ދިއްދޫގައި ބިން ހިއްކާ އެއާޕޯޓެއް އެޅުމަށްޓަކައި ކުރަން ޖެހޭ ކަންތައްތައް ކުރުމަކީ ވަރަށް ފަސޭހަ ކަމެއް ކަމަށާއި، އެކަން އެރަށުގެ ރައްޔިތުންނަށް ހާސިލުކޮށްދެއްވާނެ ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސްގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މުއިއްޒު މިހެން ވިދާޅުވީ، ރިޔާސީ ކެމްޕެއިނަށް އަތޮޅުތަކުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކުގެ ތެރެއިން ތިލަދުންމަތީ އުތުރުބުރީ ދިއްދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރަށުގެ ވަރަށް ގިނަ އަދަދެއްގެ ރައްޔިތުންގެ ބައިވެރިވި މިޖަލްސާގައި އެއާޕޯޓްގެ ޔަގީންކަން މުއިއްޒު ދެއްވުމާއިއެކު ޖަލްސާއަށް ވަޑައިގެން ތިއްބެވި ބޭފުޅުން ވަނީ ކޮޅަށް ތެދުވެ ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ. ޑރ. މުއިއްޒު ވިދާޅުވީ ދިއްދޫ ރައްޔިތުންގެ އެންމެ ބޮޑު އުންމީދު ކަމުގައިވާ ދިއްދޫއެއާޕޯޓު، މުއިއްޒުގެ ވެރިކަމެއްގައި އެއުންމީދު ހާސިލުކޮށްދެއްވާނެ ކަމަށެވެ.

"ރަށުގެ ރައްޔިތުން ވަރަށް ބޮޑަށް ބޭނުންވެފައި މިއޮތީ ބިން ހިއްކައިގެން އެއަރޕޯޓެއް އެޅުން. މިރަށުގައި ބިން ހިއްކައި އެއަރޕޯޓެއް އެޅުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރުމަކީ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ދާދި ފަސޭހަ ކަމެއް. އެކަން ތިބޭފުޅުންނަށް އަޅުގަނޑުމެން ހާސިލްކޮށްދޭނަން،"
ޑރ. މުއިއްޒު

ޑރ މުއިއްޒުގެ ވާހަކަފުޅުގައި ރައްޔިތުން ދެކެ ލޯބިވާ ސަރުކާރެއްނަމަ އެންމެ އުފާވާނީ ރައްޔިތުން ފުދުންތެރިކަމާއެކު އުޅޭތަން ފެނުމުން ކަމަށެވެ. އެހެންނަމަވެސް މިހާރަކަށް އައިސް ސިޔާސީ އެކިއެކި ބޭނުންތަކަށް ޒުވާނުންނަށް ވަޒީފާ ދެނީ ކުންފުނިތަކުން މަޝްރޫޢުތައް ނުފަށަނީސްކަމަށާއި އެއީ ވަރަށް ހިތާމަވެރި ކަމެއް ކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ.

ބޯހިޔާވަހިކަމުގެ މައްސަލަތަކަށް ހައްލު ގެންނާނެ ގޮތާއި އެކަން ކޮށްދެއްވާނެ ގޮތުގެ ތަސައްވަރެއްވެސް މުއިއްޒު ވަނީ ހިއްސާ ކުރައްވާފައެވެ. އެގޮތުން މުއިއްޒު ވިދާޅުވީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ވެރިކަމެއްގައި ބޯހިޔާވަހިކަމުގެ ސިޔާސަތަކީ އެންމެ އިސްކަންދޭނެ އެއް ސިއްޔާތު ކަމަށެވެ.

އެސިޔާސަތުގެ ދަށުން ބޯހިޔާ ވަހިކަމަށް ބޭނުންވާ ހުރިހާ ރައްޔިތުންނަށް ބޯހިޔާ ވަހިކަން ފޯރުކޮށް ދެއްވުމަކީ ކުރައްވާނެ ކަމެއްކަމަށް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒުގެ ސަރުކާރެއްގައި އެންމެ އިސްކަމެއް ދެއްވާނީ ގެދޮރުވެރި ކަމަށް ފަހު ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ހޯދައިދިނުމަށް ކަމަށްވެސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.