އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒުގެ ރަނިން މޭޓް ހުސެއިން މުހައްމަދު ލަތީފް ހުވަދު އަތޮޅުގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅުގައި ފުރާ ވަޑައިގެންފިއެވެ.

އެ އަތޮޅު ފަރެސްމާތޮޑާއަށް އުފަން ސެމްބެ އާއިއެކު މިދަތުރުގައި ލީޑަރޝިޕްގެ އިސް ބޭފުޅުން ވަނީ ބައިވެރިވެފައެވެ. މިދަތުރުގައި ޕީޕީއެމްގެ ދެ ނައިބް ރައީސުން ކަމުގައިވާ ޣައްސާން މައުމޫނާއި، އަހުމަދު ސިޔާމް ބައިވެރިވެ ވަޑައިގަންނަވައެވެ.

އެގޮތުން މިދަތުރުގައި ހުވަދު އަތޮޅުގެ ގިނަ ރަށްތަކަށް ދިއުމަށް ވަނީ ހަމަޖެހިފައެވެ.

މިމަހުގެ 15 އިން 19 އަށް، ގއ. އަދި ގދ. ގެ ރަށްތަކަށް، ރަނިންމޭޓް ހުސެއިން މުހައްމަދު ލަތީފް (ސެމްބެ) ވަޑައިގަތުމަށް ހަމެޖެހިފައިވާއިރު، ރިޔާސީ ކެންޑިޑޭޓް ޑރ. މުއިއްޒު މިމަހުގެ 17 އިން 19 އަށް ވ.މ.ފ. އަދި ދ. އަތޮޅަށް ވަޑައިގަތުމަށް ހަމަޖެހިފައެވެ.

އަންނަ ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ޑރ. މުއިއްޒު މިހާރު ގެންދަވަނީ ހއ.ގެ ރަށްތަކަށް ދަތުރު ކުރައްވަމުންނެވެ. މިގޮތުން ރޭ ހއ. އިހަވަންދޫގައި ޕީޕީއެމް/ޕީއެންސީއިން ބޮޑު ޖަލްސާއެއް ބާއްވާފައިވާއިރު، މިރޭވަނީ ހއ. ދިއްދޫގައި ބޮޑު ޖަލްސާއެއް ބާއްވާފައެވެ.

މީގެއިތުރުން މިމަހު 17 އިން 19 ވަނަ ދުވަހުގެ ނިޔަލަށް ވ. މ. ފ. އަދި ދ. އަތޮޅުގެ ރަށްތަކަށްވެސް އެމަނިކުފާނު ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

އިދިކޮޅު ކެނޑިޑޭޓް ޑރ. މުއިއްޒު އުތުރުގެ އަތޮޅުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކުގައި ރަށްތަކުން މުއިއްޒުއަށް މަރުހަބާ ދެންނެވުމަށް ގިނަ އަދަދެއްގެ ބަޔަކު ނިކުންނަމުން ދާކަން ފާހަގަ ކޮށްލެވެއެވެ.