އިބްރާހިމް އިސްމާއީލް (އިބުރާ) އެމްޑީޕީން އިސްތިއުފާ ދެއްވައިފިއެވެ.

އިސްތިއުފާ ދެއްވި ވާހަކަ ހާމަކުރައްވައި ފޭސްބުކްގައި އިބްރާ ހާމަކުރެއްވި ޝުއޫރުތަކުގައި ވިދާޅުވީ އެމްޑީޕީއަކީ އެޕާޓީއަކަށްޓަކައި އިބްރާ ވަރަށް ބުރަ މަސައްކަތާއި ވަރަށް ގުރުބާނީވީ ޕާޓީއެއްކަމަށާއި އެހެނަސް މިއަދު އެއީ އިބްރާއަށް ތާއީދު ކުރެވެން ނެތް ޕާޓީއެއްކަމަށެވެ. އެކަމާ ހިތާމަކުރަައްވާ ކަން ހާމަކުރައްވައި އެމްޑީޕީއިން ވަކިވެވަޑައިގެންނެވިކަން ވަނީ އިއުލާންކުރައްވާފައެވެ.

"މިއަދު އެމް.ޑީ.ޕީ އަކީ އަހުރެން ޤަބޫލު ކުރާ އަސާސްތަކާ ވަރަށް ދުރަށް ގޮސްފައިވާ ޕާޓީއެކެވެ. ވަރަށް ބުރަ މަސައްކަތާއި ޤުރުބާނީ އެ ޕާޓީއަކަށްޓަކައި ކުރި، ވީ ޕާޓީއެކެވެ. އެހެނަސް، މިއަދު އެއީ އަހުރެންނަށް ތާއީދު ކުރެވެން ނެތް ޕާޓީއަކަށް ވެއްޖެއެވެ. ވަރަށް ދެރަވެއެވެ. އަހުރެން އެމް.ޑީ.ޕީ އިން ވަކިވެއްޖައީމެވެ." ފޭސްބުކް ސްޓޭޓަސްއެއްގައި އެމްޑީޕީގެ ޗެއާޕާސަން އަދި އިބްރާގެ ކޮކޯފުޅު، ފައްޔާޒް އިސްމާއީލަށް ފޮނުއްވި ސިޓީއެއް އާންމު ކުރައްވަމުން ވިދާޅުވެފައިވެއެވެ. އެސިޓީގައި، މައިގަނޑު ކަންބޮޑުވެ ވަޑައިގަތުމަކަށް ފާހަގަކުރައްވާފައިވަނީ ޝަރުއީ ކޯޓުތަކަށް ސަރުކާރުގެ ނުފޫޒު ފޯރުވަމުން ދިއުމެވެ.

އިބްރާ ވަނީ ޕާޓީން އިސްތިއުފާ ދެއްވައި، އެމްޑީޕީގެ ޗެއާޕާސަން އަދި އިބްރާގެ ކޮކޯފުޅު، ފައްޔާޒް އިސްމާއީލަށް ފޮނުއްވި ސިޓީއެއް އާންމު ކުރައްވާފައެވެ. އެސިޓީގައި، މައިގަނޑު ކަންބޮޑުވެ ވަޑައިގަތުމަކަށް ފާހަގަކުރައްވާފައިވަނީ ޝަރުއީ ކޯޓުތަކަށް ސަރުކާރުގެ ނުފޫޒު ފޯރުވަމުން ދިއުމެވެ.

ސިޓީގައި އިބްރާ ވިދާޅުވެފައި ވަނީ 2018 ވަނަ އަހަރު އެމްޑީޕީއާ ވެރިކަން ހަވާލުކުރުމާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ގާނޫނު އަސާސީ އިސްލާހު ކުރެވޭ ވަރަށް ގޮނޑިތައް އެޕާޓީއަށް ރައްޔިތުން ދީފައިވަނީ އަދުލު އިންސާފަށް ހުރި ހުރަސްތައް ނައްތާލައި، ރައްޔިތުންގެ ހައްގުތައް ރައްކާތެރި ކޮށްދޭން ކަމަށެވެ. އެހެންނަމަވެސް އެކަންކަން ކުރިޔަށްވުރެ ގޯސްވެގެން ދިޔަތަން ފެނިގެން ދިޔަކަމަށް އެސިޓީގައި އިބްރާ ވިދާޅުވެފައިވެއެވެ.

އިބްރާ ވިދާޅުވީ ގަބޫލު ނުކުރެވޭ އުސޫލުތަކެއް ހިންގާ ބަސް ނުވިކޭ އަގުވަޒަން ނުކުރާ ތަނެއްގައި އަނިޔާވެރިކަމަށް ނަސްރު ދޭން ހުރުމަކީ ޒަމީރަށް އުނދަގޫވާ ކަމެއް ކަމަށެވެ. މިއަދު އެމްޑީޕީން ކަންކުރަމުން ގެންދާ ގޮތާއި ދެކޮޅަށް ކުރެވެން އޮތް ކަމަކީ އެކަންކަމާއި ބައިވެރި ނުވުން ކަމަށެވެ.

"މިއަދު ސިވިލް ކޯޓަކީ ބަންޑާރަނައިބު އޮފީހުގެ ސެކްޝަނަކަށް ޕާޓީން ބަދަލުކޮށްފިއެވެ. މިއަދު ހައިކޯޓު ހިނގަމުން ދަނީ ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ލީގަލް ސެކްޝަންގެ ބެލުމުގެ ދަށުންނެވެ. ދައުލަތުގެ ވަޒީރުން ތަކުރާރުކޮށް ރައްޔިތުންގެ ހައްގުތައް ހިފަހައްޓަމުން ދާއިރު އެކަންކަން ދިފާއު ކުރައްވަނީ ބަންޑާރަނައިބެވެ. ޝަރުއީ ނިޒާމުގެ ތެރޭގައި ރައްޔިތުންގެ ހައްގުތައް ތާށިކޮށް ޖެއްސުންކުރުމުގެ އަމަލުތައް ހިންގަމުން ގެންދަނީ ދައުލަތުގެ ވަކީލުންނެވެ." އެ ސިޓީގައި ވެއެވެ.

އިބްރާ ވަނީ އެމްޑީޕީގެ ރައީސްކަންވެސް ކުރައްވާފައެވެ. މީގެކުރިންވެސް އިބްރާ ޕާޓީއާ ވަކިވެ ވަޑައިގަތެވެ. އޭރު ވަކި ވަޑައިގެން އެހެން ޕާޓީއެއްވެސް އުފެއްދެވި ނަމަވެސް އެ ޕާޓީ ވަނީ އުވާލެވިފައެވެ. އޭގެ ފަހުން މި ސަރުކާރާއެކު އަލުން އިބްރާ އެމްޑީޕީއާ ގުޅިވަޑައިގަތެވެ.