ރާއްޖެ އާއި ރާއްޖޭން ބޭރުގައި ޓެރަރިޒަމްގެ ހަމަލާއެއް ދޭން ރޭވި ކަމަށް ތުހުމަތުވާ ހަތަރު ދިވެއްސަކާ ގުޅުން ހުރި ތަންތަން ފާސްކޮށްފިއެވެ.
ހަތަރު ދިވެއްސަކު ރާއްޖެ އާއި އަވަށްޓެރި ގައުމެއްގައި ޓެރަރިޒަމްގެ ހަމަލާއެއް ދިނުމަށް، 2017 ވަނަ އަހަރުގެ ފަހުކޮޅު ރާވައި، ރާއްޖެއިން ބޭރުގެ ޓެރަރިސްޓް ޖަމާއަތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދީ ޓެރަރިޒަމް އަމަލެއް ހިންގުމަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމުގެ ހެކި އެކުވެރި ދެ ދައުލަތަކުން ކޮށްފައިވާ ތަހުގީގުން ހާމަވެފައިވާ ކަމަށް ފުލުހުން ވަނީ ރޭގައި ބުނެފައެވެ.
އެހެންވެ އެގައުމުތަކުގެ ގާނޫނު ތަންފީޒުކުރާ އިދާރާތަކުން ފޯރުކޮށްދީފައިވާ މައުލޫމާތާއި ހެކީގެ އަލީގައި ތިން ތަނެއް އިއްޔެ ވަނީ ބަލައި ފާސްކޮށްފައިކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ. ހަމަމިއާއެކު، ތަހުގީގުގެ ބޭނުމަށް ތިން މީހެއްގެ ޑިޖިޓަލް ޑިވައިސްތައް ހިފަހައްޓާފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ. އަދި މި މައްސަލައިގައި މައުލޫމާތު ފޯރުކޮށްދީފައިވާ ގައުމުތަކުގެ ތަހުގީގަށް ބޭނުންވާ އެހީތެރިކަން ފުލުހުން ފޯރުކޮށްދެމުންދާ ކަމަށްވެސް ފުލުހުން މައުލޫމާތުދީފައިވެއެވެ.
މިމައުލޫމާތުތައް ހާމަކޮށްފައިވީ ނަމަވެސް އެ ހަތަރު މީހުން، ރާއްޖޭގެ އިތުރުން ދެން ހަމަލާދޭން ރޭވި ގައުމުގެ މައުލޫމާތެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.