ކުރިއަށް އޮތް ބުރާސްފަތި ދުވަހުގެ ރޭ ކުޅުމަށް ހަމަޖެހިފައިވާ ޔުއެފާ ސްޕަރ ކަޕް ފައިނަލުގައި މެންޗެސްޓަރ ސިޓީގެ ކެޕްޓަން ކެވިން ޑިބްރޭނާއަށް އަނިޔާގެ ސަބަބުން ނުކުޅެވޭނެކަން ޔަގީން ވެއްޖެއެވެ.

އިތުބާރު މިޑްފީލްޑަރު ޑިބްރޭނާއަށް އަނިޔާވީ އިނގިރޭސި ޕްރިމިއަރ ލީގުގައި މިސީޒަނުގައި އެޓީމުން ކުޅުނު ފުރަތަމަ މެޗުގައި މިދިޔަ ހޮނިރު ދުވަހު ބާންލީ އަތުން ސިޓީ 3-0 އިން މޮޅުވި މެޗުގައެވެ. އަނިޔާގެ ސަބަބުން ކުޅުން އިތުރަށް ކުރިއަށް ނުގެންދެވޭނެތީވެ ކޯޗް ޕެޕް ގާޑިއޯލާ، ޑިބްރޭނާ ބަދަލު ކުރީ ފުރަތަމަ ހާފުގެ 36 ވަނަ މިނެޓުގައެވެ.

ޑިބްނޭއަށް މިފަހަރުވެސް އަނިޔާވީ، ޗެމްޕިއަންސް ލީގް ފައިނަލުގައި މިދިޔަ ޖޫން މަހު އިންޓަމިލާނާ ދެކޮޅަށް ކުޅެނިކޮށް ދިމާވިފަދަ ހެމްސްޓަރިންގ (ފަމަސްގަނޑު) އަނިޔާއެއް ކަމަށް ކޯޗް ގާޑިއޯލާ ބުނެއެވެ. "އެއީ ހަމަ ކުރީގައިވެސް ދިމާވިފަދަ ހެމްސްޓަރިންގ އަނިޔާއެއް. އެކަމަކު އަހަންނަށް ބުނެދޭކަށް ނޭނގޭ އަނިޔާވީ ފަލަމަސްގަނޑުގެ ކޮން ހިސާބަކަށް ކަމެއް. އަނިޔާއިން ސަލާމަތް އަލުން ކުޅުމުގެ ތެރެއަށް އައުމަށް އޭނާ (ޑިބްރޭނާ) އަށް ދެތިން ހަފްތާ ނަގާނެ ކަމަށް ބެލެވޭ" ބާންލީ މެޗަށްފަހު ގާޑިއޯލާ ބުންޏެވެ.

ސްޕަރ ކަޕް ފައިނަލުގައި ސިޓީ ނިކުންނާނީ މިދިޔަ ސީޒަނުގެ ޔުރޮޕާ ލީގުގެ ޗެމްޕިއަން ސްޕެއިނުގެ ސެވިއްޔާއާ ދެކޮޅަށެވެ. މިމެޗަށް ގާޑިއޯލާ މިހާރު ވަނީ 22 ކުޅުންތެރިންގެ ސްކޮޑެއް އެކުލަވާލާފައެވެ. މިމެޗް ކުޅޭނީ ބުރާސްފަތި ދުވަހުގެ ރޭ ރާއްޖޭ ގަޑިން ދަންވަރު 12:00 ގައެވެ.