އަމިއްލަ ބާރެއް ނެތި އެހެން މީހަކު ބުނާ ބަސް އިއްވަން ނ އަތޮޅަށް ވަޑައިނުގަތުމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ. މުހައްމަދު މުއިއްޒަށް އެމްޑީއޭގެ ނައިބު ރައީސް އަލީ މައުރޫފު މުއިޒަށް ގޮވާލައްވައިފިއެވެ.

ކެނދިކުޅުދޫ ދާއިރާގެ މަޖިލިސް މެމްބަރުކަންވެސް ކުރައްވާފައިވާ މައުރޫފް މިގޮތަށް ގޮވާލެވީ އަންނަ މަހުގެ ނުވަވަނަ ދުވަހު ބާއްވާ ރިޔާސި އިންތިހާބުގެ ކެމްޕެއިނަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ނ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ލަންދޫއަށް މިއަދު ވަޑައިގެން ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

މައުރޫފު ވިދާޅުވީ މުއިއްޒަށް ވަރަށް އިހުތިރާމު ކުރައްވާ ކަމަށާއި ނަމަވެސް މުއިއްޒަށް ދަންނަވާލަން ބޭނުންވެލައްވަނީ ބާރު ނުފޯރާ، ބަސް ބުނުމުގެ ބާރު ނެތް ކެންޑިޑޭޓެއްގެ ގޮތުގައި އެހެން މީހަކު ބުނާ އެއްޗެއް ބުނަން ނ. އަތޮޅަށް ވަޑައިނުގަތުމަށެވެ.

"އަޅުގަނޑުމެން ބޭނުމެއް ނޫނޭ ޕީޕީއެމްގެ އައްޗި ކުލަ އޮންނާކަށް މީގެ ފަހަކުން،" މައުރޫފު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ، ނ. އަތޮޅަށް ތަރައްގީ ގެނެސްފައި ވަނީ އެމްޑީއޭގެ ރައީސް އަހުމަދު ސިޔާމް މުހައްމަދާއި ހަމައެކަނި މި ސަރުކާރުން ކަމަށެވެ. ރައީސް ސާލިހުގެ ދެވަނަ ދައުރަށް އެކުލަވާލާފައިވާ ރިޔާސީ މެނިފެސްޓޯގައި ވެސް ނ. އަތޮޅަށް ބޮޑު ތަސައްވަރެއް އެބަ އޮތް ކަމަށް މައުރޫފް ވަނީ ވިދާޅުވެފައެވެ.

މައުރޫފް ވިދާޅުވީ ކުރީ ދައުރުގައި ނުކުރެވި ހުރި ކިތަންމެ ކަމެއް މި ދައުރުގައި ހުރީ ކޮށްދީފައި ކަމަށާއި ކުރިއަށް އޮތް އަހަރުތަކުގައި ނޫނު އަތޮޅު ވެގެންދާނީ ލޯކަލް ޓޫރިޒަމްގެ އެންމެ އުސް ބިންގާގެ ތަނބުކަމުގައި ކަމަށެވެ. އަދި ސިޔާމު ވަނީ އެކަން ކޮށްދެއްވާނެ މަގުތައް ފަހިކޮށްދިނުމަށް މަސައްކަތްތަކެއް ކޮށްދީފައިކަމަށްވެސް މައުރޫފް ވިދާޅުވިއެވެ.