ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ލިބޭ މީހުންގެ ދާއިމީ ލިސްޓު މިރޭ އާންމުކޮށް، ގޯތި ލިބޭނެ ތަންތަން ކަނޑައަޅަން އަންނަ އަންގާރަ ދުވަހު ގުރުއަތުލުން ކުރިއަށް ގެންދާނެ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފިއެވެ.

ގޯތި ލިބޭ މީހުންގެ ދާއިމީ ލިސްޓް އިއުލާން ކުރުމަށް މިރޭ ރައީސް އޮފީހުގައި ވަނީ ހައުސިން މިނިސްޓްރީން ނޫސްވެރިންގެ ބައްދަލުވުމުގައި، ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވަނީ ބައްދަލުވުމުގައި ގޯތި ލިބޭނޭ ތަންތަން ކަނޑައަޅާނެ ގޮތްތަކާއި ގޯތި ހަވާލުކުރާނޭ ގޮތުގެ ތަފްސީލް ދެއްވާފައެވެ.

އަކްރަމް ކަމާލުއްދީން ވިދާޅުވީ، ގޯތީގެ ވަގުތީ ލިސްޓު ފުރަތަމަ އިއުލާނު ކުރި އިރު ގޯއްޗަށް ޝަރުތު ހަމަވާ މީހުންގެ ގޮތުގައި ތިބީ 10،314 ފަރާތެއް ކަމަށެވެ.

"ޖޮއިންކުރުމުގެ ފުރުސަތު ހުޅުވާލީމާ އަޅުގަނޑުމެންނަށް ގިނަ ފަރާތްތަކަކަށް ގޯތި ދެވޭ ގޮތަށް ހަމަޖެއްސުނީ. ދެން މި ފަހަރު 18955 ފަރާތަކަށް ދެވޭއިރު ނުދެވެނީ ހަމައެކަނި 684 ފަރާތަކަށް،" އަކްރަމް ވިދާޅުވިއެވެ.

އަކްރަމް ވިދާޅުވީ، ގޯތި ނުދެވެނީ، ކައިވެންޏެއް ނުކޮށް ދަރިއަކުވެސް ނެތް 18 އަހަރާއި 25 އަހަރުގެ މީހުން ކަމަށެވެ. އެ މީހުންނަށް ގޯތި ނުދެވި ވަނީ މި ވަގުތަށް ބިން ނެތުމުން ކަމަށާއި ނަމަވެސް ބިން ހަމަޖެހުމުން އެ މީހުންނަށް ގޯތި ދޫކުރާނެ ކަމަށްވެސް އަކްރަމް ވިދާޅުވިއެވެ. އެހެންވިޔަސް އެ އުމުރު ފުރާއިންވެސް ޖޮއިންޓް އެޕްލިކޭޝަންގެ ތެރެއިން 2068 ފަރާތަކަށް ގޯތި ދީފައިވާކަމަށް އަކްރަމް ވަނީ ވިދާޅުވެފައެވެ.

އަކްރަމް ވިދާޅުވީ ގޯތިލިބޭ ފަރާތްތަކުގެ ގުރުއަތު ލުން، މި ހަފުތާގެ އަންގާރަ ދުވަހަށް ވަނީ ހަމަޖައްސާފައި ކަމަށެވެ.

"ގޯތި ލިބޭ ފަރާތްތަކުގެ ގުރުލުން ހަމަޖައްސާފައި މިއޮތީ މާދަން ނޫން އަނެއް ދުވަހު، އެއީ އަންގާރަ ދުވަހު." އަކްރަމް ވިދާޅުވިއެވެ.

އަކްރަމް ވިދާޅުވީ، ގޯތީގެ އިން ކެނޑުމަށް ފަހު ދޭނީ ދާއިމީ ރަޖިސްޓަރީ ކަމަށާއި އެހެންކަމުން ސަރުކާރު ބަދަލުވިޔަސް އެއަށް ބަދަލެއް އަންނާނެ ކަމަށް ނުބެލެވޭ ކަމަށެވެ. މި ދައުރު ނިމުމުގެ ކުރިން ޝަތުރު ހަމަވާ 18،955 ފަރާތަށް ގޯތި ދީ ރަޖިސްޓަރީ ހަވާލުކުރާނެ ކަމަށެވެ. ނަމަވެސް ރިޔާސީ އިންތިހާބުގެ ކުރިން ދޫކުރެވޭނީ ކިތަށް ގޯތި ކަމެއް އަކްރަމް ވިދާޅެއް ނުވެއެވެ.

އަކްރަމް އިތުރަށް ވިދާޅުވީ ގުޅިފަޅާއި ގިރާވަރުން ދޫކުރާ ގޯތިތައް އިމާރާތްކޮށް މީހުން އާބާދުވުމުގެ ކުރިން، ލޭންޑް ޔޫސް ޕްލޭނުގައިވާ ގޮތަށް ހިދުމަތްތައް ގާއިމުކުރާނެ ކަމަށާއި ހިޔާ ސަރަހައްދުގައި ދިމާވި މައްސަލަ ކުރިމަތިނުވާނެ ކަމަށެވެ.

ޕްލޭނިން މިނިސްޓްރީގެ ޑިރެކްޓަރު މުހައްމަދު އާރިފު ވިދާޅުވީ، ގޯތީގެ ގުރުއަތު ނެގުން ކުރިއަށް ގެންދާނީ ގަލޮޅު ދަނޑުގައި ކަމަށެވެ.

"ޕިޒިކަލީ ބޮކްސްއަކަށް ބަކެޓަކަށް ކަރުދާސްކޮޅު އަޅައިގެން އެ ބޭފުޅެއްގެ ގޯތި ލިބޭނެ. ބައިވެރިންގެ ނިސްބަތުން،" އާރިފު ވިދާޅުވިއެވެ.

ގުރުއަތު ކަރުދާހުގައި ލޮޓް ނަންބަރާއި ގޯތި އޮންނަ ސަރަހައްދު އޮންނާނެ ކަމަށާއި ގުރުއަތުލާ ދުވަހު ހުޅުމާލެއިން ދޫކުރާ ގޯތިތަކުގެ އިން ވަކިކުރުމުގެ މަސައްކަތްވެސް ކުރާނެ ކަމަށް އާރިފް ވިދާޅުވިއެވެ.

ސަރުކާރުން ނިންމާފައި ވަނީ، މާލޭ ރަށްވެހިންނަށް ހުޅުމާލޭން 1،351 ގޯތީގެ އިތުރުން، ގުޅީފަޅުން 2،218 ގޯއްޗާއި އަދި ގިރާވަރު ފަޅު ހިއްކާ އެ ބިމުން މަދުވެގެން 5،432 ގޯތި ދިނުމަށެވެ.

ސަރުކާރުން ހިންގާ ބިންވެރިޔާ ޕްރޮގްރާމުގެ ދަށުން ގޯއްޗަށް އެދުނު މީހުންގެ ތެރެއިން ޝަރުތު ހަމަވާ އެންމެންނަށް ގޯތި ދޭން ނިންމާ ލިސްޓު އާންމުކުރީ ޖޫން 26 ވަނަ ދުވަހުއެވެ. އަންގާރަ ދުވަހު ގޯތި ދޫކުރަން ފެށި ނަމަވެސް ހުޅުމާލެ ފިޔަވައި ދެން ގޯތި ދޭން ބިން ކަނޑައަޅާފައިވާ ގުޅިފަޅާއި ގިރާވަރުފަޅު އަދި ހިއްކައި ނުނިމެއެވެ.