ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒަށް ތާއީދު ކުރައްވަން ނިންމެވިކަން އައްޝައިޚް ޝަފީޢު މިއަދު ހާމަކުރައްވައިިފިއެވެ.

އެމަނިކުފާނަށް ތާއީދުކުރައްވަން ނިންމެވިކަން ހާމަކުރައްވައި ޝައިޚް ޝަފީޢު އިއްޔެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އަންނަ ރިޔާސީ އިންތިޚާބަށް ކުރިމަތިލައްވާފައިވާ ބޭފުޅުންނާމެދު ނަޒަރު ހިންގަވައި ވިސްނަވާފައިިވާ ކަމަށެވެ.

އެގޮތުން ޑރ.މުޢިއްޒަށްވުރެ ތައުލީމީ ގޮތުންނާއި ތަޖުރިބާގެ ގޮތުންނާއި ހިންގުމުގެ ގޮތުންނާއި އަޚްލާގީ ގޮތުންނާއި ފިކުރީީ ގޮތުންނާއި ދީނީ އިލްމުވެރީންނާ އޮންނަ ގުޅުމުގެ ގޮތުން ކައިރި ކުރާ އެހެން ކެންޑިޑޭޓަކު ނެތް ކަމަށް ގަބޫލުކުރެއްވޭ ކަމަށް ޝައިޚް ޝަފީޢު ވިދާޅުވިއެވެ.

އެހެންކަމުން ކުރިމަތިލައްވައިފައިވާ ކެންޑިޑޭޓުންގެ ތެރެއިން މި ވަގުތަށް ރާއްޖޭގެ ދީނީ މަސްލަހަތާއި ގައުމީ މަސްލަހަތު އެންމެ ބޮޑަށް ހިމާޔަތްކުރެވޭނީ ޑރ.މުޢިއްޒަށް ކަމަށް ހިތުގެ އަޑީން ގަބޫލުކުރެއްވޭ ކަމަށް ވެސް ޝައިޚް ޝަފީޢު ވިދާޅުވިއެވެ.

މީގެއިިތުރުން ޝައިޚް ޝަފީޢު ވަނީ ޑރ.މުޢިއްޒަށް ކާމިޔާބު މިންވަރުކުރައްވައި އެ އިލާހު ރުއްސަވާ ފަދަ ގޮތަކަށް ގައުމާއި ރައްޔިތުންގެ ކަންކަން ކުރިޔަށް ގެންދިޔުމުގެ ތައުފީގު މިންވަރުކުރެއްވުން އެދި މާތްރަސްކަލާނގެ ހަޟްރަތުގައި އެދިވަޑައިގެންފައެވެ.

ޝައިޚް ޝަފީޢު ޑރ.މުޢިއްޒަށް ތާއީދު ކުރައްވަން ނިންމެވިއިރު ރާއްޖޭގެ މަޝްހޫރު އިލްމުވެރިޔާ ޑރ.ޢަލީ ޒާހިރު ވެސް ވަނީ މުޢިއްޒަށް ތާއީދުކުރައްވަން ނިންމަވައިފައެވެ.