،" އާރިފް ވިދާޅުވިއެވެ.

އާރިފް ވިދާޅުވީ، މާދަމާ ގުރުނަގާ މީހުންގެ ތެރެއިން ހުޅުމާލެއިން ގޯތި ލިބޭ މީހުންނަށް ގޯތީގެ އިން ވަކިކޮށްދިނުން މާދަމާ ހަވީރު އޮންނާނެ ކަމަށާއި އެކަމަށް އެ ފަރާތްތަކަށް ވަކިން ގުޅާނެ ކަމަށެވެ.

ގުރު ނަގަން އަންނަން ޖެހޭ ވަގުތު ޕޯޓަލުން ފެންނާނެ ކަމަށާއި އެ ވަގުތަށް އެ މީހަކު ނުވަތަ އެ މީހެއްގެ ފަރާތުން މީހަކު ނުފޮނުވައިފިނަމަ، އެ މީހެއްގެ ފަރާތުން އޮފިޝަލަކު ގުރު ނަގާނެ ކަމަށް އާރިފް ވަނީ ވިދާޅުވެފައެވެ. އާރިފް އިތުރަށް ވިދާޅުވީ، ގުރުއަތުލާނީ މީޑިޔާ ކުރިމަތީގައި ކަމަށެވެ.

ހައުސިން މިނިސްޓްރީން ރޭ ދަންވަރު ގޯތި ލިބުނު މީހުންގެ ދާއިމީ ލިސްޓު، އެމިނިސްޓްރީގެ ގެޒެޓުގައި ޝާޢިއުކޮށް ވަނީ އިއުލާނުކޮށްފައެވެ. އެ ލިސްޓުގައިވާ ގޮތުން ގޯތި ލިބުނު މީހުންގެ އަދަދު 18،955 އަރައެވެ. އެ ފަރާތްތަކަށް 9،001 ގޯތި ހުޅުމާލެ، ގުޅިފަޅު އަދި ގިރާވަރުން ދޫކުރާނެކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފައެވެ. އެ މިނިސްޓްރީން ބުނެފައިވަނީ މާލޭ ރައްޔިތުންނަށް ގޯތި ދިނުމަށް ސަރުކާރުން ކުރިއަށް ގެންދިޔަ ބިންވެރިޔާ ސްކީމްގެ ދަށުން ގޯއްޗަށް 23،088 މީހުން ވަނީ ގޯއްޗަށް އެދި ހުށަހަޅައިފައެވެ.

ސަރުކާރުން ނިންމާފައި ވަނީ ހުޅުމާލޭން 1،351 ގޯތީގެ އިތުރުން، ގުޅީފަޅުން 2،218 ގޯއްޗާއި އަދި ގިރާވަރު ފަޅު ހިއްކާ އެ ބިމުން މަދުވެގެން 5،432 ގޯތި މާލޭ ރަށްވެހިންނަށް ދިނުމަށެވެ.