މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ގދ. ތިނަދޫ ޕޮލިސް ސްޓޭޝަނުން އެ ރަށުގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ތިންމީހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ތިނަދޫގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 30 އަހަރުގެ ފިރިހެނަކާއި 33 އަހަރުގެ ފިރިހެނަކާ އަދި 35 އަހަރުގެ ފިރިހެނެއް ކަމަށެވެ.

މިމަހު 13 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި އެ ތިން މީހުން ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 71 ރަބަރު ޕެކެޓު ފެނިފައިވެއެވެ.

މި މައްސަލައާ ގުޅިގެން އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ތިނަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާތަނެއްގައި ބަންދުގައި ބެހެއްޓުމަށް 33 އަހަރުގެ މީހާއަށް އަށްދުވަސް އަދި 35 އަހަރުގެ މީހާއަށް 15 ދުވަހުގެ މުއްދަތު ދީފައިވެއެވެ. 30 އަހަރުގެ މީހާ ކޯޓުން ވަނީ ދޫކޮށްލާފައެވެ.

މި މައްސަލަ ތިނަދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.