މިއަންނަ މަހުގައި އޮންނަ ރިޔާސީ އިންތިހާބުގައި މޯލްޑިވްސް ނެޝަނަލް ޕާޓީ، (އެމްއެންޕީ)ގެ ކެންޑިޑޭޓް ކާނަލް މުޙައްމަދު ނާޒިމްގެ ކެމްޕޭން ދަތުރު މިއަދު ތ އަތޮޅަށް ފަށައިފިއެވެ.

މި ދަތުރުގައި އެންމެ ފުރަތަމަ ޒިޔާރަތްކޮށްފައިވަނީ ތ.ގުރައިދޫއަށެވެ. މި ޒިޔާރަތްކުރެއްވުމުގައި ނާޒިމް ވަނީ އެމްއެންޕީގެ ޖަގަހަ ހުޅުއްވައިދެއްވާފައެވެ. އަދި މިކަމުގެ ސަބަބުން ކެމްޕެއިންގެ ހަރަކާތްތައް އިތުރުވެގެންދާނެކަމަށް ނާޒިމް ވިދާޅުވިއެވެ. ނާޒިމް ވަނީ އެރަށު ކައުންސިލާ ބައްދަލުކުރައްވާ އެފުރުސަތު ދެއްވީތީ އެކަމަށް ޝުކުރުއަދާކޮށްފައެވެ.

މީގެ އިތުރުން ނާޒިމް ވަނީ މިއަދު ތ.ވޭމަންޑޫއަށްވެސް ޒިޔާރަތްކުރައްވާފައެވެ. ނާޒިމް މިއަދު ވަނީ ތ. ވޭމަންޑޫ ކެމްޕެއިން ޖަގަހަ ހުޅުވައިދެއްވައި، މިޖަގަހައާއެކު ސައުތު ސެންޓްރަލް ރީޖަންގެ ކެމްޕެއިން އިތުރު ހަރުފަތަކަށް ގެންދެވޭނެކަަމުގެ ޔަގީންކަން ދެއްވާފައެވެ.

ވޭމަންޑޫ ކެމްޕެއިން ޖަގަހަ ހުޅުއްވުމުގެ ތެރެއިން

ރިޔާސީ ކެމްޕޭނަށް ނާޒިމް ލ. އަތޮޅަށް ވަޑައިގެންފައިވާއިރު އެމަނިކުފާނު ވަނީ ލ. ދަނބިދޫގައި ކުރިޔަށް ގެންދާ ކެމްޕެއިން ހަރަކާތްތައް ބައްލަވާލައްވައި ދަނބިދޫ ކެމްޕެއިން ޓީމަށް ހިތްވަރު ދެއްވާފައެވެ.